”ވަރަށް ގިނަ ފަރާތްތަކުން އެއްބަނޑު ބޭބެ ބުނެގެން އެވަރަށް އެންޓި ކެމްޕޭން އާއި އަހަރެމެންގެ މުޅި އާއިލާއަށް ހުއްޓުމެއްނެތި ދުއްތުރާތައް، އެކި ސިފަސިފައިގައި ކުރީމަ ވެސް އެ މީހުންނަށް ކުރި ނެގުނީ އެންމެ 48 ވޯޓުން،“ ނަޒްރާ ނަސީމްގެ ކެމްޕޭން ގްރޫޕަށް އޭނާގެ ކޮއްކޮ އަސްރާ ނަސީމް ފޮނުވި މެސެޖެއްގައިވެ އެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކޮށް ނަޒްރާއަށް ނާކާމިޔާބީއާ ކުރިމަތިވީ 48 ވޯޓުގެ ތަފާތަކުންނެވެ.
އެ ނާކާމިޔާބީއާ ގުޅިގެން ނަޒްރާގެ އާއިލާގެ ފަރާތުން އޭނާގެ ބޭބޭފުޅު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ސީރިއަސް ތުހުމަތުތަކެއް އަންނަނީ ކުރަމުންނެވެ.
އެގޮތުން ނަޒްރާގެ ކެމްޕޭން ގްރޫޕަކަށް އޭނާ އާއި ފައިސަލް ނަސީމްގެ ކޮއްކޮ، އަސްރާ ނަސީމް ފޮނުވި މެސެޖެއްގެ ސްކްރީންޝޮޓެއް ވަނީ އާންމުވެފަ އެވެ.
އަސްރާ ދެކެވަޑައިގަންނަވާ ގޮތުގައި އިންތިހާބުން ބަލިވި ނަމަވެސް، ހަގީގަތުގައި މިއީ ބޮޑު ކާމިޔާބީއެކެވެ. ސަބަބަކީ ފައިސަލްގެ ފަރާތުން ކެމްޕޭންގައި ކުރިމަތިވި އުނދަގޫތަކެވެ.
އެ ވަރުން ވެސް ވާދަކުރި ކެންޑިޑޭޓަށް ކުރި ލިބުނީ އެންމެ 48 ވޯޓުންކަން ފާހަގަކޮށް އަސްރާ ވިދާޅުވީ ”މިއީ އަހަރެމެން ބަލިވީއެއް ނޫން“ ކަމަށެވެ.
”މިކަމުގެ އަޑީގައި ހުރި މީހާއަށް ލާހިކެއް ނޫން ސިޔާސީ ކަމެއްގައި ނުކުންނާކަށް. އަހަރެމެންގެ އެއްވެސް ތާއީދެއް ނޯންނާނެ،“ އެ މެސެޖުގައި އަސްރާ ވިދާޅުވެފައިވެ އެވެ.
[ނަޒްރާގެ ކެމްޕޭން ގްރޫޕަށް އަސްރާ ފޮނުވި މެސެޖު]
ނަޒްރާގެ ފިރިކަލުން އަދި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު، ފައިސަލް ނަސީމަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާފައިވާ މެސެޖުތަކެއް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުވެފަ އެވެ.
އެ މެސެޖުގައި މަހުލޫފް ވިދާޅުވަނީ ”ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލީ ސީދާ ފައިސަލް ނަސީމް“ ކަމަށެވެ.
އެ ދާއިރާ އަދި އާއިލާގެ އެތައް ބަޔަކަށް ގުޅުއްވައި ނަޒްރާއާ ދެކޮޅަށް ފައިސަލް މަސައްކަތް ކުރެއްވި ކަމަށާއި އެ މައްސަލަ އެ ދާއިރާގެ ޓީމްގެ ފަރާތުން ޕާޓީއަށް ހުށަހަޅާނެ ކަމަށް ވެސް އެ މެސެޖުގައި މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.

މިކަން ފެށުނީ، މަހުލޫފު ވިދާޅުވާ ގޮތުގައި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރަނިން މޭޓަކަށް މުހައްމަދު އަސްލަމް ހަމަޖެއްސި ހިސާބުންނެވެ.
”ރައީސް ސޯލިހުގެ ވެރިކަން ނިންމަން އެތައް މަސައްކަތެއް ކުރި ގޮތަށް މިފަހަރު މި ގޮނޑި ވެސް މި ވަނީ ގެއްލުވާލާފައި،“ މަހުލޫފުގެ މެސެޖުގައިވެ އެވެ.



