ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ފަޚުރުވެރި، ތަނަވަސް ދިވެހިރާއްޖެއެއް ބިނާކުރުމަށް ޤައުމީ ހުރިހާ މަސައްކަތެއްގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. މިއަދު ދެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި ރާއްޖޭގައި ކުރިއެރުމާއި ތަރައްގީއަށް ޒުވާން ޖީލުގެ ގާބިލްކަމަށް އަލިއަޅުއްވާލައްވާފައެވެ.
ލީޑަރޝިޕްގެ ތެރެއިން ވިޔަސް، ވިޔަފާރިވެރިކަމުގެ ތެރެއިން ވިޔަސް، އިޖުތިމާޢީ އިސްނެގުމެއްގެ ތެރެއިން ވިޔަސް، ދިވެހިރާއްޖޭގެ މުސްތަޤްބަލް ބައްޓަންކުރުމުގައި ޒުވާނުން ހީވާގި ދައުރެއް އަދާކުރުމަށް އެމަނިކުފާނު ހިތްވަރު ދެއްވައެވެ.
ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކުގެ ލީޑަރުންނާއި، މަދަނީ ޖަމިއްޔާތަކަށް ޒުވާނުންނާ ގުޅިގެން މަސައްކަތްކުރުމާއި ބާރުވެރިކުރުމުގެ އިތުރު ފުރުސަތުތައް ތަނަވަސްކުރުމަށް އެމަނިކުފާނު ގޮވާލައްވާއިރު، ޒުވާނުންގެ ހުނަރު ތަރައްގީކުރުމާއި، ތައުލީމު ހާސިލްކުރުމާއި، ގައުމީ ތަރައްގީއަށް ޙިއްޞާކުރުމަށް އެހީތެރިވެދޭ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ސަރުކާރުން ވަނީ އެކުލަވާލާފައެވެ.


