ބައިނަލް އަޤަވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަހާއި ދިމާކޮށް ، ޒުވާނުންގެ ގުޅުން ހަރުދަނާ ކުރުމަށް ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި "ގައުމީ ޒުވާނުންނަށް ލަފާދޭ ކޮމިޓީ" މިއަދު އިފްތިތާހުކޮށްދެއްވާފައި ވަނީ ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި މެނިފެސްޓޯ ވައުދުތައް ތަންފީޒުކުރުމާ ގުޅޭގޮތުން، ޚާއްސަކޮށް ޒުވާނުންގެ ތަރައްގީއަށް އަސަރުކުރާ ސިޔާސަތުތަކާ ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ ދިނުމަށެވެ. އަދި ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމާއި، އެކަންކަން ސަރުކާރަށް ފައިދާހުރި ގޮތެއްގައި ހައްލުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ކޮމެޓީން ލަފާ ދޭނެ އެވެ.
ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ޒުވާނުންނަށް މުހިންމު ދައުރުތަކެއް އަދާކުރެވޭނެ ގޮތް ހަދައިދީގެން ސަރުކާރުން އިސްކަންދެނީ ޒުވާނުން ބާރުވެރިކުރުމަށެވެ. 18 ޖެނުއަރީގައި "ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް" ބޯޑު އެކުލަވާލުމަކީ މި ވައުދުގެ ބައެކެވެ. ބޯޑުގައި ހިމެނެނީ ރިޔާސީ ދައުރެއްގައި އެޑްވައިޒަރުންގެ ގޮތުގައި މަސައްކަތްކުރާނެ 15 މެންބަރުންނެވެ.
މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުންނާ ގުޅުންހުރި ކަންކަމުގައި ލަފާ ދިނުމުގައި އެ މެމްބަރުން އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ބެޖްތަކެއް މެންބަރުންނަށް އަރުވާފައެވެ.



