ނިދުމުގެ ބާރު: އާރާމުދޭ ނިދިން ތިބާގެ ސިއްހަތަށް އަސަރުކުރާ ގޮތް
ދިރިއުޅުމުގެ ދުވެލި ބާރުވެފައިވާ މި ޒަމާނުގައި، ނިދުމަކީ އިހުމާލުވެވޭ ކަމެއްގެ ގޮތުގައި ގިނަ މީހުން ދެކި ނަމަވެސް، އެއީ ޖުމުލަ ޞިއްޙަތާއި ދުޅަހެޔޮކަމުގެ އެންމެ އަސާސީ ބިންގަލެވެ. ނިދުމަކީ ހަމައެކަނި ހަރަކާތްތެރިކަން މަޑުޖެހޭ ވަގުތެއް ނޫނެވެ. އެއީ ހަށިގަނޑާއި ސިކުނޑި އައު ބާރެއް ލިބިގަނެ، ޒުވާންކަން ދަމަހައްޓައި، އަދި މުހިންމު ފަރުވާއެއް ލިބިގަންނަ ހިނދުކޮޅެކެވެ. ނަމަވެސް، ގިނަ ބަޔަކު މަސައްކަތުގެ ޒިންމާތަކާއި، އިޖުތިމާޢީ ހަރަކާތްތަކާއި އަދި މުނިފޫހިފިލުވުމުގެ ކަންކަމަށް އިސްކަންދީ، ނިދުމަށް ބޭނުންވާ ވަގުތު ހޭދަކުރުމަށް ފަސްޖެހެއެވެ. އެހެންނަމަވެސް، ފުރިހަމަ ނިދުމަކުން ލިބޭ ޞިއްޙީ ފައިދާތަކުގެ މުހިންމުކަން ވިސްނައިގަތުމަކީ، ނިދުމަށް އިސްކަންދިނުމަށް ހިތްވަރު ލިބި، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
- އާރާމުދޭ ނިދުމުގެ ސައިންސް
ރިސްޓޯރޭޓިވް ނިދުމަކީ ހަށިގަނޑުގެ ގިނަ މަސައްކަތްތަކަށް ނުހަނު މުހިންމު، ހަކަތަ އާކޮށްދޭ އަސާސީ ބޭނުމެކެވެ. ނިދާ ވަގުތުގައި ހަށިގަނޑުގައި އެތައް މުހިންމު ކަމެއް ހިނގައެވެ. މީގެ ތެރޭގައި މަސްތައް ހެދުމާއި، ޓިޝޫތައް އާރާސްތުކުރުމާއި، ޕްރޮޓީނާއި ހޯމޯންތައް އުފެއްދުމާއި، އަދި އެހެނިހެން މަރާމާތުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ދުވާލުގެ ވަގުތުތަކުގައި ސިކުނޑީގައި އެއްވެފައިވާ ވިހަ މާއްދާތައް ސާފުކުރުމާއި، ހަނދާން ހަރުދަނާކުރުމާއި، މަޢުލޫމާތު ރައްކާކުރުމުގެ މަސައްކަތްތައް ވެސް ކުރެވެއެވެ.
ޢިލްމީ ދިރާސާތަކުން ދައްކާގޮތުގައި ނިދުމަކީ އުނގެނުމާއި، މައްސަލަ ހައްލުކުރުމާއި، އަދި ޖަޒުބާތުތައް ބެލެހެއްޓުން ފަދަ ސިކުނޑީގެ މަސައްކަތްތަކުގައި އަސާސީ ދައުރެއް އަދާކުރާ ކަމެކެވެ. އިލްމީ މަޖައްލާގައި ޝާއިޢުކުރެވިފައިވާ ދިރާސާއަކުން ހާމަކޮށްދެނީ ނިދުމުގެ ސަބަބުން ހަނދާން ވަރުގަދަވެ، މަޢުލޫމާތު ދެމެހެއްޓުމާއި، ބޭނުންނުވާ ހަނދާންތައް ނައްތާލުމުގެ ޤާބިލުކަން އިތުރުވާކަމެވެ.
