އިސްރާއީލުން ޣައްޒާ ސްކޫލް ކޮމްޕްލެކްސްއަށް ދިން ވައިގެ އެންމެ ހަމަލާގައި ހަމާސް އާއި އިސްލާމިކް ޖިހާދުގެ 31 މީހަކު ޝަހީދު ވެފައިވާ ކަމަށް އިސްރާއިލް ޑިފެންސް ފޯސް އިން ބުނެފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޝިން ބެޓް ސެކިއުރިޓީ އެޖެންސީއާ ކޯޑިނޭޓްކޮށް އެމީހުން މިކަން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުން އެބުނަނީ ހޮނިހިރު ދުވަހު ފަތިސް ނަމާދުގައި ތިއްބާ 100 އަށްވުރެ ގިނަ މުސްލިމުން ޝަހީދު ކޮށްލި އުދުވާނުގެ ވާހަކައެވެ.
އެ ހަމަލާއާއި ބެހޭގޮތުން އިސްރާއީލްގެ ޓީވީ ތަކުން ބުނަނީ ހޮނިހިރު ދުވަހު ހިންގި ގަތުލުއާންމުގައި އަމާޒުކޮށްފައި ވަނީ ޣައްޒާ ސިޓީގެ ދަރާޖް ސަރަހައްދުގައި ހުންނަ އަލް ތަބާއީން ސްކޫލް ކޮމްޕްލެކްސްގެ ތެރޭގައި ހަމާސް އާއި އިސްލާމިކް ޖިހާދުން ހިންގާ "އެކްޓިވް" ކޮމާންޑް ރޫމެއްގެ ގޮތުގައި އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ދެނެގަތް ތަނަކަށް ކަމަށެވެ.
އިސްރާއީލުން މިގޮތަށް މިވާހަކަތައް މިފަތުރަނީ ފަތިސް ނަމާދުގައި ތިއްބާ މުސްލިމުންގެ ބޮލަށް ބޮން އަޅައި 100 އަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލި ގަތުލުއާންމާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ ހަގީގަތް އޮޅުވާޅުމުގެ ބޭނުމުގައެވެ.



