ފަލަސްޠީނަށް ޔަހޫދީންގެ އަޅުވެތި ކަމުން މިނިވަންކަން ލިބިއްޖެ ނަމަ މެދުއިރު މަތީގެ ޢަރަބި ހުރިހާ ޤައުމަކަށް ރައްޔިތުންގެ ބަަައިވެރިވުން އޮންނަ ރައްޔިތުންގެ ބަސްވިކޭ ރައްޔިތުންގެ ސަރުކާރެއް އަތުވެދާނެއެވެ.މިއީ އިޒްރޭލު ދެމިއޮތުމަށް އެހީތެރިވެދޭ އެއްވެސް ޤައުމެއްގެ ވެރިއަކު އެދޭނެ ގޮތެއް ނޫނެވެ. ފަލަސްޠީނާއި އެއް ބިމަކުން ބޯޑަރާއި ގުޅިފައިވާ މިޞްރު ގައި އޮތީ ސިފައިން ބަޣާވާތަކުން ގެނެސްފައިވާ ރައްޔިތުންގެ ބަސް ނުވިކޭ ވެރިކަމެކެވެ. ޖޯޑުންގައިވެސް އޮތީ ޝާހީ ރަސްކަމެކެވެ. ދެން ފަލަސްތީނު މައްސަލައަށް އެންމެ ބޮޑު ނުފޫޛެއް ފޯރުވެވޭނެ ޤައުމުތައް ގޮތުގައި އޮތް މެދުއިރުމަތީ ގެ ދެޤައުމު ކަމަށްވާ ސަޢޫދީ ޢަރަބިއްޔާގައި ވެސް އޮތީ ޝާހީ ޢާއިލީ ވެރިކަމެކެވެ. މިއިން އެއްވެސް ޤައުމަކީ އިންސާނީ ޙައްޤުތަކުގެ ހާލަތު އެހާ ރަނގަޅު ޤައުމުތަކެއްކަމަކަށް ނުވެއެވެ. މިކަން މިގޮތަށް އޮތުމުން އެހެން ޤައުމެއްގެ ތެރޭގައި ހިނގާ އިންސާނިއްޔަތާއި ޚިލާފު ކަމެއް ކުށްވެރިކޮށްލުން ފިޔަވައި ބަހެއް ބުނެވެން ނޯންނާނެ ، ކަން ޚުދު އެމެރިކާ ވެސް އިޒްރޭލު ވެސް ދަނެއެވެ.
އަނެއްކަމަކީ އިޒްރޭލަކީ ޢަރަބިންގެ މައްޗަށް ނުފޫޛު ހިންގޭ ޤައުމެއް ގޮތުގައި ދެމިއޮތުމަށާއި އިޒްރޭލުގެ މަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައި ، ފަލަސްޠީނާއި ބޯޑަރުން ގުޅިފައިވާ ޢަރަބި ޤައުމުތަކަށް އެމެރިކާ އިން ވެދޭ މާލީ އެހީތެރިކަމާއި ހަތިޔާރުގެ އެހީތެރިކަމެވެ. ފަލަސްޠީނު މިނަވަންވެއްޖެނަމަ އަދި ދެފުށްފެންނަ އިންތިޚާބެއް ފަލަސްޠީނުގައި ބާއްވައިފި ނަމަ ވެރިކަން ކުރާނީ ޙަމާސް ޖަމާޢަތްކަން އެއީ އެމެރިކާއާއި އިޒްރޭލަށް ވެސް އަދި ފަލަސްޠީނުގެ ގިނަ ބަޔެއްގެ އިތުރުން އިޒްރޭލަށާއި ފަލަސްޠީނުގެ ތެރެއިން އެންމެ ބޮޑު އެއްބާރުލުމެއް އިޒްރޭލަށާއި އެމެރިކާއަށް ލިބިދޭ ޕީ.އެލް.އޯ ގެ ޖަމާޢަތަށް ވެސް ޔަޤީންވާ ކަމެކެވެ.
