ތަހައްޖުދު ނަމާދަކީ ނަފިލު ނުވަތަ އިޚްތިޔާރީ ނަމާދެކެވެ. މިއީ ނަފްސާނީ ބާރާއި ހިތްހަމަޖެހުން ހޯދުމަށް ކުރާ ރޭގަނޑުގެ ނަމާދެކެވެ. އަދި މިއީ ފާފައިގެ ޢަމަލުތަކުން ދުރުހެލިވުމަށް ވެސް އެހީތެރިވާ ކަމެއް ކަމަށް ބެލެވެއެވެ. 'ރޭގަނޑުގެ ނަމާދު' ގެ ނަމުންވެސް މަޝްހޫރު ތަހައްޖުދު ނަމާދަކީ ފަރުޟު ނަމާދެއް ނޫނެވެ.
ތަހައްޖުދު ނަމާދަކީ ފަރުޟު ނަމާދެއް ނޫން ނަމަވެސް، ގިނަ އަޅުވެރި މުސްލިމުން މި ނަމާދު އެމީހުންގެ ދުވަހުގެ އާދަތަކުގެ ތެރެއަށް ވައްދައި، އިބާދާތެއްގެ ގޮތުގައި އަދި ﷲގެ ފާފަފުއްސެވުމާއި ދަރުމަ ހޯދުމަށް މަސައްކަތް ކުރެއެވެ. މި ނަމާދު ކުރާއިރު، ﷲ އަށް ވަކީލުކޮށް، ދުނިޔަވީ ހުރިހާ ކަންބޮޑުވުންތަކެއް ދޫކޮށްލައެވެ. ތަހައްޖަދު ނަމާދުގެ ސަބަބުން އަހަރަމެންނާއި މާތްﷲ އާއި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ އީމާންތެރިކަން އިތުރުވާނެއެވެ.
ތަހައްޖަދު ނަމާދުން ލިބޭ ފައިދާތައް!
ތަހައްޖުދު ނަމާދަކީ ފަރުޟު ނަމާދެއް ނޫންކަމުގައި ވިޔަސް، މުސްލިމުންނަށް މީގެ ނުހަނު ގިނަ ފައިދާތަކެއް ވެއެވެ. މި ނަމާދު ކުރާ މީހުންނަށް މާތްﷲ އާ ގުޅިފައިވާކަމުގެ އިހުސާސް ލިބެއެވެ. އެމީހުންނަށް އެތެރެއާއި ބޭރުން ހަމަޖެހުން ލިބެއެވެ. ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: "އަޅަމެންގެ ވެރި، ބަރަކާތްތެރި، މަތިވެރިވަންތަ ރައްބު، ކޮންމެ ރެއެއްގެ ފަހު ތިންބައިކުޅަ އެއްބައި ބާކީ އޮންނަ ހިނދު، އަޅަމެންނާ އެންމެ ކައިރި އުޑަށް ވަޑައިގަންނަވައެވެ. އަދި ވިދާޅުވެއެވެ: ތިމަން އިލާހަށް ދުޢާކުރާނެ މީހަކު ވޭހެއްޔެވެ؟ އޭރުން ތިމަން އިލާހު އެ ދުޢާއަށް އިޖާބަ ދެއްވާހުށީމެވެ. ތިމަން އިލާހާ އެދޭނެ މީހަކު ވޭހެއްޔެވެ؟ އޭރުން ތިމަން އިލާހު އެމީހަކަށް އެދުނު އެދުން ދެއްވާހުށީމެވެ. ތިމަން އިލާހުގެ ފާފަފުއްސެވުމަށް އެދޭނެ މީހަކު ވޭހެއްޔެވެ؟ އޭރުން ތިމަން އިލާހު އެމީހަކަށް ފާފަފުއްސަވާހުށީމެވެ." (ޞަޙީޙުލް ބުޚާރީ 1145)
މިއީ ތަހައްޖުދު ނަމާދުގެ ބާރުވެރިކަމެވެ. އެއީ ޢާލަމްތަކުގެ ވެރި ރައްބު ބަރަކާތްތަކާއި ތައުބާގެ ދޮރު ހުޅުއްވާ ވަގުތެވެ. މި ނަމާދަކީ ފާފަތައް ފުއްސަވާ ނަމާދެކެވެ. މިއީ ހުރިހާ އެދުންތަކެއް ޤަބޫލުވާ ނަމާދެކެވެ. މި މުޢުޖިޒާތްތެރި ނަމާދުގައި އެތައް ފައިދާތަކެއް ވެއެވެ. ތަހައްޖުދުގެ ސަބަބުންލިބޭ މުހިންމު ފައިދާތަކަށް އަލިއަޅިވާލަން ހިނގާށެވެ.
