އެމެރިކާގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ބްލެކް ޕެންތަރ" އަދި "ބްލެކް ޕެންތަރ: ވަކަންޑާ ފޮރެވަރ" ގެ ބަތަލް ކޯނީ ޗިއުމް އުމުރުން 72 އަހަރުގައި ނިޔާވެއްޖެއެވެ.
ބުދަ ދުވަހު ސައުތު އެފްރިކާގެ ނިއުސް ޗެނަލަކަށް މި ޚަބަރު ކަށަވަރުކޮށްދެމުން، އޭނާގެ ދަރިފުޅު، ނޮންގެލޯ، ބުނީ ޗިއަމް ނިޔާވީ އަންގާރަ ދުވަހު ޖޮހަނެސްބާގްގެ ހޮސްޕިޓަލެއްގައެވެ.
"މެޑިކަލް ޕްރޮސީޖާއަކަށް ހޮސްޕިޓަލްގައި އެޑްމިޓްކުރީ. ހާލުވެސް ދިޔައީ ރަނގަޅުވަމުން... އެކަމަކު ދެން އަޅުގަނޑުމެންނަށް ލިބުނީ ނިޔާވި ޚަބަރު".
ނޮންގެލޯ އޭނާގެ މަންމައާ ބެހޭގޮތުން ބުނީ، "އަޅުގަނޑުމެންނަކީ އޭނާގެ ދަރިންކަމަށްވީތީ ފަޚުރުވެރިވަމު. އޭނާ ދޫކޮށްފައި ދިޔައީ ރީތި ނަމޫނާތަކެއް، ހަމައެކަނި އޭނާގެ ދަރިންނަށް ނުވަތަ އާއިލާއަށް އެކަންޏެއް ނޫން. މުޅި މުޖުތަމަޢުއަށާއި ޤައުމަށްވެސް".
މި އެކްޓްރެސް އުފަންވީ 1952 ގައި ސައުތު އެފްރިކާގެ ވެލްކޮމްގައެވެ. އަދި އޭނާގެ އެކްޓިންގ ކެރިއަރ ފެށީ 1980 އިގެ އަހަރުތަކުގައެވެ. އެއީ ގްރީސްގައި އެތައް އަހަރެއް ހޭދަކުރުމަށްފަހު ސައުތު އެފްރިކާއަށް އެނބުރި އައުމަށްފަހުގައެވެ.
އޭނާގެ އެކްޓިން ހަޔާތުގައި ސައުތު އެފްރިކާގެ ތަފާތު ބޮޑު ދެ ދުވަސްވަރު މަސައްކަތް ކޮށްފައި ވާކަން ފާޙަގަކޮށްލަން ޖެހެއެވެ. އޭނާ އެކްޓްކުރަން ފެށީ ދެކުނު އެފްރިކާގެ ސަރުކާރުން ތަންފީޒު ކުރަމުން އައި ނަސްލީ ތަފާތުކުރުމުގެ ނިޒާމް ކަމަށްވާ އެޕާޓްހައިޑްގެ ދަށުގައި އެގައުމު އޮއްވައެވެ. 1948 ވަނަ އަހަރުން ފެށިގެން 1990 ގެ އަހަރުތަކުގެ ކުރީކޮޅާއި ހަމަޔަށް ދެކުނު އެފްރިކާގައި އެޕާޓްހައިޑްގެ ނުބައި ނިޒާމް ދެމިގެން ދިޔަކަން ފާހަގަ ކުރެވެއެވެ.
1990 އިގެ ކުރީކޮޅުގައި އެޕާޓްހައިޑް ނިމުމަކަށް އައުމަށްފަހު އޭނާ އައީ ފިލްމީ ކެރިއަރުގައި މަސައްކަތް ކުރަމުންނެވެ.
ހޮލީވުޑްގައި ޗިއަމްގެ އެންމެ ބޮޑު ރާޅެއް ފެނިގެން ދިޔައީ 2018 ގައި މާވެލްގެ "ބްލެކް ޕެންތަރ" ފިލްމުގައި ޒަވަވަރީ ނަމަކަށް ކިޔާ ގަބީލާގެ ބޮޑުމީހެއްގެ ދައުރުންނެވެ. އޭނާ ކުޅުނު މި ރޯލު 2022 ގައި "ބްލެކް ޕެންތަރ: ވަކަންޑާ ފޮރެވަރ" ގައިވެސް ވަނީ ކުޅެފައެވެ.
މީގެ އިތުރުން ދެކުނު އެފްރިކާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އޭނާ ކުޅެފައިވާ އެތައް ރޯލުތަކެއްގެ ފާހަގަކޮށްލެވެއެވެ. މީގެތެރެއިންވެސް "ޒޯން 14"، "ރިތްމް ސިޓީ"، "ކުއީން ސޯނޯ" އަދި "ގޮމޯރާ" ފަދަ ފިލްމުތައް ވަކިން ފާހަގަ ކޮށްލެވެއެވެ. އަދި ޑްރީމްޑް އޮފް އެފްރިކާ، ފަނީ ފޯރެސް ލޮބޯލާ އަދި ސީރިއަސްލީ ސިންގަލް ފަދަ ފިލްމުތައް ވެސް އޭނާ ވަނީ ކުޅެފަ އެވެ.
2020 ވަނަ އަހަރު ބިޔޯންސޭގެ މިއުޒިކަލް "ބްލެކް އިޒް ކިންގް" އިން ވެސް އޭނާ ފެނިގެން ގޮސްފައިވެ އެވެ.
2022 ވަނަ އަހަރު ސައުތު އެފްރިކާގެ ފިލްމް އެންޑް ޓެލެވިޜަން އެވޯޑްސްގައި ޗިއަމްއަށް ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއް ލިބިފައެވެ. އެކްޓްރެސް ދުނިޔެ ދޫކޮށް ދިޔައިރު އޭނާގެ ތިން ދަރިންނާއި ފަސް މާމަދަރިން ދަރިން ދުނިޔޭގައި ތިއްބެވެ.



