ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ 50 މީހުން ހޮވައިފި އެވެ.
މީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ 2024 ވަނަ އަހަރު އެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އަންނަ ހައްޖަށް ފޮނުވާ ފަގީރުން ހޮވުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި، ގުރުއަތު ނަގާފައިވަނީ އަންނަ އަހަރު ސަރުކާރުގެ އެހީގައި ހައްޖަށް ފޮނުވާ 50 ފަގީރުންނާއި، އެއްވެސް ހާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުސަތުދޭނެ 25 މީހުން ކަމަށެވެ.
ސަރުކާރުގެ ހަރަދުގައި ހައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ރާއްޖޭގެ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެކެވެ.



