ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވަނީ ކާމިޔާބީ ހޯދުމަށް ޤައުމުގެ ޒުވާނުން ބާރުވެރިކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި ވަރުގަދަ ތަޤްރީރެއް ދެއްވާފައެވެ. ކާމިޔާބީއަށް ޒުވާނުން ބާރުވެރިކޮށް، ލީޑަޝިޕް ތަރައްގީ ކުރުމަށް ސަމާލުކަންދީ، ކުރިއަށް އޮތްތަނުގައި ގައުމު ލީޑް ކުރުމަށް ތައްޔާރު ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.
ޤައުމީ މުހިންމު އިސްލާހުތައް ތަންފީޒުކުރުމުގައި ޤައުމުގެ ޒުވާނުން އަދާކުރާނެ މުހިންމު ދައުރަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އަލަށް އުފެއްދި ރިޔާސީ ޒުވާނުންގެ ލަފާދޭ ބޯޑަކީ ލާމަރުކަޒީ ނިޒާމަށް ގެނައުމާއި، ރައްޔިތުންގެ މަޖިލީހުގެ ސައިޒު ކުޑަކުރުމާއި، މާލީ މިނިވަންކަމާއި އިގްތިސާދީ އިސްލާހު ހޯދުމަށް އާންމު މަސްލަހަތު ހުރި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ބޯޑެކެވެ.
"މިއީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޒުވާނުންގެ ފުރަތަމަ ބޯޑު. ކުރިން އޮންނަނީ މިނިސްޓަރަށް ލަފާދޭ ޔޫޓް އެޑްވައިޒަރީ ބޯޑު...ޔޫތް އެޑްވައިޒަރީ ބޯޑުގެ މެންޑޭޓަކީކޮބާ؟.. ތައާރަފްގައި އެއްޖުމްލައިން ވަރަށް ބްރީފްކޮށް އެވިދާޅުދެއްވީ ބޯޑްގެ މަގްސަދު ނުވަތަ މެންޑޭޓް. އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކުރަންޖޭހޭ ހަގީގަތަކީ އެއްކަމެއް ކޮށްގެން ނޫނީ އަނެއްކަމެއް ނުކުރެވޭކަން. ކަމެއް ކޮށްގެން ނޫނީ ކާމިޔާބު ނުހޯދޭނެކަން... ޒުވާނުންނާ ރިލޭޓްނުވާ ކަމެއް ނޯންނާނެ! އިގްތިސާދު، ފަތުރުވެރިކަން، އަންހެނުންނާއި ކުޑަކުދިންނަށް ދިމާވާ މައްސަލަތައް، ޓެކްނޮލޮޖީ، މަސްވެރިކަން ދަޑުވެރިކަން..... ނަން ހުސްކޮށް" މިނިސްޓަރު ވިދޅުވިއެވެ.
ޒުވާނުންގެ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު)
މި ފިޔަވަޅަކީ ރާއްޖޭގެ މުސްތަގުބަލަށް ކޮންމެހެން ބޭނުންވާ އިސްލާހުތަކެއް ކަމަށާއި މި ބަދަލުތައް ބައްޓަންކުރުމުގައި ޒުވާނުން ހީވާގިކަމާއެކު ބައިވެރިވާންޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި މި މުހިންމު ދާއިރާތަކުގައި ޒުވާނުން ބައިވެރިވުމުން ގައުމު ތަނަވަސްކަމާ ދިމާއަށް ދުއްވާލުމުގެ ގާބިލް އާ ޖީލެއްގެ ލީޑަރުން އުފެދިގެންދާނެ ކަމުގެ ޔަގީންކަން ވެސް ޔޫތު މިނިސްޓަރު ފާޅުކުރެއްވި އެވެ.
އަލަށް އެކުލަވާލެވުނު ރިޔާސީ ޒުވާނުންގެ ލަފާދޭ ބޯޑަކީ ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، ޤައުމުގެ ތަރައްޤީއަށް ޙިއްޞާ ކުރެވޭނެ އެކި ދާއިރާތަކުގެ ޒުވާން ލީޑަރުން ތަރުބިއްޔަތު ކުރުމަށް ފަރުމާކޮށްފައިވާ ބޯޑެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ޒުވާނުން ބާރުވެރިކުރުމަކީ ހަމައެކަނި ފުރުސަތުތައް ހޯދައިދިނުމެއް ނޫން ކަމަށާއި ޒުވާނުންގެ މައްސަލަތައް ހައްލުކޮށް ގައުމު ކުރިއަށް ގެންދިއުމަށް ހުނަރާއި ޢިލްމާއި އިތުބާރު ފޯރުކޮށްދިނުމެވެ. މި ބަދަލުގެ އެންމެ ކުރީގައި ތިބެގެން، ދިވެހިރާއްޖެއަށް ފެހި، ފާގަތި މުސްތަގުބަލެއް އުފެއްދުމަށް ސަރުކާރުގެ އިސްނެގުމެއް އަމާޒުކޮށްފައިވެ އެވެ.
މިއަދުގެ ޒުވާނުން، އެބޭފުޅުންގެ ތޫނު ވިސްނުމާއި ޖޯޝާއެކު، މާދަމާ ރާއްޖޭގެ ވެރިކަމާ ހަވާލުވެ، އުޖާލާ މުސްތަޤްބަލަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތަގުރީރު ނިންމާލާފައިވަނީ ޒުވާނުންގެ އުއްމީދުތައް ފުއްދައިދެއްވައި، ޤައުމަށް ފާގަތި މުސްތަޤްބަލެއް ދެއްވުމަށް މާތް ﷲ އަށް ދުޢާ ކުރައްވައިގެންނެވެ.



