އިސްލާމް ދީނުގައި ޒައިތޫނި

އައިޝަތު ރުވާ ރިފްޢަތު | 340 ދުވަސް ކުރިން - 9 އޯގަސްޓް 2024 03:36
ޒައިތޫނި އަކީ ކެއުމުގައްޔާއި، ބޭސްފަރުވާ އަދި ޒީނަތްތެރިވުމަށްވެސް ބޭނުންކުރެވޭ ފައިދާހުރި މޭވާއެއެއް
ޒައިތޫނި އަކީ ކެއުމުގައްޔާއި، ބޭސްފަރުވާ އަދި ޒީނަތްތެރިވުމަށްވެސް ބޭނުންކުރެވޭ ފައިދާހުރި މޭވާއެއެއް
ޚުލާސާ

ކީރިތި ޤުރުއާނުގައި ޒައިތޫނިގެ ނަން ހަތްފަހަރު ބަޔާންކުރެވިފައިވެއެވެ. އަދި ޒައިތޫނީގެ ޞިއްޙީ ފައިދާތައް ނަބަވީ ޠިއްބުގައި ބަޔާންކުރެވިފައިވެއެވެ.

ޒައިތޫނިއަކީ ޙަޤީޤަތުގައިވެސް އަޖައިބުވެގެންވާ އަދި ބަރަކާތްތެރި މޭވާއެކެވެ. ޤުރުއާނުގައި 6 ފަހަރު ޒައިތޫނީ މޭވާގެ ވާހަކަ ބަޔާންކުރެވިފައިވެއެވެ. އަދި ހަތްވަނަ ފަހަރަކަށް ޔޫސުފް ސޫރަތުގައި ޒައިތޫނިއަށް އިޝާރާތްކުރެވިފައިވެއެވެ. ޒައިތޫނި އަކީ ކެއުމުގައްޔާއި، ބޭސްފަރުވާ އަދި ޒީނަތްތެރިވުމަށްވެސް ބޭނުންކުރެވޭ ފައިދާހުރި މޭވާއެކެވެ.

ﷲ ތަޢާލާ ޤުރުއާނުގައި ޒައިތޫނީ މޭވާއާ ބެހޭގޮތުން ވަޙީ ކުރައްވާފައި ވަނީ ކިހިނެއް؟

ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ވާހަކަ ވަޙީކުރައްވަމުން، ޒައިތޫނީ މޭވާގެ ވާހަކަ އެތައް ފަހަރެއްގެ މަތިން ބަޔާންކުރައްވާފައިވެއެވެ.

ﷲ ތަޢާލާ މި ބިމުގައި އަޅުގަނޑުމެންނަށްޓަކައި ބާވައިލައްވާފައިވާ ރަނގަޅު ކާނާގެ ވާހަކައާއި، އުޑުން ވާރޭ ވެއްސަވައި އެ މިންހެޔޮ ކާނާ ބިމުން ނެރުއްވާ ވާހަކަ ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. މި ބައެއް އާޔަތްތަކުގައި، ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ކާނާގެ ތެރެއިން ޚާއްޞަކޮށް ޒައިތޫނީ މޭވާގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ:

"އަދި އެއީ އެކަލާނގެއެވެ. ބުރުދާ ޖަހައިގެން ހައްދާ ބަގީޗާތަކާއި، ބުރުދާ ނުޖަހައި ހައްދާ ބަގީޗާތައް އުފެއްދަވައި އަދި ރުއްތަކާއި، ތަފާތު ކާނާގެ ބާވަތްތަކުގެ ގޮވާންތަކާއި، ޒައިތޫނި އަދި އަންނާރު އުފެއްދެވީވެސް އެކަލާނގެއެވެ. އޭގެ ތެރެއިން އެއްޗެހި އެއްގޮތްވާ އަދި ތަފާތުވާ ގޮތަށެވެ. އޭގެ މޭވާ އަޅާ މޫސުމުގައި ކައިއުޅޭށެވެ. އަދި (ހަޞާދުކުރާ) ދުވަހު އޭގެ ޙައްޤު (ޒަކާތް) ދޭށެވެ. އަދި އިސްރާފު ނުކުރާށެވެ. ހަމަކަށަވަރުން، އެކަލާނގެ އިސްރާފުކުރާ މީހުންދެކެ ލޯބިވެވޮޑި ނުގަންނަވައެވެ." (ޤުރުއާން، 6:141)

