ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ހޮވޭ ޕާޓީ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅައިފި އެވެ.
އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
އޭނާ މި އިސްލާހު ހުށަހެޅުއްވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބަޔާންކޮށް، 'އެންޓި ޑިފެކްޝަން ގާނޫނު' ތަސްދީގު ކުރައްވާފައިވަނިކޮށެވެ.
މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މެމްބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އަމިއްލަ ގޮތުން މަޖިލީހަށް ހޮވޭ ކެންޑިޑޭޓަކު ޕާޓިއަކަށް ސޮއިކޮށްފިނަމަ ނުވަތަ ޕާޓީއަކުން މެމްބަރަކު ވަކިކޮށްފިނަމަ އެ މެމްބަރަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ އެވެ.
އެންޓި ޑިފެކްޝަން ގާނޫނުގައި މިހާރު އޮތް ގޮތުން އެފަދަ ހާލަތެއްގައި މެމްބަރަކު އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭނެ އެވެ. އެހެން ނަމަވެސް، އިސްތިއުފާ ނުދީފި ހާލަތެއްގައި އަމަލުކުރާނެ ގޮތެއް އެ ގާނޫނުގައި ބަޔާންކޮށްފައިނުވެ އެވެ.
މިއަދު ހުށަހެޅި އިސްލާހުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކަކީ:
- ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނީ އެ ޕާޓީއެއްގެ ނިންމުމާ ހިލާފަށް ވޯޓުދީގެން އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީން ވަކިކޮށްފިނަމަ
- އެހެން ހާލަތެއްގައި ޕާޓީން ވަކިކޮށްފިނަމަ މެންބަރުކަމުން ވަކިވާނީ އެ މެންބަރަކު އިންތިހާބުވީ ދާއިރާގެ ވޯޓުދިނުމުގެ ހައްގު ލިބޭ މީހުންގެ އަގުލަބިއްޔަތުން އެ މެމްބަރަކު ވަކިކުރުމުން
- މެމްބަރުން ތަމްސީލް ކުރާ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ ވަކި ޕަސެންޓެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފިނަމަ އެ ޕެޓިޝަން ދިރާސާކޮށް، އޭނާ މެމްބަރުކަމުގައި ބެހެއްޓުމާ ގުޅޭގޮތުން އާންމު ވޯޓެއް ނަގަން ޖެހޭނެ



