މަސްތުވާތަކެއްޗާއެކު ލ. އަތޮޅުން ދެ މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 34 ދުވަސް ކުރިން - 1 ނޮވެންބަރު 2025 14:42
މަސްތުވާތަކެއްޗާއެކު ލ. އަތޮޅުން ހައްޔަރުކުރި ދެ މީހުން. ފުލުހުން ގެންދަނީ މި ދެ މައްސަލަ ތަހުގީގުކުރަމުން ---- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
މަސްތުވާތަކެއްޗާއެކު ލ. އަތޮޅުން ހައްޔަރުކުރި ދެ މީހުން. ފުލުހުން ގެންދަނީ މި ދެ މައްސަލަ ތަހުގީގުކުރަމުން ---- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޚުލާސާ

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. ގަން / ތުނޑި. ހުދުފަސް، ޔޫސުފް ނަސީމް (60އ) އަދި ލ. މުންޑޫ / ހީނާވިލާ، އަހުމަދު ޝަފީގު (55އ)

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލ. ދަނބިދޫ އަދި ގަމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މި ދެމީހުންގެ ތެރެއިން ލ. ގަން / ތުނޑި. ހުދުފަސް، ޔޫސުފް ނަސީމް (60އ) ހައްޔަރުކޮށްފައި ވަނީ އޮކްޓޫބަރު 30 ވަނަ ދުވަހު ގަމުގައި ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ގަން ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ބަރުދަނުގައި 5.39 ގުރާމު ހުރިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ޔޫސުފް ނަސީމް (60އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 10 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

މީގެ އިތުރުން، އޮކްޓޫބަރު 30 ވަނަ ދުވަހު ދަނބިދޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ލ. މުންޑޫ / ހީނާވިލާ، އަހުމަދު ޝަފީގު (55އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ދަނބިދޫ ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނި ގޮތުގައި ދަނބިދޫ ބަނދަރު މަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އޭނާގެ އަތުން ވަނީ ފެނިފަ އެވެ. އެ ތަކެތީގެ ބަރުދަނުގައި 46.32 ގުރާމު ހުރިކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ފަސް ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ފުލުހުން ގެންދަނީ މި ދެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%