ފާއިތުވި އަހަރުތަކުގައި ކުރެވުނު ދިރާސާތަކުން، ގޮހޮރުގެ ސިއްޙަތު މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ކުރާ ފުންނާބު އުސް އަސަރު ހާމަވަމުންދާއިރު، މިކަމަށް ޢާންމުންގެ ސަމާލުކަން އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މި ދާއިރާގައި އެންމެ އިސްކަމެއް ދެވެނީ ގޮހޮރުގެ މައިކްރޯބަޔޯމްއަށެވެ. މައިކްރޯބަޔޯމަކީ އިންސާނުންގެ ހަޖަމީ ނިޒާމުގައި ވަޒަންވެރިވެފައިވާ ޓްރިލިއަނުން ގުނާލެވޭ މައިކްރޯއޯގަނިޒަމްތަކުގެ ޖަމާޢަތެކެވެ. މީގެ ތެރޭގައި ބެކްޓީރިއާ، ވައިރަސް، ފަންގަސް އަދި އެހެނިހެން ދަށް ދަރަޖައިގެ ދިރޭތަކެތި ހިމެނެއެވެ. މި ކުދިކުދި ދިރުންތަކަކީ އިންސާނުންގެ ޞިއްޙަތުގެ ގިނަގުނަ ދާއިރާތަކަށް ނުހަނު މުހިންމު ބައެކެވެ. މިސާލަކަށް، ކާނާ ހަޖަމުކުރުމާއި، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް އުފެއްދުމާއި، ޖިސްމާނީ ދިފާޢީ ނިޒާމު ހަރުދަނާކުރުމާއި، އަދި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމުގައި މި ދިރުންތަކުގެ ދައުރު ފާހަގަކޮށްލެވެއެވެ.
މައިކްރޯބަޔޮމް ބައްޓަންކުރުމުގައި ޑައިޓްގެ ދައުރު
އަޅުގަނޑުމެންގެ ކެއުމުގެ އާދަތަކަކީ ހަޖަމުކުރާ ނިޒާމުގެ މައިކްރޯބަޔޯމްގެ އެކުލެވުމާއި ނުވަތަ ތަފާތުކަމަށް އެންމެ ބޮޑު އަސަރެއް ކުރާ އެއް ކަމެވެ. ފައިބަރ، މޭވާ، ތަރުކާރީ، ދަނޑުވެރިކަމުގެ އުފެއްދުންތައް އަދި ފަނިކުރެވިފައިވާ ކާނާއިން ފައިދާހުރި ބެކްޓީރިއާ އާލާވުމަށް މަގުފަހިވެއެވެ. މި ކާނާތަކުގައި "ފައިދާހުރި" ބެކްޓީރިއާ ދިރިއުޅެން ބޭނުންވާ މާއްދާތައް އެކުލެވިގެންވެއެވެ. މިސާލަކަށް، މޭވާ، ތަރުކާރީ އަދި މުޅި ދަނޑުވެރިކަމުގެ އުފެއްދުންތަކުގައި ހުންނަ ކާނާގެ ފައިބަރު، ޕްރީބަޔޮޓިކެއްގެ ގޮތުގައި މަސައްކަތްކޮށް، ހަޖަމުކުރާ ނިޒާމުގައި ހުންނަ ފައިދާހުރި ބެކްޓީރިއާއަށް ކާނާ ފޯރުކޮށްދެއެވެ. ޔޯގަޓް، ކެފިރު( ދިރިހުރި ބެކްޓީރިއާ އަދި ފަންގަސް (ޔީސްޓް) އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ބުއިމެއް)، ސައުއަރކްރައުޓް( ކޮށާފައިވާ ކެބެޖް، އެކި ބާވަތުގެ ލެކްޓިކް އެސިޑް ބެކްޓީރިއާ ބޭނުންކޮށްގެން ފަނާކޮށްފައިވާ (ފަރމެންޓް ކޮށްފައިވާ) އެއްޗެއް) އަދި ކިމްޗީ (ކޮރެއާގެ އާންމު ސައިޑް ޑިޝްއެއް) ފަދަ ފަނިކުރެވިފައިވާ (ފަރމެންޓް ކޮށްފައިވާ) ކާނާއިން ޕްރޮބަޔޮޓިކްސް، ދިރިހުރި ފައިދާހުރި ބެކްޓީރިއާ ، ސީދާ ހަޖަމުކުރާ ނިޒާމަށް ފޯރުކޮށްދެއެވެ.
