އެމެރިކާ އާއި ޗައިނާ ދެމެދު ވިޔަފާރި ކޯޅުން ބޮޑުވެ، ދުނިޔޭގެ އެންމެ ވަރުގަދަ ކްރިޕްޓޯ ކަރެންސީ ކަމަށްވާ ބިޓްކޮއިނެއްގެ އަގު އަނެއްކާ ވެސް ދަށަށް ހިނގައްޖެ އެވެ. ބިޓްކޮއިނެއްގެ އަގު މިހާރު ހުރީ 111,845 ޔޫއެސް ޑޮލަރަށެވެ. ބިޓްކޮއިނެއްގެ އަގު މިއަދު 104،782 ޔޫއެސް ޑޮލަރަށް ވެސް ވެއްޓުނެވެ.

ހުކުރު ދުވަހު ޓްރަމްޕު ބުނެފައިވަނީ ޗައިނާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުގެ ޓެރިފް 100 އިންސައްތައަށް މަތިކުރަން ނިންމާފައިވާ ކަމަށާއި ކްރިޓިކަލް ސޮފްޓްވެއާތަކުގެ އެކްސްޕޯޓް ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމަށެވެ. މިފަދަ ފިޔަވަޅުތައް އަޅަން ނިންމަން ޖެހުނު ސަބަބެއް ކަމުގައި މާހިރުން ދެކެނީ އިލެކްޓްރޯނިކްސް އަދި އިލެކްޓްރިކް ކާރުތަކުގައި ބޭނުންކުރާ ރެއާ އާތު މިނަރަލްސް ޗައިނާ އިން އެކްސްޕޯޓް ކުރުން ލިމިޓް ކުރުމާ ގުޅިގެންނެވެ.

މި ކުއްލި ފިޔަވަޅުތަކުގެ ސަބަބުން އިންވެސްޓަރުން ކަންބޮޑުވެ، ސްޓޮކް އަދި ކްރިޕްޓޯ މާކެޓް ވަނީ ދަށަށް ގޮސްފަ އެވެ. މި ދެގައުމުގެ ހާލަތު މިހާރު ގޯސްވެފައިވާއިރު، އެކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ގެއްލުން ލިބިދާނެ ކަމުގެ ބިރު އިންވެސްޓަރުން އެބައޮތެވެ.

ކްރިޕްޓޯކަރަންސީ މާކެޓްގައި ބިޓްކޮއިނެއްގެ އަގު ވަނީ 8.4 ޕަސެންޓް ދަށަށް ގޮސްފައެވެ. އެތީރިއަމް ވަނީ 5.8 ޕަސެންޓު ދަށަށް ގޮސް 3،637 ޑޮލަރަށް މިއަދުގެ ވަގުތެއްގައި ވެއްޓިފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އެއް ދުވަހެއްގެ ތެރޭގައި 19 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ކްރިޕްޓޯ ޓްރޭޑްތައް ލިކުއިޑޭޓް ވިއެވެ.
ބިޓްކޮއިނެއްގެ އަގު އެންމެ މައްޗަށް ދިޔަ ކަމަށް ރެކޯޑް ކުރެވިފައިވަނީ އިއްޔެ އެވެ. އިއްޔެ ބިޓްކޮއިނެއްގެ އަގު 126،272 ޑޮލަރަށް އަރާފައިވާއިރު މިހާރު އެ ދަށްވެފައުވާ ދަށްވުމަކީ 14،427 ޑޮލަރުގެ ދަށްވުމެކެވެ.

މާހިރުން ބުނާ ގޮތުގައި ބިޓްކޮއިން ދަށްވުމުގެ ފަހަތުގައި މައިގަނޑު ސަބަބުތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ، ޔަގީންކަމެއް ނެތް ވަގުތުތަކުގައި އާންމުކޮށް އިންވެސްޓަރުން ކްރިޕްޓޯ ފަދަ ރިސްކު ބޮޑު އެސެޓްތައް ވިއްކައި، ރަން ނުވަތަ ބޮންޑް ފަދަ ރައްކާތެރި އިންވެސްޓްމަންޓްތައް ގަތުމެވެ. ދެވަނަ ކަމަކީ، ކްރިޕްޓޯ މާކެޓްގައި ގިނަ ވިޔަފާރިވެރިން ލިވަރޭޖް ބޭނުންކުރަނީ ވިޔަފާރި ކުރުމަށް ފައިސާ ނެގުމަށް ކަމަށްވާތީ އެވެ. އަދި ތިން ވަނަ ކަމަކީ ކްރިޕްޓޯކަރަންސީތައް މިހާރު ދަނީ ދުނިޔޭގެ ހިއްސާގެ ބާޒާރުތަކާ އެއް މިސްރާބަކަށް ދަތުރު ކުރަމުންނެވެ. އެހެންކަމުން ވިޔަފާރީގެ ހަނގުރާމަތަކުގެ ސަބަބުން ޓެކްނޮލޮޖީ އާއި ފައިނޭންޝަލް އާ އުސޫލުތަކާއި ދަތިތައް ކުރިމަތިވެ، އިންވެސްޓަރުން އިތުރަށް ސަމާލުވާން ޖެހިދާނެ އެވެ.

އެމެރިކާއިން ޓެރިފް އިތުރުކޮށްފިނަމަ ނުވަތަ ޗައިނާ އިން އަމިއްލަ އަށް އަޅާފައިވާ ފިޔަވަޅުތައް ބޮޑުކޮށްފިނަމަ، މާކެޓަށް އިތުރު ޕްރެޝަރެއް ކުރިމަތިވެދާނެ އެވެ. ބިޓްކޮއިން އަށް ބަލާއިރު، އެނަލިސްޓުން ބުނާ ގޮތުގައި ދެން ބަލަން ޖެހޭ ކީ ލެވެލް އަކީ ގާތްގަނޑަކަށް 100،000 ޑޮލަރު ކަމަށެވެ. ނަމަވެސް ދުނިޔޭގެ ބާޒާރު ހަމައަކަށް އެޅިއްޖެ ނަމަ، ބިޓްކޮއިނެއްގެ އަގު 120،000 ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ.