އެތެންސް ކައިރީގެ ޖަންގަލިތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ އަލިފާނުގެ ނުރައްކާ ބޮޑުވެ 3ވަނަ ހޮސްޕިޓަލް ބަންދު ކޮށްފިއެވެ،
ޕެންޓެލީ ޗިލްޑްރަންސް ހޮސްޕިޓަލާއި 414 ވަނަ އަސްކަރީ ހޮސްޕިޓަލް ހިމެނޭ ގޮތަށް ތިން ހޮސްޕިޓަލެއްގެ އިތުރުން ކުރިސްޓިއަން ދީނުގެ ދެ އިމާރާތެއްވެސް ވަނީ މުޅީން ހުސްކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ.
އެތެންސާއި 22 މޭލު ދުރުގައިވާ އަވަށެއް ކަމަށްވާ ވަރްނާވާސް ގެ ޖަންގަލީގައި މިދިޔަ ހަފްތާގައި ރޯވި މި އަލިފާންގަނޑު ކޮންޓުރޯލުން ނެއްޓި އެސަރަހައްދުގެ ބައެއް ގެތަކުގައި ވަނީ އާދީއްތަ ދުވަހު އަލިފާން ރޯވެފައެވެ. މި އަލިފާން ގަދަ ވަޔާއެކު ބާރު ސްޕީޑުގައި މިހާރު އެތެންސާއި ހަމަޔަށް ފޯރިއިރު ރޭ އެތެންސްގެ ގިނަ ތަންތަނުން މީހުން ހުސްކުރަން ޖެހުނެވެ.

ރޭ ފަތިހު އެތެންސްގެ ފައްޅިއެއްގެ ފުރަގަހުގައިވާ ފަރުބަތައްމަތީގައި އަލިފާން ފެތުރިފަިއވާ މަންޒަރު. 12 އޮގަސްޓް 2024/ގެޓީ އިމޭޖްސް
އަލިފާންގަނޑު މިހާ ބާރަށް ފެތުރެން ދިމާވީ ހަނަފަސްވުމާއި މިދުވަސްވަރަކީ ޔޫރަޕަށް ހޫނު ގަދަ ދުވަސްވަރަކަށް ވުމުންނެވެ.
ކުއްލި ހާލަތުގައި 685 އަށް ވުރެ ގިނަ އަލިފާން ނިއްވާ މީހުންނާއި 32 މަތިންދާބޯޓު ހަރަކާތްތެރިވާއިރު ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަން މިހާރު އެގައުމަށް ލިބޭކަމުގެ ހަބަރުތައް ލިބެއެވެ.
މި އަލިފާން ފެތުރިފައިވާ ސަރަހައްދު 30 ކިލޯމީޓަރަށް ވުރެ ބޮޑަށް ފެތުރިފައިވާއިރު ރޭ އެކަނިވެސް 15 މީހުން ދުމުގެ އަސަރުކޮށް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔައެވެ.
އެތެންސް ކައިރީގައި ދިރިއުޅޭ މީހުން ގެތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަލިފާންގަނޑު މިސްރާބު ޖަހާފައިވަނީ ގަސްގަހާގެހި ގިނަ ސަރަހައްދެއް ކަމަށްވާ ޕެންޓެލީއާ ދިމާއަށެވެ.
އެތެންސްގެ ނޭޝަނަލް އޮބްޒަވޭޓަރީއަށް ވެސް ވަނީ ނުރައްކާ ކުރިމަތިވެފަ އެވެ. ގްރީސްގައި ރެކޯޑް ކުރެވިފައިވާ އެންމެ ހޫނު މޫސުމުގެ ސަބަބުން ހާލަތު ގޯސްވެފައިވާއިރު، ފްރާންސް އާއި އިޓަލީ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.