އެކަން ޔަޤީންވަނީ ، ފަލަސްތީނުގައި އެންމެ ފަހުން ބޭއްވުނު ޑިމޮކްރެޓިކް ޢާއްމު އިންތިޚާބު ކާމިޔާބު ކުރީ ޙަމާސް ޖަމާޢަތުންކަމަށް ވުމެވެ. އެއިންތިޚާބުގައި ޚަމާސް ޖަމާޢަތަށް ކާމިޔާބު ލިބުމުން އިޒްރޭލަށާއި އެމެރިކާއަށް ޙަމާސް އެކުލަވާލި ސަރުކާރު ކަމަކު ނުދިޔައެވެ. އެހެންވެ . ރާމަﷲ ގައި މިހާރު ވެރިކަންކުރާ ޢައްބާސް ގެ ޖަމާޢަތަށް އެމެރިކާ އާއި އިޒްރޭލުން ކުރި މަޖުބޫރުތަކުގެ ސަބަބުން ހަމާސް ޖަމާޢަތާއި ޢައްބާސްގެ ފަތަޙަ ޖަމާޢަތް ވަކިވުމަށް މަޖުބޫރު ކުރުވިއެވެ. އެއަށް ފަހު ފަލަސްތީނުގެ ރައްޔިތުން ދެބަޔަކަށް ބެހިގެން ދިޔައެވެ. އެއީ އިޒްރޭލުގެ މަސްލަޙަތު ހިމާޔަތްކުރެވޭ ގޮތަށް ރާމަﷲ ގައި ޢައްބާސްގެ ފަތަޙަ ޖަމާޢަތަށް ފަލަސްތީނު އޮތޯރިޓީ ގެ ނަމުގައި އިދާރާއެއް އުފެއްދުމުގެ ފުރުޞަތު ފަހިވުމެވެ.
އިސްލާމީ ޤައުމުތަކުން ރާމަﷲ ގައި އޮންނަ ފަލަސްތީނު އޮތޯރިޓީ އަށް ފަލަސްޠީނު ސަރުކާރުގެ ނަމުން މުޚާޠަބު ކުރި ނަމަވެސް އިޒްރޭލާއި އެމެރިކާ އިން ވެސް އަދި އިނގިރޭސި ވިލާތާއި ޖަރުމަނާއި އިޓަލީ ވެސް ދެކެނީ ، ފަލަސްތީނު އޮތޯރިޓީ އަކީ ފަލަސްތީނުގެ ރައްޔިތުންގެ ކަންކަން އިޒްރޭލު ބުނާހާ ގޮތަކަށް ހަމަޖައްސައި ދިނުމަށް އޮންނަ އިޒްރޭލަށް އެހީތެރިވެދޭ މުނިސިޕަލް އިޚްތިޔާރުތައް ދެވިފައިވާ މުނިސިޕަލް އޮތޯރިޓީ ނުވަތަ މުނިސިޕަލް ކައުންސިލު ގޮތުގައެވެ. އެހެންކަމުން އިސްވެ ފާހަގަކުރެވުނު ކަންކަމާއި ސަބަބުތައް އެގޮތަށް ހުރުމުން އަޅުވެތި ކޮށްފައިވާ ފަލަސްޠީނުގެ ދައުލަތް މިނިވަން ކުރެވެން އޮތީ ޢަރަބި ޤައުމުތަކުގައި މިހާރު ވެރިކަން ހިންގާ އުޞޫލުތައް ބަދަލުވެ ރައްޔިތުންގެ ބަސްވިކޭ ވެރިކަމެއް ޢަރަބި ޤައައުމުތަކަށް އައިސްގެން ކަމަށް ޚުދު އެމެރިކާ ވެސް ޤަބޫލުކުރެއެވެ.
އެހެން ނަމަވެސް އޭރުން ފަލަސްޠީނު މިނިވަން ވާނެތީ ، އެފަދަ ބަދަލެއް އައުމަކީ އިޒްރޭލަށާއި އެމެރިކާގެ މަޞްލަޙަތަށް ރަނގަޅު ގޮތެއްކަމަށް ނުވާނެކަން އެނގޭތީ ، އެބަދަލު އައުމަކީ އެމެރިކާ ވެސް އިޒްރޭލު ވެސް އެދޭ ކަމަކަށް ނުވެއެވެ. އެއީ ޙަމާސް ޖަމާޢަތަކީ ފަލަސްޠިނު މިނިވަންކުރުމަށް ހުރަހަކަށްވާ އެއްވެސް ޝަރުޠެއް ޤަބޫލު ކުރާ ޖަމާޢަތަކަށް ނުވުމާއި ، ފަލަސްޠީނުގެ ރައްޔިތުންގެ މެޖޯރިޓީގެ ތާއީދު ހަމައެކަނި އޮތް ޕާޓީ އަކީ ޙަމާސްކަމަށް ވެފައި ޙަމާސްއަށް ފަލަސްޠީނު މިނިވަންކުރުމުގެ ފުރުޞަތު ލިބިއްޖެ ނަމަ އިޒްރޭލުގެ އިތުރުން މެދުއިރުމަށްޗަށް އިންޤިލާބެއް އައުމަކީ އެމެރިކާ ވެސް އިޒްރޭލުވެސް ބޭނުންވާ ގޮތެއްކަމަށް ނުވުމެވެ.



