ހިޔާވަހިކަން ހޯދަމުން ދަނިކޮށް އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ހިމެނޭ ގޮތަށް 100 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނު ޣައްޒާގެ ސްކޫލަށް ދިން މަރުގެ ހަމަލާ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޔަހޫދީ އިސްރާއީލުން ދިން ހަމަލާއަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ، ފަނާކުރަނިވި މަންޒަރުތަކުން ބިރުވެރިކަން ފާޅުކުރައްވާފަ އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި އޮކްޓޯބަރު މަހުން ފެށިގެން މިހާރު ހިނގަމުންދާ ހަމަލާތަކުގައި 39،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އިސްރާއީލުން އަސްކަރީ އަމަލުތައް ހުއްޓާލުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ފާހަގަކުރެއްވި އެވެ. ރައީސް ވަނީ ފަލަސްތީނުގެ މައުސޫމް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އިސްރާއީލުގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް އިލްތިމާސް ކުރައްވާފައެވެ.
އިއްޔެގެ ފަތިސްނަމާދު ވަގުތު މަދަރުސާއަށް ދިން ހަމަލާގެ ސަބަބުން ބައިނަލްއަޤްވާމީ ރުޅިވެރިކަން އުފެދިފައިވާއިރު، ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި ދިވެހި ސަރުކާރުންވެސް ވަނީ ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށް ބުނެ މިހަމަލާ ކުށްވެރި ކޮށްފައެވެ.
ފަލަސްތީނަށް އަބަދުވެސް ރާއްޖެއިން ތާއީދު ކުރަމުން އަންނައިރު، ރައީސް މުއިއްޒު ވަނީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް އަޑު އުފުލުން ހުއްޓަވާނުލައްވާނެ ކަމަށް ވިދާޅުވެފައެވެ. ފަލަސްތީނާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ އެއްބައިވަންތަކަމާއި ދެފަރާތަށް އިހުތިރާމް ކުރުމުގެ ގުޅުމެއް ކަމަށާއި، ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި ފަލަސްތީނުގެ ހައްގުތަކަށް ރާއްޖެއިން ވަކާލާތު ކުރާނެ ކަމަށެވެ.
ކަންބޮޑުވުންތައް އިތުރުވަމުންދާއިރު ، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި ސުލްހައަށް ގޮވާލާ ގޮވާލުމުގައި ރާއްޖެއިން ސާބިތުވެ، މިނިވަންކަމާއި އަމިއްލަ ނިންމުމެއް ނިންމުމުގެ މަސައްކަތުގައި ފަލަސްތީނަށް ތާއީދު ކުރުމުގައި ރާއްޖެ ތާއަބަދު ދެމިއޮންނާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.



