ކުރިޔަށް އޮތް ތިން ދުވަހުގައި މުޅި ރާއްޖެއަށް 1 މަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށް އަލްޖަޒީރާ އިން ގެނެސްދޭ މޫސުމާ ބެހޭ ރިޕޯޓުން ދައްކައިފި އެވެ.
މި ތިން ދުވަހުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކޮއްފައިވަނީ ވެރިރަށް މާލެ އަށެވެ.
އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭ ވެހެމުން ދާއިރު، ނިމިދިޔަ 24 ގަޑިއިރުގައި އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ އދ. މާމިގިއްޔަށެވެ. މާމިގިއްޔަށް 62.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރައިން ވަނީ ރިޕޯޓު ކޮއްފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ހެދުނު 9:00 އިން މެންދުރު ފަހު 15:00 އަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. ކަމާ ބެހޭ ފަރާތްތައް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ އެ އިދާރާއިން ބުނެފައިވަނީ މި ހަފްތާގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށް މޫސުން ގޯސް ވާނެ ކަމަށެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކޮއްފައެވެ. 19 މޭލާއި 24 މޭލު ދެމެދު ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.

ދެކުނުގެ ރަށްތަކަށް ރާޅުގެ އުސްމިން 4-6 ފޫޓަށް އުފުލޭނެ ކަމަށާއި އުތުރާއި މެދުރާއްޖޭގެ ރަށްތަކަށް 5-7 ފޫޓުގެ މެދުމިނަށް އުފުލޭނެ ކަމަށް ވެސް އެ އޮފީހުން ލަފާ ކުރެއެވެ.



