ރާއްޖެ އާއި އިންޑިޔާއާ ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުމަކީ ޒަމާނުއްސުރެ ގާތް އެއްބާރުލުމާއި ދެފަރާތަށް އިޙްތިރާމް ކުރުމުގެ ސިފަ ލިބިފައިވާ ގުޅުމެކެވެ. ނަމަވެސް ފާއިތުވި ކުޑަ ދުވަސްކޮޅެއްގައި ފިތުނަވެރިކަން އުފެދުނީ އޭރުގެ އިދިކޮޅު ފަރާތްތަކުން ހާއްސަކޮށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެމަނިކުފާނުގެ އަމިއްލަފުޅު ސިޔާސީ އެޖެންޑާއެއް ހާސިލް ކުރެއްވުމަށްޓަކައި އިސްވެ ހިންގި "އިންޑިއާ އައުޓް" ކެމްޕޭން ފަދަ އެތެރޭގެ ސިޔާސީ ހަރަކާތްތަކުންނެވެ. ހާލަތު އިތުރަށް ގޯސްވީ މިހާރުގެ ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ދެއްކެވި ވާހަކަތަކުން ދެގައުމުގެ ގުޅުންތަކުގައި ޔަގީންކަން ނެތުމުންނެވެ.
މި ގޮންޖެހުންތަކާ އެކުވެސް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ޙިކުމަތާއި ޑިޕްލޮމެޓިކް ކުޅަދާނަކަމާއެކު ރާއްޖެ އާއި އިންޑިއާ ގުޅިފައިވާ ގުޅުންތައް އަލުން އާލާކޮށް ވަރުގަދަ ކުރުމަށް ހަލުވިކަމާއެކު މަސައްކަތް ކުރައްވާފައެވެ. އޭރުވެސް ލުޖެއިންއެމްވީމެން ބުނަމުންދިޔަ މުއިއްޒު ދުވެލީގައެވެ. މި އާ ޕާޓްނަޝިޕް މިހާރު ކުރިއަށްދަނީ މީގެ ކުރިން ނުފެންނަ ދުވެލީގައެވެ. ، އިޖްތިމާއީ އިގްތިސާދީ ތަރައްގީއާއި ސަރަހައްދީ ހަމަޖެހުން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ ގިނަ މަޝްރޫއުތަކެއްގައި ދެ ގައުމުން ވެސް އެއްބާރުލުން ދިނުމަށް މިހާރު ތިބީ ކެތްމަދުވެފައިކަން މިއަދު އޮތް އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދިޔަ މަޝްރޫއު ނިންމައި ހަވާލުކުރުމުގެ ރަސްމިއްޔާތުން އެނގެއެވެ.
އިންޑިއާގެ ގުޅުންތަކުގެ ތެރެއިން ރައީސް މުއިއްޒުގެ ވެރިކަމުގައި ފޯކަސް ކުރެވިފައިވާ މުހިންމު ދާއިރާއަކީ އިންޑިއަން ގްރާންޓް އެސިސްޓެންސްގެ ދަށުން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އަވަސް ކުރުމެވެ. ހެލްތްކެއާ، އެޑިއުކޭޝަން، އަދި އިންފްރާސްޓްރަކްޗާ ހިމެނޭ ގޮތަށް އެތައް ދާއިރާއެއް ހިމެނޭ މި މަޝްރޫއުތަކަކީ ދިވެހި ކޮމިއުނިޓީތަކުގެ މުހިންމު ބޭނުންތަކަށް ހައްލެއް ހޯދުމަށް ފަރުމާކޮށްފައިވާ މަޝްރޫއުތަކެކެވެ. މި މަސައްކަތްތަކަށް އިސްކަން ދެއްވައިގެން، މި އެއްބާރުލުމުގެ ފައިދާ ހުރިހާ ރައްޔިތުންނަށް އިޙްސާސް ކުރެވޭތޯ ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ވަޢުދުފުޅު ދައްކަވާފައެވެ
މިއަދު 28 ރަށެއްގެ އިންފްރާސްޓްރަކްޗަރ ޒަރޫރީ މަޝްރޫއުތައް ނިންމައި ދިވެހި ސަރުކާރާއި ހަވާލުކުރުމަކީ މި އެއްބާރުލުމުގެ ކާމިޔާބީގެ މޮޅު މިސާލެކެވެ. އިންޑިއާގެ އެހީގައި ހިންގާ މި މަޝްރޫއުތަކަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ވަރަށް މުހިންމު މަޝްރޫއުތަކެއް ކަމަށާއި، ދެ ގައުމުގެ ގުޅުން ވަރުގަދަވެ ފުންވެ ފުޅާވެގެންދާކަން ފާހަގަކޮށްދޭ މަޝްރޫއުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހިންގެ ކުރިއެރުމުގައި އިންޑިއާގެ އެހީ އަދާކޮށްފައިވާ މުހިންމު ދައުރަށް އަލިއަޅުވާލައްވައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާގެ ރައްޔިތުންނަށް ދެއްވި ފަސްނުޖެހޭ އެއްބާރުލުމަށް ރައީސް އާންމުކޮށް ޝުކުރު އަދާކުރެއްވުމަކީ ދެގައުމުގެ ދެމެދުގައިވާ އެކުވެރިކަން ވަރުގަދަވަމުންދާ އަވަސްމިން ހާމަވާ ކަމެކެވެ.
