ރާއްޖެއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބޭ ހުރިހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިއަދު ކުރެއްވި އެކްސްގައި ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދޭނީ އާންމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަމާޒުކޮށްގެން ކުރާ މަސައްކަތްތަކަށެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓު
މި މަސައްކަތްތައް، ކަމާބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން، އަސަރުކުރާ މުޖުތަމައުތަކުގެ ސަލާމަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު ވަނީ ރައްޔިތުންނަށް ދެމިއޮތް މައްސަލައަކަށް ވެފައި އޮތް މާލޭގައި ފެންބޮޑުވުން ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ދިގު މުއްދަތުގެ ސްޓްރެޓެޖީއަށްވެސް އަލިއަޅުވާލައްވާފައެވެ. މާލޭގެ ހުރިހާ މަގެއް ރަނގަޅު ކުރުމަށް މިހާރު ކުރިއަށްދާ މަޝްރޫއުގެ އަސާސީ އެއް އަމާޒަކީ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދިމާވާ ވަގުތީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ އިތުރުން ޒަމާނުއްސުރެ އޮތް މައްސަލައަށް ދެމިއޮތް ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި މަގު ހެދުމުގެ މަޝްރޫއުތައް ކުރިއަށްދާނީ ރޭވިފައިވާ ގޮތަށްކަން ރައީސް މުއިއްޒު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މި މަޝްރޫއުތަކަކީ ސިޓީތަކާއި ރަށްރަށުގެ އިންފްރާސްޓްރަކްޗަރ އިތުރުކޮށް، ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ ފުޅާ ދާއިރާގެ މަޝްރޫއުތަކެކެވެ.
ރައީސްގެ މި މެސެޖު މިއައީ މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. ސަރުކާރުން ދޭ ރައްދުތަކާއި ޕްލޭންކޮށްފައިވާ އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ހިންގުމަކީ ކުރިއަށް އޮތްތަނުގައި މިފަދަ ގުދުރަތީ ހާދިސާތަކުގެ އަސަރު ކުޑަކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ.
އަލްޖަޒީރާގެ މޫސުމާބެހޭ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މިއަދު ރާއްޖެއަށް ވެހޭ ވާރޭއަކީ 3މަސްދުވަހު ވެހޭ ވާރެއާއި އެއްހަމަ ވާރޭ ކަމަށް ބަޔާންކޮށްފައި ވާއިރު، މިއަދު ރާއްޖޭގެ ބައެއް ހިސާބުތަކުގެ ގެތަކަށްވެސް ވަނީ ފެން ވަދެފައެވެ.
އިތުރަށް ކިޔާލުމަށް ތިރީގައިވާ ލިންކަށް ފިތާލައްވާ:



