ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސް އަށް އިސްރާއީލުގެ ވަރުގަދަ ވައިގެ ހަމަލާތަކެއް މިއަދު ދީފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި ހުކުރު ދުވަހާއި ދިމާކޮށް 30 އަށްވުރެ ގިނަ ބޮން ޔަހޫދީ ފައުޖުތަކުން ޚާން ޔޫނިސް އަށް ވަނީ އަޅާފައެވެ.
އިސްރާއީލުން ބުނަނީ އެމީހުން ބޮން އަޅަމުން ދަނީ ހަމާސްގެ އަސްކަރީ ތަންތަނަށެވެ.
ނަމަވެސް ވައިގެ ހަމަލާތަކުގައި އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުންނަށް ހިޔާވަހިކަން ދޭ ދެ ސްކޫލަކަށް ވެސް ވަނީ ބޮން އަޅާފައެވެ. އެ ހަމަލާ ތަކުގައި 15 މީހުން މަރުވެ 30 މީހަކު ޒަހަމްވެފައިވެ އެވެ.
ޚާން ޔޫނިސްގެ އިންސާނީ ހާލަތު ގޯސްވެ، ކާބޯތަކެއްޗާއި ފެނާއި ބޭސްފަރުވާގެ ސާމާނު އާދަޔާ ހިލާފަށް ދަށްވެފައި ވާއިރު، މިމައްސަލަ ހައްލުވާނެ އެއްވެސް އަލާމާތެއް އަދި ނުފެނެ އެވެ.