ނަމަވެސް، ޕްރޮސެސްކޮށްފައިވާ ކާނާއާއި، އަދި ހަކުރާއި ނުބައި މޭވާގެ މަތީ މިންވަރެއް ހިމެނޭ ކާނާ ބޭނުންކުރުމުން، މި ބެލެންސް ގެއްލި، ފައިދާހުރި ބެކްޓީރިއާގެ އަދަދު މަދުވެ، ގެއްލުންދެނިވި ބެކްޓީރިއާގެ އަދަދު އިތުރުވެގެންދެއެވެ. މި ބެލެންސް ގެއްލުން، ނުވަތަ 'ޑިސްބަޔޯސިސް' ގެ ނަމުން މަޝްހޫރު މި ހާލަތަކީ، ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތަކާއި، ހަށިގަނޑު ފަލަވުމާއި، މެޓަބޮލިކް ސިންޑްރޯމްފަދަ ބަލިތަކާއި، އަދި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކާ ސީދާ ގުޅުންހުރި ކަމެއްގެ ގޮތުގައި ދިރާސާތަކުން ދައްކުވައިދެއެވެ.
ގޮހޮރުގެ ސިއްހަތާއި ޖުމްލަ ދުޅަހެޔޮކަން
ހަށިގަނޑުގެ ހަޖަމީ ނިޒާމުގެ ދުޅަހެޔޮކަމާއި، ކާނާގެ މުހިންމު ބައިތައް އެކަށީގެންވާ ގޮތެއްގައި ހަށިގަނޑަށް ލިބުމަށްޓަކައި، ހަރުދަނާ ގަޓް މައިކްރޯބައޯމެއް އޮތުމަކީ ނުހަނު މުހިންމު ކަމެކެވެ. ގަޓް މައިކްރޯބައޯމް ރަނގަޅު ހާލަތެއްގައި ހުރުމުން، ކާނާ އެކަށީގެންވާ ގޮތެއްގައި ހަޖަމުވެ، ބޭނުންތެރި ނިއުޓްރިއަންޓްތައް ހަށިގަނޑަށް ހިފެހެއްޓި، އަދި ބޭކާރު ބައިތައް ހަށިގަނޑުން ބޭރުކުރުމުގެ މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށްދެއެވެ. އެހެންނަމަވެސް، ގަޓް މައިކްރޯބައޯމްގެ މުހިންމުކަން ހަމައެކަނި ހަޖަމީ ނިޒާމަށް އެކަނި ކުރާ އަސަރަކަށް ނުވެއެވެ. މީގެ އިތުރުން، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމުގައި ވެސް ގަޓް މައިކްރޯބައޯމް އަދާކުރަނީ ފާހަގަކޮށްލެވޭ ދައުރެކެވެ. މިގޮތުން، ނުރައްކާތެރި ބެކްޓީރިއާ ފަދަ ޖަރާސީމުތަކުން ހަށިގަނޑު ރައްކާތެރިކޮށްދީ، އެކިއެކި ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު މަދުކުރުމަށް އެހީތެރިވެދެއެވެ.
ޢިލްމީ ދިރާސާތަކުން ހާމަވަމުންދާ ގޮތުގައި، އާންމު ޞިއްޙަތާއި ނަފްސާނީ ދުޅަހެޔޮކަމާ ދެމެދު ވަރަށް ބޮޑު ގުޅުމެއް ވެއެވެ. މި ގުޅުން "ގަޓް-ބްރެއިން އެކްސިސް" ގެ ނަމުންވެސް މަޝްހޫރުވެފައިވެއެވެ. މީގެ މާނައަކީ ހަށިގަނޑުގެ ގަޓް (ގޮހޮރު) އާއި ސިކުނޑި އާއި ދެމެދު އޮންނަ ގުޅުމެވެ. މި ދެ ގުނަވަން އަބަދުމެ މުޢާމަލާތްކުރަމުންދަނީ ނާރުތަކާއި، ހޯމޯންތަކާއި، އަދި ބަޔޯކެމިކަލް ސިގްނަލްތަކުގެ ނެޓްވޯކެއް މެދުވެރިކޮށެވެ. ގަޓް މައިކްރޯބަޔޯމްގެ އެކި ބައިތަކުގެ މެދުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑެތި ތަފާތުތަކެއް ހުރުމަކީ އެކި ނަފްސާނީ ހާލަތްތަކާ ގުޅުންހުރި ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ ތެރޭގައި ކަންބޮޑުވުމާއި، ޑިޕްރެޝަންއާއި، އަދި ސިކުނޑީގެ މަސައްކަތްތެރިކަން ދަށްވުން ފަދަ ކަންކަން ހިމެނެއެވެ. އަނެއްކޮޅުން، ޞިއްޙަތު ރަނގަޅު ގަޓް މައިކްރޯބަޔޯމެއް ހުރުމުން މޫޑު ރަނގަޅުވެ، ސިކުނޑީގެ މަސައްކަތްތައް ހަރުދަނާވުމަށް މަގުފަހިވާކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ.