މި އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތަކާއި، އެ ނިޢުމަތްތަކުން ބޭނުންކުރުމުގެ އަދަބުތަކާއި، އިސްރާފު ނުކުރުމުގެ މުހިންމުކަން ބަޔާންކޮށްދެއްވާފައިވެއެވެ.

ޒައިތޫނީއަކީ އިންސާނުންނަށް ޖަންނަތުން ލިބިފައިވާ ހަދިޔާއެކެވެ. ކަދުރުގެ އިތުރުން، ޒައިތޫނީ އަކީވެސް އިސްލާމްދީނުގައި ވަރަށް މުހިންމު މޭވާއެއްގެ ގޮތުގައި ބެލެވެއެވެ. ޒައިތޫނި މަޑިއާއި އޭގެ ގަސް ޤުރުއާނާއި ޙަދީޘްގައި އެތައް ފަހަރަކު ބަޔާންވެގެން އައިސްފައިވެއެވެ. އިސްލާމްދީނުގައި ޒައިތޫނި މަޑިއަކީ "ބަރަކާތްތެރި" މަޑިއެއްގެ ގޮތުގައި ބެލެވެއެވެ. އަދި މިއީ ރަނގަޅު ކާނާއެއްގެ ގޮތުގައި ބޭނުންކުރެވުމުގެ އިތުރުން، ޞިއްޙަތަށް ފައިދާހުރި ކާއެއްޗެއްގެ ގޮތުގައި ބޭނުންކުރެވޭ އަދި "ރުޤްޔާ ފަރުވާ" ގައިވެސް ބޭނުންކުރެވޭ އެއްޗެކެވެ.

ﷲ ވިދާޅުވަނީ ޒައިތޫނިއަކީ ހަމައެކަނި ކާއެއްޗެއް ނޫންކަމާއި އަޅުގަނޑުމެން އެއާ މެދު ވިސްނަންވާނެ ކަމެވެ!

އަޅުގަނޑުމެން ހައްދައި ކައިއުޅޭ މޭވާތަކުގެ ތެރެއިން ޒައިތޫނި ޚާއްޞަކޮށް ފާހަގަކުރައްވާފައިވަނީ، ހަމައެކަނި އަޅުގަނޑުމެންގެ ރިޒުޤެއްގެ ގޮތުގައެއް ނޫނެވެ. އެއީ އަޅުގަނޑުމެންނަށް ދައްކަވާ ނިޝާންތަކެކެވެ:

އެކަލާނގެ އެއިން ތިޔަބައިމީހުންނަށްޓަކައި ދަނޑުބިންތަކާއި، ޒައިތޫނީގެ ގަސްތަކާއި، ކަދުރު ރުއްތަކާއި، މޭބިސްކަދުރުގެ ގަސްތަކާއި، އަދި ހުރިހާ ބާވަތެއްގެ މޭވާތައް ފަޅުއްވައެވެ. ހަމަކަށަވަރުން، އެކަމުގައި ވިސްނާ ބަޔަކަށް ނިޝާނެއްވެއެވެ." (ޤުރުއާން، 16:11)

"އަދި [ތިމަން ﷲ އުފައްދަވަނީ] މޭބިސްކަދުރާއި ޒައިތޫނީގެ ބަގީޗާތަކާއި އަންނާރުގެ ބަގީޗާތަކެވެ. [އެއީ] އެއްގޮތްވެފައި ތަފާތުވެސްވާ ގޮތަށެވެ. އޭގެ މޭވާ އަޅާއިރު އަދި ފޮޅޭއިރު [އެއަށް] ބަލާށެވެ! ހަމަކަށަވަރުން، އެކަމުގައި އީމާންވާ ބަޔަކަށް ނިޝާންތަކެއްވެއެވެ." (ޤުރުއާން، 6:99)

