ހޮނިހިރު ދުވަހުގެ ފަތިހު ތާބިއީ ސްކޫލަށް ދިން ހަމަލާގައި 100 މީހުން ޝަހީދުވި ކަމަށް ބުނެ ހަމާސްއިން ފަތުރަނީ ކަޑައެޅިގެން ދޮގު ކަމަށް އިސްރާއީލް ޑިފެންސް ފޯސްއިން މިއަދު ބުނިއިރު ޔަހޫދީން ހިންގި ޖަރީމާ ފޮރުވަން އެމީހުން ކުރަމުންދާ މަސައްކަތް ބޭޒާރު ވެއްޖެއެވެ.
ޔަހޫދީ އަސްކަރިއްޔާއިން ބުނީ އެމީހުން ހަމަލާ ދިނީ އިންޓެލިޖެންސުން ވަރަށް ރަނގަޅަށް ކަށަވަރުކޮށް އެ ސްކޫލްގައި ހިންގާ އޮޕަރޭޓިވް ރޫމަކަށެވެ. އަދި އެތަނަކީ ހަމާސްއާއި އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން ތިބި ތަނެއް ކަމަށެވެ. ނަމަވެސް އެއީ ހަނގުރާމަވެރިންގެ އޮޕަރޭޓިވް ރޫމެއް ނޫންކަން މިހާރު މުޅި ދުނިޔެއަށް ސާބިތުވެއްޖެއެވެ. ހަނގުރާމައާއި ގުޅުން ހުރި އެއްވެސް އެއްޗެއް އެތަނަކުން މިހާތަނަކަށް ނުފެނެއެވެ. ކުޑަމިނުން ހަތިޔާރެއްގެ ބައެއް އަދި ކަރުދާސްގަނޑެއްހާ ހިސާބުވެސް ނުފެނެއެވެ.
އައިޑީއެފުގެ އަނެއް ދޮގު: ހަމަލާގެ ފަހުން އައިޑީއެފުން ވަނީ އެތަނުގައި ތިބި ރެސްކިއު ޖަމާއަތްތަކުގެ ކޯޑިނޭޓަރުންނާއި ކޮމިއުނިކޭޓް ކޮށްފައި ކަމަށާ ހަމަލާގެ ޝިކާރައަކަށް ވީ 19 މީހުން ކަމުގައި ފުރަތަމަ އެމީހުން ބުންޏެވެ. ނަމަވެސް ދުނިޔޭގެ މީޑިއާތަކުން މި ހަމަލާގެ ވާހަކަ ދައްކައި 100 އެއްހާ މީހުންގެ ފުރާނަ ގެއްލިއްޖެ ކަމަށް ބުނެ މިއީ ޖަރީމާއެއްކަމަށް ސިފަކުރުމުން އަދި ޚުދު އެމެރިކާވެސް މިކަމުގެ ކަންބޮޑުވުން ހާމަކުރުމުން އަނެއްކާ އިތުރު 12 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ޔަހޫދީން އިއުތިރާފް ވިއެވެ. ނަމަވެސް މިހާރު އައިޑީއެފުން ބުނަނީ ސީދާ އަދަދެއް ނޭނގޭ ކަމަށާ ނަމަވެސް 100 މީހުން އެތަނުގައި ތިއްބޭ ކިޔައި ހަމާސްއިން ދޮގު ހަދާކަމަށެވެ.
އިސްލާމިކް ޖިހާދާއި ހަމާސްގެ ހަނގުރާމަވެރިންގެ 31 ހަށިގަނޑު އެތަނުން ނެރުނު ކަމަށް އައިޑީއެފުން ބުނެއެވެ.
އައިޑީއެފުން ހަމާސްގެ ބޮލުގައި ޝަހީދުވި މީހުންގެ އަދަދު އޮޅުވާލަނީއޭ ބުނެ ދޮގު ތުހުމަތު އަޅުވާއިރު، ހަގީގީ ޓެރަރިސްޓުންނަކީ އައިޑީއެފް އެވެ.ހަމާސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އައިޑީއެފްގެ ވައިގެ ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށާ އޭގެތެރެއިން 90 އެއްހާ މީހުން ދެނެގަނެވިފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
އަދި ސްކޫލަށް ދިން ހަމަލާގައި ޝަހީދު ކޮށްލި ކަމަށް ބުނެ އިސްރާއީލުން ހަދައިގެން އުޅޭ ލިސްޓުގައި މީގެ މާކުރިން ޝަހީދުވެފައިވާ ހަމާސްއާއި އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިންގެ ނަންތައް އެބަތިބިކަމަށް ހަމާސްއިން ކަށަވަރު ކޮށްދޭއިރު މިއީވެސް ޔަހޫދީން އިތުރަށް ފަޟީހަތްވެ ބޭޒާރުވި ކަމެކެވެ.ނަމަވެސް އައިޑީއެފް އިން މިހާރު ކެނދިނޭޅި ، ހަމާސްއިން ރިޕޯޓްކޮށްފައިވާ އަދަދުތައް އިންފްލޭޓްކޮށްފައި ހުރެދާނެ ކަމަށް ބުނެ ވާޙަކަ ދެއްކިޔަސް އެކަން އިސްލާމީ އަދި އަރަބި ދުނިޔެއަށާ އިސްރާއީލުގެ އެކުވެރިންނަށްވެސް އެނގެއެވެ.
މި ހަމަލާއަކީ އިސްރާއީލާއި ހަމާސްއާ ދެމެދު އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހިނގި ހަމަނުޖެހުމާ ގުޅިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އުދުވާނުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ޖަރީމާއެވެ.