މީގެ އިތުރުން، ރާއްޖެއަށް ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ މާލީ ވަސީލަތްތައް ފޯރުކޮށްދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީ އަލުން އެކުލަވާލުމުގައި އިންޑިއާއިން ދައްކާފައިވާ ފަސޭހަކަން ރައީސް މުއިއްޒު ވަނީ ގަބޫލުކުރައްވާފައެވެ. ހެޔޮއެދުމުގެ މި އިޝާރާތަކީ ދެޤައުމުގެ ގުޅުން ބަދަހިވެ، ތަނަވަސް މުސްތަޤްބަލަކަށް ދެޤައުމު ޙިއްޞާވާކަމުގެ ހެކިތަކެކެވެ.
ވަގުތާއި ޙާލަތަށް ބެއްލެވުމަށްފަހު ހަލުވި ތަރައްގީގެ ފިޔަވަޅުތައް އެޅުއްވުމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު ވައުދުވަނީ އިންޑިއާއާ ދެމެދު އޮންނަ ތާރީހީ ގުޅުން ބަދަހިކުރުމަށް އެމަނިކުފާނުގެ ސަރުކާރުގެ ފުރިހަމަ ސްޓްރެެޖީގެ ތެރެއިންނެވެ. އިންޑިއާގެ ރައްޔިތުންނާ ގާތް ގުޅުމަށް އަގުދޭ ދިވެހި ރައްޔިތުން ކުރިއަށް އޮތް އަހަރުތަކުގައި އާ އުސްމިންތަކަކަށް ވާސިލްވާ ޕާޓްނަޝިޕެއް މި ތަސައްވުރުގެ ފަހަތުގައި ވެއެވެ.
ރައީސް ޔާމީނުގެ އަމިއްލަފުޅު ސިޔާސީ އެޖެންޑާއެއް ހާސިލް ކުރެއްވުމަށްޓަކައި އިންޑިއާއަށް ބަދުބަސް ބުނެ ސަރަހައްދީ ގައުމުތަކާއި ދެމެދު ފިތުނަވެރިކަން އުފެއްދުމުގެ ހަރަކާތަކީ މިސަރުކާރުން ބޭނުންވެގެން އުޅޭ ކަމެއް ނޫނެވެ. އެކަންތައް ބަދަލުކޮށް، ރާއްޖެ ތަރައްގީ ކުރުމުގައި "މޯލްޑިވްސް-އިންޑިއާ"ގެ ގުޅުމަށް ރައީސް މުއިއްޒު ވަނީ ފެންދީ ހެއްދުމަށްޓަކައި ކުރިއަށްވުރެ ވަރުގަދަ މަސައްކަތްތަކެއް ފައްޓަވާފައެވެ.
ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވައިގެން، އިންޑިއާ-ރާއްޖޭގެ ގުޅުން ކުރިއަށް ގެންދިއުމަށް ރާއްޖެ ތައްޔާރަށް އޮތީ، މިއަށްވުރެ ތަނަވަސް އަދި ފުރިހަމަ މުސްތަގުބަލެއްގެ އުއްމީދުގައެވެ. ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ކުޑަނަމަވެސް ބުރުލެއް ނާންނަ ގޮތަށެވެ.



