މިހާރު ހިނގަމުންދާ އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކުގައި ރޭ ފަތިސް ގަޑީގައި ޣައްޒާގެ ސްކޫލަކަށް ދިން ވައިގެ ހަމަލާއެއްގައި 100 އަށް ވުރެ ގިނަ މީހުން ޝަހީދު ވެއްޖެއެވެ.
ރޭ ބޮން އެޅި ޣައްޒާގެ އަލް ތާބިން ސްކޫލަށް ބާރު ގަދަ 3 ބޮން ވައްޓާލި ކަމަށް ޚަބަރުތައް ބުނާއިރު، ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ 6،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާއެއްގެ ގޮތުގައި އެތަން ބޭނުން ކުރަމުން ދިޔަ އެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 93 ހަށިގަނޑު ފެނިފައިވާއިރު އޭގެ ތެރޭގައި 11 ކުޑަކުދިންނާއި ހަ އަންހެނުން ހިމެނެ އެވެ. ވެއްޓިފައިވާ ޢިމާރާތުގެ ދަށުން އިތުރު ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު، ހަމާސް އިން ވަނީ އެއީ "ރަހުމުކުޑަ ޖަރީމާއެއް" ކަމަށް ސިފަކޮށްފަ އެވެ. ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ އިއްޒާތު އަލް ރަޝާގު ވިދާޅުވީ މަރުވި ހުރިހާ އެންމެންނަކީ ވެސް އާންމުން ނެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ މި ހަމަލާ ކުށްވެރި ކުރަމުންނެވެ.



