ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޕާކިސްތާނުގެ ރައީސް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން އެގައުމުގެ ރައްޔިތުންނަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ރައީސް ކުރެއްވި އެކްސްގައި ވިދާޅުވީ، ޕާކިސްތާނަކީ ކުރިއަށް އޮތްތަނުގައިވެސް އަމާންކަމާއި، ތަނަވަސްކަމާއި، އެއްބައިވަންތަކަމުގެ ތެރޭގައި ކުރިއަރަމުންދާނެ ގައުމެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސްގެ އެކްސްގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުމަށް އަލިއަޅުވާލާފައިވާއިރު، ކުރިއަށް އޮތް ތަނުގައިވެސް ދެގައުމުގެ ގާތް ގުޅުން އިތުރަށް ކުރިއަރާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
ޕާކިސްތާނުގައި މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ. މިއީ 1947 ވަނަ އަހަރު ޕާކިސްތާނު އިނގިރޭސިވިލާތުގެ އިސްތިޢުމާރީ ވެރިކަމުން މިނިވަންވި ދުވަހެވެ. މިއަދަކީ އެ ޤައުމުގެ 77 ވަނަ މިނިވަން ދުވަހެވެ.



