މިހާރު ކުރަމުންދާ ވިއްސާރައާއި މޫސުން ގޯސްވުމުގެ ތަފާތު ހާދިސާތަކުގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް މަތިކޮށްފިއެވެ.
ފުލުހުން ބުނީ މި އެޖެސްޓްމަންޓްގެ މަގުސަދަކީ މުޅި ރާއްޖޭގައި ބޯކޮށް ވާރޭވެހި ފުޅާދާއިރާއެއްގައި ފެންބޮޑުވުމުގެ ސަބަބުން އާންމުންގެ ރައްކާތެރިކަން އިތުރުކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ވިއްސާރަވެ ވެރިރަށް މާލޭގެ ބައެއް ގެތަކަށް ފެން ވަދެ ހިފައިގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބެމުންދާއިރު، ފުލުހުން ވަނީ 55 ތަނެއްގައި ވެލި ބަސްތާ ޖަހާފައެވެ. ފަސް ތަނެއްގައި ފެން ހިއްކުމުގެ ޕަމްޕް ބެހެއްޓުމާއި، އިތުރު ގެއްލުން ލިބުނަނުދިނުމަށް އެތައް ސަރަހައްދެއްގައި ފެން ހިއްކުމުގެ އިތުރުން ތާށިވެފައި ތިބި ރައްޔިތުންނަށް ދަތުރުފަތުރުގެ އެހީތެރިކަން ފޯރުކޮށްދީ، ހުޅުމާލެ މުޙައްމަދު ގާސިމް ޕްރީ ސްކޫލްގެ ވަށައިގެން ވެލިބަސްތާ ބަހައްޓައިގެން ރައްކާތެރިކަމަށް އެހީތެރިވެދިން ކަމަށް ފުލުހުން ބުނެއެވެ.

އަތޮޅުތެރެއިން، ނޯތު ޕޮލިސް ރީޖަންގެ ނ. މަނަދޫ އާއި ރ. ވާދޫގައި ފެންބޮޑުވެފައިވާއިރު، މާޅޮހުގެ އޮފިސަރުން ވަނީ މަގުތަކުން ފެން ހިއްކުމަށް ހީވާގިކަމާއެކު މަސައްކަތްކޮށް، ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްކޮށްފަ އެވެ.
ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ޚާއްސަކޮށް މުލަކުގައި ފެންބޮޑުވުމުން ގޭބިސީތަކާއި ސަރުކާރުގެ އޮފީސްތައް ރައްކާތެރިކުރުމަށް ވަނީ ސަމާލުކަން ދީފަ އެވެ. މީގެއިތުރުން ސައުތު ޕޮލިސް ރީޖަންގައި ހާލަތު ގޯސްވެ، އައްޑޫ ސިޓީ ހުޅުމީދޫ ގެއަކަށް ފެންވަދެފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އައްޑޫ ސިޓީ ގަމު ގެއެއްގެ ފުރާޅު އެއްލައިލުމާއި ގެއެއްގެ ފުރާޅަށް ބަނބުކެޔޮ ގަހެއް ވެއްޓިފައިވާތީ ފުލުހުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، ނެއްލައިދޫ، ކުޅުދުއްފުށީ، ނޮޅިވަރަމް، ނޮޅިވަރަންފަރު، ދިއްދޫ، ތުރާކުނު، އަދި އުލިގަމުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދީ އިހަވަންދޫގެ 40 ގެ އާއި ކެލާ 22 ގޭގެ އިތުރުން ބާރަށު 55 ގެއަކަށް ފެނުގެ އަސަރުކޮށްގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ވިއްސާރައިގެ ފުޅާދާއިރާއެއްގައި ކުރާ އަސަރުތައް ހައްލުކުރުމަށް ކޯޑިނޭޓްކޮށްގެން ގައުމީ ފެންވަރުގައި ހުރިހާ އަތޮޅެއްގައި ވެސް ފުލުހުން މުހިންމު އެހީތެރިކަން ފޯރުކޮށްދެމުން އެބަދެއެވެ.
ގޮންޖެހުންތަކާ އެކުވެސް، މި ކުއްލި ނުރައްކަލުގެ ހާލަތުގައި ހުރިހާ ރައްޔިތުންގެ ސަލާމަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.



