ރަޝިއާގެ އަގުހެޔޮ ތެޔޮ ހޯދަން އިންޑިއާއިން ބެލި ހުވަފެން އޯވަނައިޓަކުން ނިމެނީ

ޢަބްދުﷲ ޖުނައިދު | 37 ދުވަސް ކުރިން - 24 އޮކްޓޯބަރު 2025 16:12
ޓްރަމްޕް ވިދާޅުވީ ރަޝިއާގެ ތެޔޮ އިންޑިއާ އިން ގަންނަ ނަމަ އިންޑިއާ އަށް ދަތިކޮށްލާނެ ކަމަށް.
ޓްރަމްޕް ވިދާޅުވީ ރަޝިއާގެ ތެޔޮ އިންޑިއާ އިން ގަންނަ ނަމަ އިންޑިއާ އަށް ދަތިކޮށްލާނެ ކަމަށް.
ޚުލާސާ

ރަޝިއާއިން އަގުހެޔޮކޮށް ތެޔޮ ލިބޭތީވެ ދުވާލަކު ދެމިލިއަނަށްވުރެ ގިނަ ފީފާ ތެޔޮ ގަތުމަށް އިންޑިއާއިން ހެދި ޕްލޭން ރިވިއުކުރަނީ އެމެރިކާއިން އިންޑިއާއަށް ދަތިކޮށްފާނެތީވެ.

އެމެރިކާ އާއި އެ ޤައުމުގެ އެކުވެރިން އަދި ވަކިން ޚާއްޞަކޮށް އިނގިރޭސީވިލާތުން މަތިމައްޗަށް ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ވެސް އެ ޤައުމުގެ އިޤްތިޞާދު ފުނޑައިނުލެވުނެވެ. އެންމެ ފަހުން މިހާރު އިތުރު ދަތިކުރުންތައް އަނެއްކާވެސް އަޅައިފިއެވެ. އޭގެތެރޭގައި އެމެރިކާއިން ރަޝިއާގެ ތެލަށް އެޅި ދަތިކުރުންތައް ހިމެނެއެވެ.

ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރަށް އެރިޔަސް އިންޑިއާ އަށް ރަޝިޔާ އަތުން ކޮންމެ ފީފާއަކުން 4 ޑޮލަރުގެ ޑިސްކައުންޓް ރޭޓެއް ލިބެއެވެ. ހުޅަނގުން ރަޝިޔާ އާއި ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފައިދާ އިންޑިއާ އިން ދިޔައީ ވަރަށް ފުރިހަމައަށް ނަގަމުންނެވެ.

ރަޝިޔާ އަތުން 2022 ވަނަ އަހަރު ދުވާލެއްގެ މައްޗަށް ސާފުނުކުރާ 9 ލައްކަ ފީފާ ތެޔޮ އިންޑިއާއިން އެތެރެކުރިއިރު އަހަރަކަށް ވުރެ އަހަރަކު އިންޑިއާއިން ދިޔައީ ޢަދަދު އިތުރުކޮށް، އެ ތެޔޮ އެހެން ޤައުމުތަކަށް ވިއްކައި ފައިދާ ނަގަމުންނެވެ. 2023 ވަނަ އަހަރު އިންޑިއާއިން ރަޝިޔާ އަތުން ދުވާލެއްގެ މައްޗަށް 1.6 މިލިއަން ފީފާ ހޯދިއެވެ. އަދި މި އަހަރު މިހާތަނަށް އިންޑިއާއިން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 1.7 މިލިއަން ފީފާއަށްވުރެ ގިނަ ތެޔޮ ރަޝިއާއިން އެބަ ގަނެއެވެ. އިންޑިއާއިން ދެން ވިސްނާފައި އޮތީ އަންނަ އަހަރު މަދުވެގެން ދެމިލިއަން ފީފާގެ ތެޔޮ ކޮންމެ ދުވަހަކު ރަޝިއާއިން ގަތުމަށެވެ.

އެމެރިކާއިން މިހާރު ވަނީ ރަޝިޔާގެ އެންމެ ވަރުގަދަ ދެތެޔޮކުންފުނި ކަމަށްވާ ރޮސްނެފްޓާއި ލުކޮއިލްގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ރަޝިއާއިން ތެޔޮ ނުގަތުމަށް އިންޑިއާ އާއި އެހެން ޤައުމުތަކަށް ވެސް މަޖުބޫރު ކޮށްފައެވެ. އަދި ރަޝިޔާގެ ތެޔޮ އެއްވެސް ބަޔަކު ގަނެފި ނަމަ އެ ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް ބޮޑުކުރާނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވިއެވެ. އަދި އިތުރު ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް އިންޒާރު ދެއްވިއެވެ. މާނައަކީ އެ ޤައުމުތަކުގެ އިޤްތިޞާދު ފުނޑައިލަން ކުރެވެން ހުރި ކޮންމެ ކަމެއް ކުރާނެ ކަމުގެ އިންޒާރެވެ.

އިންޑިއާ އަކީ އެމެރިކާގެ އެންމެ ބޮޑު އެއް ވިޔަފާރި ބައިވެރިޔާއެވެ. އިންޑިއާއިން ވަރަށް ގިނަ ޢަދަދަކަށް ބޭހާއި، ޓެކްސްޓައިލްސް، އަދި މެޝިނަރީޒް ތަކާއި ކެމިކަލްގެ އިތުރުން އައިޓީ ޚިދުމަތް އެމެރިކާ އަށް ފޯރުކޮށްދެއެވެ. ހުސްވި އަހަރު އެކަނިވެސް އެމެރިކާއަށް އެކްސްޕޯޓް ކުރި މުދަލުން އިންޑިއާއަށް ގާތްގަނޑަކަށް 118 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. އެހެންކަމުން، އެމެރިކާ އާއި ދެކޮޅަށް ރަޝިއާގެ ތެޔޮ އިންޑިއާއިން ގަންނަ ނަމަ އިންޑިއާ އަށް ޖެހޭނީ އެމެރިކާގެ ސަބަބުން އިންޑިއާގެ އިޤްތިޞާދަށް ލިބޭ ހީނަރުކަން ފޫބެއްދުމަށް އިތުރު “ބަޔަރުން” ހޯދާށެވެ. އެއީ މިވަގުތު އިންޑިއާއަށް އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އެއީ މުސްތަޙީލު ކަމެކެވެ. އަދި އެމެރިކާ އާއި އިޤްތިޞާދީ ގޮތުން ކުޅެލާނެހާ ގަޓެއް ވެސް އިންޑިއާއަކު ނެތެވެ.

އެހެންކަމުން ރަޝިއާ އަތުން އަގުހެޔޮކޮށް ދުވާލަކު ދެމިލިއަން ފީފާގެ ތެޔޮ ހޯދުމަށް އިންޑިއާ އިން މިހާރު ދެކެމުން އެދާ ހުވަފެން "އޯވަނައިޓަކުން”ނިމުނީއެވެ. އިންޑިއާ އަށް މިހާރު އޮތް ގޮތަކީ ރަޝިޔާ އާއި އެކު ހަދާފައިވާ ކޮންޓްރެކްޓްތައް މުރާޖަޢާކުރަމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%