މިއީ ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ ދެމެދު އޮތް ގުޅުމަށް ބަލާއިރު، ރައީސް މުއިއްޒު ދެއްވި ވަރަށް ސާފު މެސެޖެއް ކަމަށް، އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީއަށް 66 ގޮނޑި އަދި ސަރުކާރާ ގުޅިފައި ތިއްބެވި ކެންޑިޑޭޓުންނާ އެކު ޖުމްލަ 75އަށް ވުރެ މައްޗަށް ދެ އެވެ. އާ މަޖިލިހުގައި 93 ދާއިރާ ހިމެނެ އެވެ.ރައީސް މުއިއްޒުގެ ސާފު މެސެޖް ދެއްވި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މިޒާޖު މުޅިން ތަފާތެވެ. މި ދެ ރައީސުން ވެސް އެ ބޭފުޅުން ނިސްބަތްވާ ޕާޓީގެ މަޖިލިހުގެ ހުރިހާ މެމްބަރުންނާ ގާތް ގުޅުން ބާއްވަވާފައެއް ނުވެ އެވެ. އޭގެ ޝަކުވާ ވެސް މެމްބަރުން އެކި ގޮތްގޮތަށް ކުރައްވަ އެވެ."އަބަދުވެސް މެމްބަރުންނަށް ސަރުކާރުގެ ކޮންމެވެސް މީހަކު ގުޅާފައި ބުނާނެ ރައީސް ވިދާޅުވެގެންނޭ، ނޫނީ ރައީސް ބޭނުންފުޅުވަނީ މިހެން މިކަން ކުރާށޭ. އެކަމަކު މުއިއްޒު ސީދާ ވިދާޅުވީ ރައީސް ބުނެގެންނޭ ކިޔާފައި ގުޅާނެ މީހަކު ނުހުންނާނޭ، ތިމަންނައޭ މެމްބަރުންނަށް ތިމަންނަ ދޭން ބޭނުންވާ މެސެޖެއް ދޭނީ،" އިއްޔެގެ ބައްދަލުވުމުގައި އިންނެވި ބޭފުޅަކު، މި މައްސަލައިގެ ގޮތުން ނަން ނުޖަހަން ޝަރުތުރުކޮށް، ވިދާޅުވި އެވެ."ރައީސް ވިދާޅުވީ ތިމަންނައާ ނުގުޅޭނެ މެމްބަރަކު ނުހުންނާނޭ. ގުޅޭނޭ، ޖަވާބު ވެސް ދެއްވާނަމޭ. ވަރަށް ސާފު ރައީސް އެ ވިދާޅުވި އެއްޗެއް."
ރައްޔިތުންގެ މަޖިލިހުގައި ސަރުކާރުގެ މެޖޯރިޓީ އޮތް ނަމަ އެ މެޖޯރިޓީގެ އެއްބައިވަންތަކަން ދަމަހައްޓަން ރައީސްގެ ދައުރު ބޮޑުކަން، މިހާރުގެ ބައެއް މެމްބަރުންނާއި ކުރީގެ ބައެއް މެމްބަރުން ވެސް 'ދައުރު'އަށް ވިދާޅުވި އެވެ. އެކަމަކު ޔަމީން އާއި ސޯލިހުގެ ވެރިކަމުގައި ސީދާ ރައީސްއާ ދެމެދު އެފަދަ ގާތް ގުޅުމެއް އޮތީ ނުބޭއްވި އެވެ.އެމްޑީޕީގެ މެމްބަރަކު ވިދާޅުވީ ސޯލިހުއަކީ ގިނަ މެމްބަރުންނާ ގާތް ގުޅުމެއް ބޭއްވި ރައީސެއް ނޫން ކަމަށެވެ."ރައީސް ސޯލިހުގެ ނެތް އެ މިޒާޖެއް، މެމްބަރުންނާ ބައްދަލުކޮށް، މެމްބަރުންނާ އެކު އޮންނަ ގުޅުން އަބަދުވެސް ރަނގަޅުކުރުން، އެކަހަލަ ވިސްނުމެއް ނެތް،" އެ މެމްބަރު ވިދާޅުވި އެވެ.އެކަމަކު ރައީސްއާ ގުޅަންވީ ކޮން ކަހަލަ ކަމެއްގައި ކަން އެނގިވަޑައިނުގަންނަވާ ބޭފުޅުން ވެސް މަޖިލިހުގައި އުޅުއްވަ އެވެ. މިސާލަކަށް ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗުގެ ކޮޓަރިއެއް ހޯދަން ވެސް މެމްބަރަކު ރައީސަށް ގުޅުއްވި ކަމަށްވެ އެވެ."އެވަރުގެ ކަންކަމާ ރައީސަށް ގުޅާ، މެސެޖްކޮށް ހެދީމާ ގޯސް،" ޔާމީންގެ ދައުރުގައި ޕީޕީއެމްގެ މެމްބަރުކަން ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.އިއްޔެގެ ބައްދަލުވުމުގައި އިންނެވި ބޭފުޅަކު ވިދާޅުވީ ރައީސް މުއިއްޒުގެ ފަރާތުން ފެނުނީ ކުރީގެ ރައީސުން ކުރެއްވި ތަޖުރިބާއިން ފިލާވަޅު ނެންގެވި ތަން ކަމަށެވެ."މުޅި ކެބިނެޓް ބައިންދައިގެން މެމްބަރުންނާ އެގޮތަށް ސީދަލަށް ވާހަކަ ދެއްކެވުމަކީ އަސްލު ރަނގަޅެއް. ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ވަރަށް މުހިންމުކަން އަންގައިދެއްވީ. މެމްބަރުންނާ ދުރު ބޭފުޅަކަށް ތިމަން ނުވާނަމޭ އެ ވިދާޅުވީ،" އެއް ބޭފުޅަކު ކިޔައިދެއްވި އެވެ."މީގައި މިހާރު އޮޅުމެއް ނެތް. ރައީސް ވަކި ގޮތެއް ބޭނުންވާ ނަމަ މެމްބަރުންނަށް އެކަން އަންގަވާނީ ސީދާ އެމަނިކުފާނު. އެހެން މީހަކު ގުޅާފައި، ރައީސް މިހެން ވިދާޅުވިއޭ، އެހެން ވިދާޅުވިއޭ، އެ ބައި ނޯންނާނެއޭ އަޅުގަނޑަށް ނެގުނު މާނައަކީ."އާ މަޖިލިހުގެ މެމްބަރުން ހުވާކުރެއްވުން އޮންނާނީ އަންނަ މަހު 28ގަ އެވެ.


