ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވުމާ ގުޅިގެން، ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ މައްޗަށް އުފުލާފައިވާ ސީރިއަސް ތުހުމަތުތަކެއް ޖުޑިޝަރީ ކޮމިޓީން މުރާޖައާ ކުރަން ނިންމައިފި އެވެ. ޕްރޮސިކިއުޓާ ޖެނެރަލް މިނިވަންކަމާއެކު އަދި ނާޖާއިޒު ނުފޫޒެއް ނެތި އަމަލުކުރަން ޖެހޭ ކަމަށް ފާހަގަކޮށްފައިވާ މި ހުށަހެޅުމުން ޝަމީމްގެ ޕީޖީ ކަމުގައި ނިންމި މައްސަލަ ބޮޑު ބައެއް ނިންމުންތައް ވަނީ ހާމަވެފަ އެވެ.
މެމްބަރު ޝާހިދު ވިދާޅުވި ގޮތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ބާރުތައް ބޭނުންކުރަންވާނީ އެޓާނީ ޖެނެރަލް ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށް، ވަކި ފަރާތަކަށް އިސްކަން ނުދީ އެވެ. ނަމަވެސް ޝާހިދު ތުހުމަތުކުރާ ގޮތުގައި ޝަމީމް ވަނީ މި މިންގަނޑުތައް ދަމަހައްޓަން ނާކާމިޔާބުވެފައެވެ. މީގެ އިތުރުންވެސް، ސުވާލު އުފެދޭ ގިނަ އަމަލުތަކެއް ހިންގައި އެ މަގާމަށް އޭނާ އެކަށީގެންވާ ކަމާ މެދު ކަންބޮޑުވުންތަކެއް އުފެދިފަ އެވެ.
ހުސައިން ޝަމީމްގެ މައްޗަށް އުފުލާފައިވާ މުހިންމު ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ؛
- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގުކޮށް ނިމިފއިވާ ޖިންސީ ގޯނާގެ މައްސަލަ ޝަމީމުއާއި ހަމަޔަށް ދިޔުމުން އެމައްސަލަ "ލައްޕާލުން"
- ގާނޫނީ ގޮންޖެހުންތަކާ އެކު ވެސް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަގާމުގައި ދެމިހުރުމުގެ ހުއްދަ ދިނުން.
- ސަފާރީއެއްގައި ބިދޭސީއަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިސްތިއުނާފު ނުކުރުމަށް ނިންމީ، ޝަމީމުއާ އެމްޑީޕީއާ އޮންނަ ގުޅުމުގެ ސަބަބުން ކަމަށް ވުން
- މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް އުފުލާފައިވާ ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިއުމަށް ޝަމީމް ނިންމުން
- ބަނގުރަލާ ގުޅުންހުރި 77 މައްސަލައެއް އަނބުރާ ގެންދިޔުން
- އެއްޖިންސުން ގުޅުން ހިންގުމާ ގުޅޭ މައްސަލަތައް އަނބުރާ ގެންދިއުމެވެ.
- ދައުލަތަށް ބޮޑު ގެއްލުމެއް ލިބުނު ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމުން
- ޕީޖީ އޮފީހުގެ ތެރޭގައި މުވައްޒަފުންނާ މެދު ތަފާތުކުރުންތައް ގެންގުޅުން
މި އަމަލުތަކުގެ ސަބަބުން ޝަމީމްގެ ސުލޫކާއި މެދު ގިނަ ބައެއްގެ ކަންބޮޑުވުން އުފެދިފައިވާއިރު، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ދެމިހުރުމަށް އޭނާ ފިޓްތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ޖުޑިޝަރީ ކޮމިޓީގެ އިއްތިފާގުން މި މައްސަލަ ބެލުމަށް ނިންމާފައިވާއިރު، މިއީ ޝަމީމް މަގާމުން ވަކިކުރުމަށް މެދުވެރިވެދާނެ ފިޔަވަޅެކެވެ.
މީގެ އިތުރުން ޕީޖީ ފަދަ އަބުރުވެރި މަޤާމެއްގައި ހުރެ އަމިއްލަފުޅަށް ބަނގުރަލުގައި އަތްލައި އެތަކެތި ގެންގުޅެ އަމިއްލަފުޅު ސޯޝަލްމީޑިއާ އެކައުންޓަށް އެތަކެތި އަޕްލޯޑްކޮށްފައިވާކަން ފާހަގަ ކުރވެއެވެ.
މި ތުހުމަތުތަކުން ދައްކުވައިދެނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ނަޒާހަތްތެރިކަމެއް ނެތް މިންވަރެވެ. މި މުހިންމު މައްސަލައިގައި ޖުޑިޝަރީ ކޮމިޓީން މަޝްވަރާ ކުރަމުންދާއިރު، އަދުލު އިންސާފުގެ ނިޒާމަށް އާންމުންގެ އިތުބާރު އަލުން ހޯދުމަށް ހުސައިން ޝަމީމް މަގާމުން ވަކިވާން ޖެހޭ ކަމުގެ އިހުސާސް ދަނީ ބޮޑުވަމުންނެވެ.



