އެކުވެރި މެލޭޝިއާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ މެދުގައި ކުޅުނު ފޯރިގަދަ ހޭންޑް ބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. މި މުބާރާތަކީ އެއް ދުވަހުގެ މުއްދަތަކަށް މެލޭޝިއާގެ ވެރިރަށް ކުއަލަރ ލަމްޕޫރުގައި ކުރިޔަށް ގެންދިޔަ މުބާރާތަކެވެ.
"ދިވެހީންގެ ހޭންޑް ބޯލް ކަޕް" ގެ ނަމުގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ ނުވަ ޓީމަކުން ބައިވެރިވެފައިވާއިރު ފިރިހެން ފަސް ޓީމު އަދި އަންހެން ހަތަރު ޓީމަކުން ބައިވެރިވެފައިވެ އެވެ. ފިރިހެން ބައިގެ ޗެމްޕިއަންކަން އިމުއުނިޓީ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދާފައިވާއިރު އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބަނަސް ސްޕޯޓްސް އެވެ.
ލީގު ފޯމެޓަށް ކުޅެފައިވާ މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލުގައި އިމުނިޓީއާ ވާދަކޮށްފައިވަނީ ގަލަކްޓިކޯސް އެވެ. އިމުނިޓީން ޗެމްޕިއަންކަން ހޯދާފައިވަނީ 11-13 އިން ގަލަކްޓިކޯސް ބަލިކުރުމަށްފަހު އެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ބަނަސް ސްޕޯޓްސް ހޯދާފައިވަނީ ފައިނަލުގައި ހަވަރު ސްޕޯޓްސް ބަލިކުރުމަށްފަހު އެވެ.

މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި ބަނަސް ސްޕޯޓްސް އިން މުބާރާތުގެ ތައްޓާއެކު.
އަންހެން އަދި ފިރިހެން ބައިން ވެސް އެންމެ މޮޅު ހަތް ކުޅުންތެރިން ހޮވާފައިވާއިރު؛
މުބާރާތުގެ ފިރިހެން އެންމެ މޮޅު ހަތް ކުޅުންތެރިން
- ހަނަފީ (ގަލަކްޓިކޯ)
- ސައިފް (ގަލަކްޓިކޯ)
- ސަނީފް (ބަނޑު އެފްސީ)
- ޒީދާން (އިމުއިނިޓީ)
- އަލްހާން (އިމުއިނިޓީ)
- ޔަޝްމު (އިމުއިނިޓީ)
- މީސަމް (އިމުއިނިޓީ)
މުބާރާތުގެ އަންހެން އެންމެ މޮޅު ހަތް ކުޅުންތެރިން
- ޒާރާ (ހަވަރު ސްޕޯޓްސް)
- ޔައްސަ (ބަނަސް ސްޕޯޓްސް)
- ރާޔާ (ހަވަރު ސްޕޯޓްސް)
- ޝުބާ (ގޯލް ޑިގަރސް)
- އިސްރާއު (ބަނަސް ސްޕޯޓްސް)
- އާލާ (ހަވަރު ސްޕޯޓްސް)
- އިޝާ (ބަނަސް ސްޕޯޓްސް)
މެލޭޝިއާ އަކީ ދިވެހިން އެންމެ ގިނަ އަދަދަކަށް މަތީ ތައުލީމު ހާސިލްކުރަން ރާއްޖެއިން ބޭރަށް ދާ ގައުމެވެ. އެ ގައުމުގައި ދިރިއުޅޭ ދިވެހި ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމަށް ކޮންމެ އަހަރެއްގައިވެސް ތަފާތު އެކި ކުޅިވަރުތަކާއި މުބާރާތްތައް ކުރިޔަށް ގެންދެ އެވެ.