- ނިދުމުގެ މަރުހަލާތަކާއި އެ މަރުހަލާތަކުގެ މުހިންމުކަން
ނިދުމުގެ ފެންވަރަކީ ނިދާ މުއްދަތާ އެއްހަމައެއްގައި މުހިންމުކަން ދެވޭ ކަމެކެވެ. އިންސާނާގެ ހަށިގަނޑު ނިދުމުގެ އެކި މަރުޙަލާތަކުން ދަތުރުކުރާއިރު، އޭގެ ތެރޭގައި ލުއި ނިދި، ފުން ނިދި އަދި އާރް.އީ.އެމް (ލޮލުގެ ހަލުވި ހަރަކާތް) ނިދި ހިމެނެއެވެ. މި ކޮންމެ މަރުޙަލާއަކުންވެސް ވަކި ޚާއްޞަ ކަނަތައްތަކެއް އަދާކުރެއެވެ.
ޖިސްމާނީ ގޮތުން ރަނގަޅުވުމަށް ފުން ނިދި ޚާއްޞަ ގޮތެއްގައި މުހިންމެވެ. މި މަރުޙަލާގައި ގްރޯތް ހޯމޯން އުފެދި، ހަށިގަނޑުގެ ސެލްތައް މަރާމާތުވެ، ރީޖެނެރޭޝަން (އާރާސްތުވުން) އަށް މަގުފަހިވެއެވެ. އަނެއްކޮޅުން، އާރް.އީ.އެމް ނިދުމަކީ ކޮގްނިޓިވް (ސިކުނޑީގެ) މަސައްކަތްތަކާއި ޖަޒުބާތީ ދުޅަހެޔޮކަމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެކެވެ.
ޖާނަލް އޮފް ނިއުރޯސައިންސްގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ހާމަވާ ގޮތުގައި، ޖަޒުބާތީ ތަޖުރިބާތައް ރަނގަޅަށް މުޢާމަލާތުކޮށް، ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އާރް.އީ.އެމް ނިދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މީގެ އިތުރުން، އާރް.އީ.އެމް ނިދި މަދުވުމަކީ ހިތްދަތިކަމާއި ކަންބޮޑުވުން ފަދަ މޫޑު ޑިސްއޯޑަރތަކަށް މަގުފަހިވާ ސަބަބެއް ކަމަށްވެސް މި ދިރާސާއިން ދައްކައެވެ.
- ދިގުމުއްދަތުގެ ސިއްހަތުގައި ހުރި ގުޅުން
އަރާމު ނިދީގެ ސަބަބުން ބުއްދިއާއި އަދި ޖިސްމާނީ ފައިދާތަކުގެ އިތުރުން، މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމާއި އުމުރު ދިގުވުމަށް ވެސް ފާހަގަކުރެވޭ މިންވަރަކަށް އަސަރުކުރެއެވެ. ދިގު މުއްދަތަކަށް ނިދި މަދުވުމަކީ ހިތުގެ ބަލިތަކާއި، ހަކުރުބަލި، ފަލަވުން އަދި ދިފާޢީ ނިޒާމު ބަލިކަށިވުން ފަދަ ގިނަ ސިއްޙީ މައްސަލަތަކާ ގުޅުންހުރި ކަމެއްކަން ޢިލްމީ ދިރާސާތަކުން ހާމަކޮށްދެއެވެ.
ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހާމަކުރާ ގޮތުގައި، ރޭގަނޑަކު 7 ގަޑިއިރަށްވުރެ މަދުން ނިދާ ބޮޑެތި މީހުންނަށް ދިގު މުއްދަތުގެ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވެއެވެ. މީގެ އިތުރުން، ޔޫރަޕިއަން ހާޓް ޖާނަލްގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ނިދުމުގެ އާދަތައް ރަނގަޅު ނޫން ފަރާތްތަކަށް ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުޞަތު މަތިވެއެވެ. މި ހޯދުންތަކުން ހާމަވަނީ ނިދުމާއި ހިތުގެ ދުޅަހެޔޮކަމާ ދެމެދު އޮންނަ ގާތް ގުޅުމެވެ.
- ނިދުމުގެ ޖަޒުބާތީ އަދި ނަފްސާނީ ފައިދާތައް
ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން، ޖަޒުބާތީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ފުރިހަމަ ނިދުމަކީ އަސާސީ ބޭނުމެކެވެ. އެކަށީގެންވާ މިންވަރަށް ނިދި ނުލިބުމުގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ކުރިމަތިވެއެވެ. މީގެ ތެރޭގައި ނަފްސާނީ ގޮތުން ބޮޑަށް ބާރުބޮޑުވުމާއި، ފަސޭހައިން ރުޅިއައުމާއި، އަދި ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން ދަށްވުން ހިމެނެއެވެ.
ނިދުމަކީ އިންސާނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސާސީ ދައުރެއް އަދާކުރާ ކަމަކަށް ވުމާއެކު، ނިދުމުގެ ރަނގަޅު އާދަތައް ދެމެހެއްޓުމަކީ ނުހަނު މުހިންމު ކަމެކެވެ. މި ގޮތުން، ހަރުދަނާ ނިދުމުގެ އާދަތަކުގެ ތެރޭގައި ހިމެނެނީ:
1. ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކަށް ނިދުމާއި ހޭލުން
2. ހިތްގައިމު އަދި ހަމަޖެހޭ ނިދުމުގެ މާޙައުލެއް ޤާއިމުކުރުން
3. ނިދުމުގެ ކުރިން ކެފެއިން މިސާލަކަށް ކޮފީ، އެނަރޖީ ޑްރިންކް ކަހަލަ ތަކެއްޗާއި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރުން މަދުކުރުން
މީގެ އިތުރުން، ނިދަން އުނދަގޫ ވުމާއި ނިދި ނުލިބުން ފަދަ ނިދުމާ ގުޅުންހުރި ޞިއްޙީ މައްސަލަތަކުގެ އަލާމާތްތައް ދެނެގަތުމާއި، ބޭނުންވެއްޖެ ހިނދެއްގައި ޞިއްޙީ ފަރުވާ ހޯދުމަކީވެސް މުހިންމު ކަމެކެވެ. ނިދުމަށް އިސްކަންދިނުމަކީ ހަމައެކަނި ވަކިބަޔަކަށް ޚާއްޞަ ކަމެއް ނޫނެވެ. އެއީ ދުޅަހެޔޮ ޞިއްޙަތަކާއި ފާގަތި ދިރިއުޅުމަކަށް ކުރެވޭ ދުރުރާސްތާގެ އިންވެސްޓްމަންޓެކެވެ. އެހެންކަމުން، ރަނގަޅު ނިދުމުގެ އާދަތައް އަށަގެންނެވުމަކީ ކޮންމެ މީހެއްގެވެސް ޞިއްޙަތާއި ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އަރާމުދޭ ނިދުމަކީ ދުޅަހެޔޮ ސިއްޙަތެއް ދެމެހެއްޓުމަށް އެންމެ މުހިންމު އަދި ގިނަފަހަރު އަގު ވަޒަންނުކުރެވޭ ބައެކެވެ. ކޮގްނިޓިވް ފަންކްޝަނިންގ (ސިކުނޑީގެ މަސައްކަތްތައް) އިން ފެށިގެން ޖިސްމާނީ މަރާމާތާ ހަމައަށް، ނިދުމަކީ އަޅުގަނޑުމެންގެ ޖުމްލަ ދުޅަހެޔޮކަމުގެ ކޮންމެ ދާއިރާއެއްގައިވެސް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.ދިރާސާތަކުން ދައްކާގޮތުގައި، ފެންވަރު ރަނގަޅު ނިދުމަކީ ގިނަ ސިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށާއި، ނަފްސާނީ އަދި ޖިސްމާނީ ޤާބިލުކަން އިތުރުކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
މުޖުތަމަޢުގައި ރަނގަޅު ނިދުމުގެ މުހިންމުކަން އިތުރަށް ވިސްނައިގަނެވެމުންދާ މިންވަރަކުން، އެކަށީގެންވާ އަރާމު ލިބިގަތުމަށްޓަކައި ވަގުތާއި ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ، އަޅުގަނޑުމެންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކުރެވޭނެ އެންމެ ފައިދާހުރި އިންވެސްޓްމަންޓްތަކުގެ ތެރެއިން އެއް އިންވެސްޓްމަންޓްކަމުގައި ދެކެން އެބަޖެހެއެވެ. އަރާމުދޭ ނިންޖަށް އިސްކަންދިނުމުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އުމުރު ދިގުކޮށް، އަދި ދިރިއުޅުމުގެ ދުވަހުން ދުވަހަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ރަނގަޅަށް ތައްޔާރުވެވޭނެއެވެ. އެހެންކަމުން، ފުރިހަމަ އަރާމު ލިބޭ ނިދުމަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަން ދަންނަންޖެހެއެވެ.








