"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ދޫކުރާ ލިސްޓްތައް އިވެލުއޭޓް ކުރުމުގައި މާލެ ސިޓީ ކައުންސިލުން މުހިންމު ދައުރެއް އަދާކުރާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. މާލޭ ސިޓީ ކައުންސިލަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޑރ.މުއިއްޒު ވަނީ ކުރީގެ ސަރުކާރުން ކުރިން ތައްޔާރުކޮށްފައިވާ ލިސްޓްތައް މުރާޖައާ ކުރުމުގައި ކައުންސިލުން ބައިވެރިވުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ މާލޭގައި ބޯހިޔާވަހިކަން ހޯދުމަކީ އަދިވެސް ބޮޑު ގޮންޖެހުމެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ވައުދުވެފައިވާކަން ރައީސް ތަކުރާރު ކުރައްވައި، ހާމަކަން ބޮޑު އަދި އިންސާފުވެރި އިވެލުއޭޝަން ޕްރޮސެސްއެއް ކަށަވަރު ކުރުމަށްޓަކައި އިންތިޚާބުވެފައިވާ ސިޓީ ކައުންސިލްގެ ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެއެވެ.
ފްލެޓް ލިސްޓް އިވެލުއޭޓް ކުރުމުގެ މަސައްކަތް ނިންމާނީ ކައުންސިލްގެ ބައިވެރިވުމާއެކު އެވެ. އިވެލުއޭޝަން ބަލަހައްޓައި، ޖަވާބުދާރީވުމާއި އިންސާފުވެރިކަން ކަށަވަރުކޮށްދިނުމަށް ކައުންސިލަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މި އިސްނެގުމަކީ ކުރީގެ ސަރުކާރުން ފްލެޓް ދޫކުރި ބޭއިންސާފާއި ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ، ބޯހިޔާވަހިކަމުގެ މައްސަލައިގައި އިންސާފުން ކަންތައްތައް ކުރުމަށްތަކައި މިސަރުކާރުން ނިންމެވި ނިންމެވުމެކެވެ. އޭސީސީގެ ތަހުގީގުން ދައްކާ ގޮތުގައި 4000 ފްލެޓްގެ ތެރެއިން %60 ފްލެޓް ދޫކޮށްފައިވަނީ ޝަރުތު ހަމަނުވާ ފަރާތްތަކަށް ކަމުން މިކަންކަން ރަނގަޅަށް ބަލައި ފުރިހަމައަށް އަލުން އިވެލުއޭޓް ކުރަން ޖެހުނެވެ.



