ހދ. ކުޅުދުއްފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެ ރަށަށް 600 ކިލޯވޮޓުގެ ދެ ޖަނަރޭޓަރު ފޮނުވައިފި އެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ އެ ދެ ޖަނަރޭޓަރު ފޮނުވައި، އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
ކުޅުދުއްފުށީގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމުގެ ސަބަބުން މިދިޔަ ހަފްތާގައި މުޅި ރަށުން ކަރަންޓު ކެނޑުނެވެ. ފެނަކަ އާއި ސްޓެލްކޯގެ ޓީމެއް ގުޅިގެން އެ މައްސަލަ ހައްލުކުރި ނަމަވެސް، އޭގެ ފަހުން ވެސް ދޭތެރެދޭތެރެއިން ކަރަންޓު މެދުކެނޑިފައިވެ އެވެ.
އެ މައްސަލައަށް ދާއިމީ ހައްލެއް ލިބެންދެން ސްޓެލްކޯގެ ޓެކްނިކަލް ޓީމެއް އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.