މާތްﷲ އާ ގާތްވުން: ތިބާގެ އެންމެ ގާތް ރަޙްމަތްތެރިޔާއާއެކު މަޑުމައިތިރިކޮށް ވާހަކަދައްކާ ތަން ހިތަށްގެންނަވާ. ތަހައްޖުދު ނަމާދަކީ މާތްﷲ އާއެކު އެފަދަ ގޮތަކަށް ވާހަކަދެއްކުމެވެ. އެކަލާނގެއާ ގާތްކޮށްދޭ އަދި ކޮންމެ ކަމަކާ ބެހޭގޮތުން އެކަލާނގެއާ ވާހަކަދެއްކޭނެއެވެ.
ހިތުގެ ހަމަޖެހުން: ރޭގަނޑު ނަމާދުކުރުމަކީ ހިތަށް ފިނިކަން ލިބިދޭ ފަދަކަމެއެވެ. ދިރިއުޅުމުގެ އުނދަގޫތަކާ ކުރިމަތިލާން އެހީތެރިވެދެއެވެ. ތަހައްޖުދުގެ ހެޔޮކަމުން ތިމާގެ އަޒުމް ވަރުވެގެންދެއެވެ.
ފާފަފުއްސެވުމުގެ ބާރު: ތަހައްޖުދުން ކުރީގެ ފާފަތަކާއި ކުށްތައް އަފޫކުރައްވައެވެ. ހުރިހާ އިންސާނުންވެސް ކުށްކުރެއެވެ. ނަމަވެސް ތަހައްޖުދުން އެ ކުށްތައް އުވާލުމުގެ ފުރުސަތު ނުވަތަ ފާފަ ފުއްސެވުމުގެ ފުރުސަތު ލިބެއެވެ.
އެދުންތައް ޙާޞިލްވުން: ކޮންމެ މީހަކުވެސް ޙާޞިލްކުރަން ބޭނުންވާ އެދުންތަކެއް ހުރެއެވެ. ތަހައްޖުދަކީ މާތްﷲ ގެ ކިބައިން އެދޭ އެއްޗަކަށް އެދުމުގެ ވަގުތެވެ. އެއީ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ސީދާ ގުޅުމެއް އޮތް ކަހަލައެވެ.
ހަކަތައިގެ ކުރިއެރުން: ތަހައްޖުދަކީ ރޫޙާނީ ހަކަތަ އިތުރުކޮށްދޭ އެއްޗެކެވެ. ދަތިތަކާ ކުރިމަތިލުމަށް ހެޔޮ ރޫޙަކާއެކު އެހީތެރިވެދެއެވެ.
މަގުދެއްކުމާއި ޙިކުމަތް: ތަހައްޖުދުން ތިބާއަށް ރަނގަޅު މަގަށް އިރުޝާދު ލިބެއެވެ. އަދި ތިބާގެ ވަށައިގެންވާ ހުރިހާ ބާވަތެއްގެ ނޭދެވޭ ކަންކަމުން ރައްކާތެރިކަން ލިބެއެވެ. އަދި ރަނގަޅު މަގު ހޯދުމަށާއި ރަނގަޅު ނިންމުންތައް ނިންމުމަށް ބޭނުންވާ ޙިކުމަތް ލިބިދެއެވެ.
ބަލިތަކުން ރައްކާތެރިވުން: މި ނަމާދުން ހުރިހާ ބާވަތެއްގެ ބަލިތަކުން ރައްކާތެރިކަން ލިބެއެވެ. ތިބާއަށް ބައްޔެއް ޖެހިފައިވާނަމަ ތަހައްޖުދު ނަމާދު ކުރަންވާނެއެވެ. މާތްﷲގެ ރަޙްމަތްފުޅުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި ތިބާގެ ބަލި ފިލައިދާނެއެވެ.
އެތެރެ އާއި ބޭރުގެ ޖަމާލުކަން (ރީތިކަން): ތަހައްޖުދު ނަމާދު ކުރާ މީހުންގެ މޫނުމަތީގައި ވަގުތުން އުޖާލާކަމެއް ފެނެއެވެ. މިއީ ހަމައެކަނި ބޭރުގެ ޖަމާލުކަން ދޭ ނަމާދެއް ނޫނެވެ. އެތެރޭގެ ޖަމާލުކަންވެސް ލިބެއެވެ. މި ނަމާދު އަބަދު ކުރުމުން ތިބާގެ ރޫޙު ސާފުވެ، ޠާހިރުވެއެވެ. "އެބައިމީހުން ރޭގަނޑު އެކަނި އެބައިމީހުންގެ ވެރިރަސްކަލާނގެއާއެކު ވާތީ، ﷲ އެބައިމީހުންނަށް އެކަލާނގެ ނޫރުފުޅުން ބައެއް ދެއްވައެވެ." (އަލްމަޤްރިޒީ، މުޚްތަޞަރު ޤިޔާމުއްލައިލް).
