ސަރުކާރުގެ އިންޝުއަރެންސް ފައިސާއަށް ވަރަށް ބޮޑަށް ބަރޯސާވުމުން ރާއްޖޭގެ ލީޑިން ޕްރައިވެޓް ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލަށް ބޮޑެތި މާލީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހި ހޮސްޕިޓަލް ހުއްޓުމަކަށް އައިސްދާނެ ކަމަށް އޭޑީކޭ ގްރޫޕްގެ ޗެއާމަން އަހުމަދު ނަޝީދު ބުނެފިއެވެ.
އޭނާ މިހެން ބުނީ އެހޮސްޕިޓަލަށް އާސަންދައިން ލިބެންޖެހޭ ފައިސާ ނުލިބިއެއަދަދު އިތުރުވަމުންދާތީ އޭޑީކޭއިން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އެކަން ގެނައުމުން އޭގެ ތަފްސީލު އޮޅުންފިލުވުމަށް މިއަދު މާލިއްޔަތު ކޮމެޓީއަށް އެކުންފުނީގެ އިސްވެރިން ހާޒިރުކޮށް ސުވާލު ކުރުމުންނެވެ.މިއަދު ބޭއްވިރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ނާޝިދު ބުނީ ދައުލަތުން މިހާރު އެ ހޮސްޕިޓަލަށް ދައްކަން ޖެހޭނީ 251 މިލިއަން ރުފިޔާ އެވެ.
ނަޝީދު ބުނި ގޮތުގައި ދައުލަތުން އާސަންދަ މެދުވެރިކޮށް މަހުން މަހަށް 25 މިލިއަން ރުފިޔާ ދައްކަމުންދާއިރު، މިއީ ހޮސްޕިޓަލުގެ އޮޕަރޭޓިން ހަރަދުގެ މަހަކު 45 މިލިއަން ރުފިޔާ ފޫބެއްދުމަށް ފުދޭވަރުގެ ކަމެއް ނޫން ކަމަށެވެ. މި ދަތިކަމުގެ ސަބަބުން އޭޑީކޭގެ ހިދުމަތްތައް ދެމެހެއްޓުމުގެ ގާބިލްކަމަށް އިންތިހާއަށް ޕްރެޝަރު ކުރަމުންދާއިރު، ފައިސާ އިތުރު ނުކޮށް ހޮސްޕިޓަލުން ޒަރޫރީ ހިދުމަތްތައް މަދުކޮށް، މެޑިކަލް ސްޓާފުން މަދުކުރަން ޖެހިދާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
ހާލަތު ގޯސްވަނީ ސަޕްލައި ކުރާ ފަރާތްތަކަށާއި ބޭންކުތަކަށް ވަގުތުން ފައިސާ ނުދެއްކުމުން، ފުރާނަ ސަލާމަތްކުރާ ބޭސް ހިމެނޭ ގޮތަށް މުހިންމު ސަޕްލައިތައް ހޯދުމަށް އޭޑީކޭއަށް ދަތިވާ ކަމަށާއި، އަދި އެ ފަރަގު ފުއްދުމަށް އެކި ބޭންކުތަކުން 150 މިލިއަން ރުފިޔާގެ ދަރަންޏަށް ހޮސްޕިޓަލުން ނަގަން ޖެހުމުން އިތުރު އިންޓަރެސްޓް ދެއްކުމުން މާލިއްޔަތު އިތުރަށް ދަތިވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިމައްސަލައިގައި މަޖިލީހުގެ ތެރެއިން ހައްލެއް ހޯދުމަށް އޭޑީކޭއިން މަސައްކަތްކުރާއިރު، މިކަމުން މި އެނގެނީ އާސަންދައިން އަމިއްލަ ހޮސްޕިޓަލްތައް ކޮޅަށް ޖަހައިދޭ ކަމެވެ. މިއީ ދައުލަތުގެ މާލިއްޔަތަށް ނުހަނު ބޮޑު ބުރައަކަށް ވެފައިވާއިރު، ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދު ކުރަންޖހޭ މިންވަރަށްވުރެ އިތުރަށް ބޭސްފަރުވާގެ ބޭނުމަށް ހަރަދުކުރާކަން ފާހަގަ ކުރެވެއެވެ.



