ރަމްޒީ މާނައިން ފުރިގެންވާ ރަސްމިއްޔާތެއްގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ޖައިޝަންކަރާއި ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، މާލޭގެ ލޮނުޒިޔާރައި ޕާކުގައި މިއަދު ކެރަމްބޯލާ (ސްޓާ ފްރުޓް) ގަހެއް އިންދައިފިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު އިސްނަގައިގެން ހިންގަވާ 5 މިލިއަން ގަސް މަޝްރޫޢާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްވެ ހުންނަވައިގެން ވަން ޓްރީ ފޯ މަދަރ އިނިޝިއޭޓިވް ފުރިހަމަކޮށްދޭ މަޝްރޫޢުގެ ތެރެއިން އިންދި މި ގަހަކީ ދެގައުމުގެ ބަދަހި ގުޅުމާއި ތިމާވެށީގެ އަމާޒުތައް ހިއްސާކުރާ ކަމުގެ ހެކިވެރިއެކެވެ.
މި ގަސް އިންދުމަކީ ދެގައުމުގެ ތިމާވެށީގެ އެއްބާރުލުން ދިނުމުގައި ކުރިއަށްދާ މުހިންމު ވަގުތެއްގައި އެޅި މުހިއްމު ފިޔަވަޅެކެވެ. އެއީ މި މަޝްރޫއުތަކުގެ ސަބަބުން ދެ ގައުމުގެ ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމާއި ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލަ އެވެ.
މި ގަހަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ދިގުދެމިގެންދާ އެކުވެރިކަމުގެ ދިރިހުރި ރަމްޒެއް ކަމަށާ ކުރިއަށް އޮތް ޖީލުތަކަށް ފެހި، ދެމެހެއްޓެނިވި މުސްތަގުބަލަކަށް ކުރާ ޚިދުމަތްތެރިކަން ދައްކުވައިދޭ ގަހެއް ކަމަށް ދެގައުމުންވެސް ދެކެއެވެ.