ތަހައްޖަދު ނަމާދު ކުރާނެގޮތް:
ރޭގަނޑުގެ ފަހު ގަޑިތަކުގައި މީހުންނަށް އިޚްތިޔާރީ ތަހައްޖުދު ނަމާދު ކުރުމުގެ ފުރުޞަތު އޮވެއެވެ. ތަހައްޖުދު ނަމާދު އާންމުކޮށް ކުރަނީ ޒައުޖު (ހާމަ) އަދަދަކަށެވެ. އެންމެ މަދުވެގެން ދެ ރަކުޢަތެވެ. އަދި އާންމުކޮށް ކުރާ އަދަދަކީ އަށް ރަކުޢަތެވެ. ނަމަވެސް، ވަކި ކަނޑައެޅިފައިވާ ރަކުޢަތުގެ އަދަދެއް ނެތެވެ. މި ނަމާދު ކުރަނީ ފަރުޟު ނަމާދުތައް ކުރާ ގޮތަށެވެ. އެހެންނަމަވެސް، ރޭގަނޑު ވަގުތެއްގައި ނިދާލުމަށްފަހު ހޭލާފައި މި ނަމާދުކުރުން އެންމެ އެދެވިގެންވެއެވެ. ނަމަވެސް ނުނިދާ ނަމަވެސް މި ނަމާދު ކުރެވިދާނެއެވެ. މި ނަމާދު ކުރުމަށް ނިދުން ކޮންމެހެން ލާޒިމެއް ނޫން ކަމަށް ބައެއް ޢިލްމުވެރިން ބުނެއެވެ. ނަމަވެސް ބައެއް ޢިލްމުވެރިންގެ ރިވާގައި ވަނީ ތަހައްޖުދު ނަމާދު ކުރާނީ ރޭގަނޑު އިޝާ ނަމާދަށްފަހު ކުޑަކޮށް ނަމަވެސް ނިދާލުމަށްފަހުގައެވެ. އެހެންކަމުން ދަންނަބޭކަލުން މި ދެގޮތަށްވެސް ބުރަވެއެވެ.
ގިނަމީހުން ތަހައްޖަދު ކުރަނީ ދިރިއުޅުމުގައި ވަކި ކަންތައްތައް ހާސިލްކުރުގެ މަޤްސަދުގައެވެ. އެގޮތުން ބަލިތަކުން ރައްކާތެރިކުރުމަށާއި، ވަޒީފާހޯދުމަށާއި، އަވަހަށް ކައިވެނިކުރުމަށް އަދި ދިރިއުޅުމުގައި ދިމާވާ ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް ތަހައްޖަދުގައި މާތްﷲގެ ހަޒްރަތުގައި ދުޢާ ދަންނަވައެވެ.
ތަހައްޖުދަކީ މުސްލިމަކަށް ބޭނުންވާ ހުރިހާ ބަރަކާތެއް ލިބިގެންވާ ނަމާދެކެވެ. މި ނަމާދުގައި ނުވާނެހެން ހީވާކަންކަން، ވާނެ ކަމަކަށް ބަދަލުކުރުމުގެ ބާރު ލިބިގެންވާ ނަމާދެކެވެ. މިއީ ތިބާއާއި މާތްﷲ އާ ގާތްކުރުވައިދޭ ނަމާދަކަށްވެފައި މިއީ ތިބާ އެންމެ އަޑިން އަންނަ ޚިޔާލުތައް މާތްﷲ އާ ހިއްސާކުރުމުގެ ފުރުޞަތު ދޭ ނަމާދެކެވެ. އެހެންކަމުން ފަރުވާކުޑަ ނުވާށެވެ. އަބަދުވެސް ތަހައްޖަދު ކުރުމަށް ހިތުލައިގެން ތެދުވެ ނަމާދުކޮށް، ޒިކުރުކުރާށެވެ. އެހެން އެއްވެސް މީހަކު ތިބާގެ އަޑު ނޭހި ކަމުގައި ވިޔަސް، މާތްﷲ ތިބާގެ ދުޢާތައް އައްސަވާނެއެވެ.



