ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާދަމާ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މާދަމާ (14 އޮގަސްޓު ވާ ބުދަ ދުވަހަކީ) ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދިންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާއި ހިނގާބިނގާ އުޅުމަށް ދަތިވުމާ ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ގޯތިގެދޮރަށާއި ވިޔަފާރިތަކަށާއި ޢާއިލާތަކަށް ލިބޭ ގެއްލުން ކުޑަ ކޮށްދިނުމަށާއި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތްކުރަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ.

ވިއްސާރައިގެ ވަގުތުގައި ފުލުހުން ޤައުމީ ހިދުމަތުގައި - ފޮޓޯ: އައުޝަމް ވަހީދު/ޚުލާސާ
ރަޢީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވިއްސާރައިގައި ލިބޭ ގެއްލުން ކުޑަކުރުމަށް ކުރާ މަސައްކަތް ތަކުގެ ތެރެއިން، މާލޭގެ ހުރިހާ މަގުތައް ރަަނގަޅު ފެންވަރަށް ހެދުމަށް ފަށާ މަޝްރޫއުގެ އެއްމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެން ބޮޑުވުން ހައްލުކުރުން ކަމަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ވަރަށް ވައިގަދަވާނެއެވެ. އަދި ކަނޑު ވެސް ގަދަވާނެކަމަށް ލަފާކޮއްފައި ވެއެވެ. އަލްޖަޒީރާގެ މޫސުމާބެހޭ ރިޕޯޓުގައި އިއްޔެ ފާހަގަ ކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 3 ދުވަހު ރާއްޖެއަށް 1 މަހުގެ ވާރޭ ވެހޭނެ އެވެ.