ގޮހޮރުގެ ސިއްހަތު އިތުރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް
ގޮހޮރުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ޖުމްލަ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން، ކާނާއާއި ދިރިއުޅުމުގެ ވައްޓަފާޅި ހިމެނޭ އުކުޅުތަކެއް ބޭނުންކުރުން މުހިންމެވެ. ތަރުކާރީ ފަދަ ކާއެއްޗެހި ކެއުމުން ފައިދާހުރި ބެކްޓީރިއާތައް އުފެދުމަށް ބޭނުންވާ ފައިބަރާއި ނިއުޓްރިއެންޓްސް ލިބެއެވެ. މީގެ އިތުރުން، ޔޯގަޓް އަދި ކިމްޗީ ފަދަ ފަނިކުރެވިފައިވާ (ފަރމެންޓް) ކާނާ ބޭނުންކުރުމަކީ ގޮހޮރުގެ މައިކްރޯބަޔޯމްގެ ތަނަވަސްކަން އިތުރުކޮށް، އޭގެ ބެލެންސް ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ފެނަކީ ގޮހޮރުގެ ފިލާ ފަށަލަ(މިއުކޯސަލް ލައިނިންގ) ރައްކާތެރިކޮށް ބެލެހެއްޓުމަށާއި، އޮމާންކަމާއެކު ހަޖަމުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުން، ގަވާއިދުން ކަސްރަތުކުރުމަކީ ގޮހޮރުގެ މައިކްރޯބަޔޯމްގެ ތަފާތުކަން އިތުރުކޮށް، ނަފްސާނީ ގޮތުން ފިތުންތެރިކަން ކުޑަކޮށް، ގޮހޮރުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭ ވަރަށް މުހިންމު ކަމެކެވެ. ޕްރޮސެސްކުރެވިފައިވާ ކާނާއާއި، ހަކުރުގެ މިންވަރު މަތި ލުއިކާނާ، އަދި ސިއްހަތަށް ގެއްލުންހުރި މޮޅިތަކުގެ ބާވަތްތައް ކެއުން މަދުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ގޮހޮރުގެ ދުޅަހެޔޮކަމަކީ މުޅި ހަށިގަނޑުގެ ސިއްޙަތުގެ މައިގަނޑު އަސާސެކެވެ. އެއީ ހަޖަމު ނިޒާމާއި، ދިފާޢީ ނިޒާމުން ފެށިގެން ނަފްސާނީ ދުޅަހެޔޮކަމާ ހަމައަށް ހުރިހާ ދާއިރާއަކަށް ސީދާ އަސަރުކުރާ ކަމެކެވެ. ގޮހޮރުގެ ސިއްޙަތު ރަނގަޅުކުރުމަށްޓަކައި، ހަކުރާއި ލޮނު މަދު، ފައިބަރު ގިނަ، އެކަށީގެންވާ ވަރަކަށް ޕްރޮޓީނު އެކުލެވޭ ކާނާ ކެއުމަށް އިސްކަންދިނުމާއެކު، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ގަވާއިދުން ކަސްރަތުކުރުމާއި، ދުޅަހެޔޮ އާދަތައް އަށަގެންނެވުމަކީ ގޮހޮރުގެ މައިކްރޯބަޔޯމް (ގޮހޮރުގައި ދިރިއުޅޭ ރަނގަޅު ބެކްޓީރިއާ) އާލާވެ، ގޮހޮރުގެ މަސައްކަތް ހަރުދަނާވުމަށް މަގުފަހިވާނެ ކަންކަމެވެ. މި ކަންކަމުގެ ސަބަބުން މުޅި ހަށިގަނޑުގެ ސިއްޙަތު ރަނގަޅުވެ، ދުޅަހެޔޮކަން އިތުރުވާނެއެވެ. ވުމާއެކު، ކާނާއާއި، ގޮހޮރުގެ މައިކްރޯބަޔޯމްއާއި، އަދި ޖުމުލަ ދުޅަހެޔޮކަމާ ހުރި ގުޅުމަކީ ގޮހޮރުގެ ސިއްޙަތަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ. މިފަދަ ދުޅަހެޔޮ އާދަތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި އުފާވެރި، ހަށިހެޔޮ ދިރިއުޅުމެއް އުޅުމަށް އަޅާ ވަރުގަދަ ބިންގަލެކެވެ.








