މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރާ ވިއްސާރައާއި ގުޅިގެން ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މިއަދު ހެދުނު 10:00 އިން ފެށިގެން މެންދުރު ފަހު 14:00 އާއި ހަމައަށް ރީދޫ ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ އެވެ.
މުޅި ރާއްޖޭގެ ވިއްސާރައަށް ބަލާއިރު މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ. އަދި އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ދެކުނުގެ އަތޮޅު ތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮއްފައިވެއެވެ.
އެ އިދާރާއިން އިތުރަށް ލަފާކުރާ ގޮތުގައި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ވައި ގަދަވާނެއެވެ. އަދި އެހެން ހިސާބުތަކަށް ވެސް ކަނޑު ގަދަވާނެ އެވެ، ރާޅުގެ އުސްމިނަށް ބަލާއިރު 6-9 ފޫޓު ދެމެދު އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް އުފުލޭނެ، އަދި 3-6 ފޫޓަށް ދެކުނުގެ އަތޮޅުތަކަށް އުފުލޭނެއެވެ.
ފާއިތުވި 24 ގަޑިއިރަށް ބަލާއިރު އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރިޕޯޓު ކުރެވިފައިވަނީ ވެރިރަށް މާލެ އަށެވެ. އެއީ 89.4 މިލިމީޓަރުގެ ވާރޭ އެވެ. އަދި ހުޅުލެއަށް 70.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު އއ. ތޮއްޑޫއަށް ވަނީ 70.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާންމު ކޮއްފައިވާ ފޮޓޯއެއް. އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިޕޯޓު ކުރެވުނީ މާލެއަށް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދިންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާއި ހިނގާބިނގާ އުޅުމަށް ދަތިވުމާ ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ގޯތިގެދޮރަށާއި ވިޔަފާރިތަކަށާއި ޢާއިލާތަކަށް ލިބޭ ގެއްލުން ކުޑަ ކޮށްދިނުމަށާއި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތްކުރަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ.



