އިންޑިއަން ގްރާންޓް އެސިސްޓެންސްގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އަކީ އިޖުތިމާއީ އިގްތިސާދީ ތަރައްގީގައި ރާއްޖެއާއި އިންޑިއާގެ ފުން އެއްބާރުލުމުގެ ހެކިތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދިޔަ މަޝްރޫއު ނިންމައި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަޝްރޫއުތަކަކީ ސިއްހީ ހިދުމަތުން ފެށިގެން ތައުލީމީ ދާއިރާ ފަދަ އެކި ދާއިރާތަކުގެ މުހިންމު ބޭނުންތަކަށް ހައްލެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ މަޝްރޫއުތަކެއް ކަމަށާއި، ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މަޝްރޫއުތަކެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އެޗްއައިސީޑީޕީ ސްކީމްގެ ސަބަބުން ލޯކަލް ކޮމިއުނިޓީތަކަށް ސީދާ ފައިދާހުރި އެތައް މަޝްރޫއުތަކެއް ނިންމުމަށް މަގުފަހިވެފައިވެފައިވާއިރު، ރައީސް މުއިއްޒު ވަނީ ދިވެހީންގެ ރާއްޖޭގެ ތަރައްގީގެ ޓްރެޖެކްޓަރީ އިތުރުކުރުމުގައި މި މަޝްރޫއުތަކުން އަދާކުރާ މުހިންމު ދައުރު ގަބޫލުކުރައްވައި، އިންޑިއާއާއެކު މި އެއްބާރުލުން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމަނިކުފާނުގެ ސަރުކާރުން ވައުދުވެވަޑައިގަންނަވާކަން އަލުން ކަށަވަރުކޮށްދެއްވާފައެވެ.
ކުރީ ސަރުކާރު ތަކުން ނަހަމަ ގޮތުގައި ދައުލާތުގެ މާލީ ކަންތައްތައް ބެެހެއްޓުމުގެ ސަބަބުން އިޤްތިޞާދީ ނުރަނގަޅު އަސަރުތަކެއް ކުރިމަތިވެފައިވާ ރާއްޖެއިން މި އައު ސަރުކާރާއެކު މުސްތަގުބަލާ ދިމާއަށް ބަލާއިރު، މި މަޝްރޫއުތަކަކީ، ދެގައުމުގެ މެދުގައި އެއްބާރުލުން ދިނުމުގައި ޕީއެންސީގެ ސަރުކާރާއި އެކުގައި މަސައްކަތް ކުރަމުންދާކަން ކަށަވަރުކޮށްދީ، އިތުރު އެއްބާރުލުމުގެ ބިންގަލެއްގެ ގޮތުގައި ހިދުމަތް ކުރާނެ މަޝްރޫއުތަކެކެވެ. އެޗްއައިސީޑީޕީގެ ކާމިޔާބީއަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވަރުގަދަ ޕާޓްނަޝިޕްގެ ސާފު ނިޝާނެކެވެ.



