އިއްޔެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫތު މިނިސްޓްރީ އާއި އެގްރިކަލްޗާ މިނިސްޓްރީއާ ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ވަނީ ބާއްވައިފަ އެވެ. މި މެޗުގެ ތެރެއިން ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު) އަށް ވަނީ ސީރިއަސް އަނިޔާއެއް ލިބި، އަތުގެ ކަށިގަނޑު ދުރުވެފައެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ވަޒީރަށް އަނިޔާވީ ކުޅުމުގެ ތެރެއިން ގޯލެއް ޖެހުމަށް ގޯލާއި ދިމާލަށް ބޯޅަ ހިފައިގެން ދަނިކޮށް ވެއްޓި ކަމަށެވެ. އެވަގުތު ޔޫތު މިނިސްޓްރީ އޮތީ 2-1 އިން މޮޅުވެފައި ކަމަށާއި ވަޒީރަށް އަނިޔާވުމުން މެޗު ނިންމާލާފައި ފަރުވާއަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. ޒުވާނުންގެ ވަޒީރަށް މި އަނިޔާ ލިބިފައި ވަނީ ރޭ 19:46 ހާއިރު އެވެ.

ވަޒީރު އަސްވާޑަށް ކުޅުމުގެ ތެރެއިން އަނިޔާވެފައި
ޚުލާސާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ ޑޮކްޓަރުން ލަފާ ދެއްވީ އެމަނިކުފާނުގެ އަތުގައި ދެ ބޯލްޓް ހަރުކުރުމަށް ސާޖަރީއެއް ހެދުމަށެވެ. އަދި ދެވަނަ އޮޕްޝަނެއްވެސް ޑޮކްޓަރުން ދެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ. "އެއްގޮތަކީ މިހާރު ދެ ބޯލްޓް ހަރުކޮށްލުމޭ. އަނެއް ގޮތަކީ 21 ދުވަހު މަޑުކޮށްލާފަ ބެލުމޭ ރިކަވަރ ވަމުންދާ މިންވަރު. އެހެންވެ އަޅުގަނޑު މި އިޚްތިޔާރުކުރީ މިވަގުތަށް އޮޕަރޭޝަން ނުކޮށް މަޑުކޮށްލަން" ޒުވާނުންގެ ވަޒީރު ވިދާޅުވިއެވެ.
މިވަރުގެ އަނިޔާއެއް ލިބިވަޑައިގަތުމުންވެސް އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށްޓަކައި މިއަދު އޮފީހަށް ވަޑައިގަތް މަންޒަރު ޚުލާސާގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. އަރާމު ކުރުމަށް ޑޮކްޓަރު ލަފާ ދިން ނަމަވެސް ވަޒީރު ބާރުއެޅީ އެމަނިކުފާނުގެ ވާޖިބު އަދާކުރެއްވުމަށެވެ.
ވަޒީރު ވިދާޅުވީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް އެމަނިކުފާނަށް ނުޖެހޭތީ، ޤައުމަށް ޚިދުމަތް ދިނުމުގައި ދެމިހުރުމަކީ ގަބޫލުކުރާ ވާޖިބެއް ކަމަށެވެ. "އަޅުގަނޑު އެޑްމިޓެއް ނުކުރޭ ނޫންތޯ. އަދި މިއީ ގައިންގަޔަށް އަރާ ބައްޔެއްވެސް ނޫނެއް ނޫންތޯ. އެހެންވީމާ ރައީސް ވިދާޅުވެފައިވަނީ ވަޒީރުން ޖެހޭނެއޭ 24 ގަޑިއިރު ގައުމަށް ޚިދުމަތުގައި ދެމިތިބުމަށް." އަރާމު ނުކުރައްވާ އޮފީހަށް މަސައްކަތަށް ވަޑައިގަތުމާއި ބެހޭގޮތުން ޚުލާސާއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އަސްވާޑު - އަނިޔާއާއެކު ވެސް ވަނީ އޮފީހަށް ވަޑައިގެން ނަމޫނާ ދައްކުވާފައި
ވަޒީރުގެ މި އަމަލުތަކަކީ އެމަނިކުފާނުގެ ދައުރަށް ފަސްނުޖެހޭ ވައުދުތަކުގެ ހެކިތަކެކެވެ. މިފަދަ ބޮޑު އަނިޔާއަކަށްފަހު އެހާ އަވަހަށް ވަޒީފާއަށް އެނބުރި ވަޑައިގަތުމަށް ނިންމި ނިންމުމަކީ ސަރުކާރުގެ ހުރިހާ އޮފިޝަލުން އުންމީދު ކުރަން ޖެހޭ ޚިދުމަތްތެރިކަމުގެ ފެންވަރުގެ މިސާލެކެވެ.



