އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އަގުނުކުރެވޭ އެއް ބައިވެރިޔާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދިޔަ މަޝްރޫޢު ނިންމައި ހަވާލު ކުުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޑިއާގެ ދަރަޖަ އަލުން ކަށަވަރު ކޮށްދެއްވަމުން އެމަނިކުފާނު ވަނީ އިންޑިއާއިން ދޭ ފަސްނުޖެހޭ އެއްބާރުލުމާއި އެދޭ ކޮންމެ ކަމެއްގައިވެސް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައުރީފު ކުރައްވައި، ޚާއްސަކޮށް ހާލުގައި ޖެހިފައިވާ ވަގުތުތަކުގައި އިންޑިއާއިން ދޭ ވަރުގަދަ އަދި ތާރީހީ ގުޅުމަށް އަލިއަޅުވާލައްވާފައެވެ. ރައީސް މުއިއްޒު ވަނީ އިންޑިއާއިން ރާއްޖެއަށް އެކި ދާއިރާތަކުން ތަރައްޤީއަށް މުހިންމު އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަން ފާހަގަ ކުރައްވާފައެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ފަހަކަށް އައިސް ސިޔާސީ ފިތުނަތަކާ ގުޅިގެން އިންޑިއާއާ އޮންނަ ގުޅުން ރަނގަޅު ކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ބުރޫއެރީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ޖަލަށްލި ކުރީގެ ރައީސް ޔާމީނުގެ ސިޔާސީ އެޖެންޑާއެއް އޭރުގެ އިދިކޮޅު ފަރާތްތަކުން ނެގުމުގެ ސަބަބުންނެވެ.



