ބްރެޒިލްގެ ސައޯ ޕައުލޯ ސްޓޭޓްގެ ވިންހެޑޯގައި ހުކުރު ދުވަހު މީހުން ދިރިއުޅޭ ސަރަހައްދަކަށް މަތިންދާބޯޓެއް ވެއްޓި ބޯޓުގައި ތިބި 61 މީހުން މަރުވެއްޖެއެވެ.
ވޮއެޕާސް އިން އޮޕަރޭޓް ކުރާ މި ބޯޓު ވެއްޓުނީ ސައޯ ލޫއިސް އިން ސައޯ ޕައުލޯގެ ގުއަރޫލްހޯސް އެއާޕޯޓަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށް ހަބަރުތައް ބުނެއެވެ.
ވެއްޓުނު ބޯޓަކީ އޭޓީއާރު 72 ބޯޓެއް ކަމަށާއި، އެ ބޯޓުގައި 57 ފަސިންޖަރުންނާއި 4 ފަޅުވެރިން ތިއްބެވެ. އެ އެއާލައިނުން ވަނީ ބޯޓު ވެއްޓި އޭގައި ތިބި އެންމެން މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. މިހާދިސާ ހިނގިއިރު އެބޯޓު ވެއްޓުނު އަވަށުގެ އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް ހަބަރުތައް ބުނެއެވެ.
ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވަނީ މިހާދިސާއާއި ގުޅިގެން މަރުވި އާއިލާތަކަށް ތައުޒިޔާ ފޮނުވައި ތިން ދުވަހުގެ ގައުމީ ހިތާމައެއް އިއުލާން ކޮށްފައެވެ.
މިބޯޓު ވެއްޓެން ޖެހުނު ސީދާ ސަބަބެއް އަދި ނޭނގުނަ ސް ކަޅުފޮށި ފެނިފައިވާތީ ބޯޓު ވެއްޓުނު ސަބަބު ދެނެގަތުމުގެ ތަހުގީގު ދަނީ ކުރަމުންނެވެ.
މިއީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ނޭޕާލްގައި ޔެޓީ އެއާލައިންސްގެ ބޯޓެއް ވެއްޓި 72 މީހުން މަރުވި ފަހުން ހިނގި އެންމެ ނުރައްކާތެރި ބޯޓު ވެއްޓުމުގެ ހާދިސާ އެވެ.



