ކެމަރޫންގެ ރައީސް ކަމުގެ މަޤާމަށް ޖެހިޖެހިގެން 8 ވަނަ ދައުރަށް މިހާރުގެ ރައީސް ޕޯލް ބިޔާ އިންތިޚާބުވެ ވަޑައިގެންފިއެވެ.
އުމުރުފުޅުން 92 އަހަރުގެ ބިޔާ އިންތިޚާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓު، އިއްސާ ޝިރޯމާ ބަކަރީ އާއި ވާދަކުރައްވައި 53.66 އިންސައްތައިގެ އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.
ބިޔާ އެންމެ ފުރަތަމަ ކެމަރޫންގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވީ 1982 ވަނަ އަހަރުގައެވެ. އޭގެފަހުން މިއަދާއި ހަމަޔަށް ކޮންމެ އިންތިޚާބެއް އެމަނިކުފާނު އެ ގެންދަވަނީ ކާމިޔާބު ކުރައްވަމުންނެވެ.
އެހެންކަމުން ބިޔާގެ އުމުރުފުޅުން 100 އަހަރު ވާއިރުވެސް ވެރިކަމުގައި ހުރުމުގެ ފުރުޞަތު އެމަނިކުފާނަށް އެބައޮތެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި ބިޔާ ވަނީ މަކަރާއި ހީލަތް ހަދާފައެވެ. އެކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިހާރު ގެންދަނީ ކެމަރޫންގައި ހަމަނުޖެހުން ހިންގަމުންނެވެ.



