ޕީއެންސީން މިއަދު ބުނި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާޒިރުގައި އިއްޔެ އެ ޕާޓީ އަށް ވަނީ ހަ މެންބަރަކު ސޮއިކުރައްވައިފަ އެވެ.އެ މެންބަރުންނަކީ؛- ހުރާ ދާއިރާއިން އިންތިހާބުވި ޑރ. އަނާރާ ނައީމް- މަތިވެރި ދާއިރާ އިން އިންތިހާބުވި ހަސަން ޒަރީރު- މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޒަމީރު- ތިމަރަފުށި ދާއިރާ އިން އިންތިހާބުވު އަހުމަދު ރިޔާޒް- ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން އަބްދުﷲ- ވިލިނގިލި ދާއިރާ އިން އިންތިހާބުވި އާޒިމް އަބްދުލް އަޒީޒްމި ހަ މެންބަރުން ވެސް އިންތިހާބު ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނާ ވެސް ވާދަކޮށްގެންނެވެ. ނަމަވެސް، ސަރުކާރުން އިންތިހާބުގައި މި ދާއިރާތަކުގައި ތާއިދުކުރީ ޕީއެންސީގެ ކެންޑިޑޭޓުގެ ބަދަލުގައި އަމިއްލަ ކެންޑިޑޭޓަށެވެ.މަޖިލިސް އިންތިހާބުގައި ޕީއެންސީން 66 ކެންޑިޑޭޓުން ކާމިޔާބުކޮށްފައިވާއިރު، ސަރުކާރުގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓަކު ވެސް ވަނީ އިންތިހާބު ކާމިޔާބުކުރައްވައިފަ އެވެ. މީގެއިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރާއި އެމްއެންޕީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން ވެސް ގުނަނީ ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ގޮތުގަ އެވެ. އެހެންވެ ސަރުކާރު ކޯލިޝަންގެ މެންބަރުންގެ އަދަދު 76 އަށް އަރަ އެވެ.އެންޓި-ޑިފެކްޝަންގެ ގާނޫނުގައިވާ ގޮތުން އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތުގައި އެ މެންބަރަކު އިސްތިއުފާ ދޭން ޖެހޭނެ އެވެ. ނަމަވެސް، މެންބަރެއްގެ ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، ކަން ވާނެ ގޮތެއް ގާނޫނުގައި ނެތެވެ.