ޒައިތޫނީގައި ﷲގެ ހައިރާންކުރުވަނިވި ނިޝާންތަކެއް ވެއެވެ. މިސާލަކަށް، އެއީ މާމިންއޮއްޓަރުން )ނިއުޓްރިއެންޓްސް( ފުރިފައިވާ މޭވާއެކެވެ! ޒައިތޫނީގައި ކޮޕަރ، ކެލްސިއަމް އަދި ސޯޑިއަމް އެކުލެވެއެވެ. މިއީ ޞިއްޙަތަށް ފައިދާހުރި ކާނާއަށް ކޮންމެހެން ބޭނުންވާ ތަކެއްޗެވެ. އޭގައި އެންޓިއޮކްސިޑެންޓްސް ގިނައެވެ. އޭގެ ތެރޭގައި ވިޓަމިން އީ، އޮލިއުރޮޕީން، ހައިޑްރޮކްސިޓައިރޮސޯލް، ޓައިރޮސޯލް އަދި އޮލިއެނޮލިކް އެސިޑް ހިމެނެއެވެ. މީގެ އިތުރުން ކަޅު ޒައިތޫނީގައި އަޔަން ވެސް ގިނަކަން ފާހަގަކޮށްލެވެއެވެ.

މަސްޖިދުލް އަޤްޞާގެ ބަރަކާތްތެރި ޒައިތޫނީގެ ވާހަކަ ﷲ ޤުރުއާނުގައި ވަޙީކުރައްވަނީ ކިހިނެއްތޯ؟

އަހަރެމެންނަށް ފެނިފައިވާ ފަދައިން، ޒައިތޫނީއާއި ޒައިތޫނު ތެޔޮ ޤުރުއާނުގައި އެތައް ފަހަރަކު ބަޔާންކުރައްވާފައިވެއެވެ - އެހެންނަމަވެސް އަލް-އަޤްޞާގެ ޒައިތޫނީގަސްތަކަކީ ވަކިން ޚާއްޞަ މަތިވެރި މަޤާމެއް ލިބިގެންވާ އެއްޗެކެވެ. މި ޒައިތޫނީގަސްތަކަކީ އެހާ ބަރަކާތްތެރި އެއްޗެއް ކަމުން، ﷲ ޤުރުއާނުގައި އޭގެ ނަމުގައި ހުވާކުރައްވާފައިވެއެވެ!

"ތިއްބާއި ޒައިތޫނީގެ ގަހުގަންދީ ހުވާކުރައްވަމެވެ. އަދި ސީނާއި ފަރުބަދައިގެ ގަންދީ ހުވާކުރައްވަމެވެ. އަދި މި އަމާން ރަށުގެ (މައްކާގެ) ގަންދީ ހުވާކުރައްވަމެވެ. ހަމަކަށަވަރުން، ތިމަން ﷲ އިންސާނާ ހެއްދެވީ އެންމެ ރިވެތި ސިފައިގައެވެ." (ޤުރުއާން، 95:1-4)

ޤަތާދާއާއި އިބްނު ޒައިދުއާއި އެހެން ބޭކަލުން މިތާނގައި ހުވާކުރެވިފައިވާ ޒައިތޫނީއާ ބެހޭގޮތުން ވިދާޅުވެފައިވަނީ، "އެއީ ބައިތުލް މަޤްދިސްގެ މިސްކިތެވެ" (އިބްނު ކަޘީރު)، އެބަހީ މަސްޖިދުލް އަޤްޞާއެވެ.

މަސްޖިދުލް އަޤްޞާގެ ތެރޭގައި ހައްދަވާފައިވާ ޒައިތޫނީގަސްތަކަކީ ޤުރުއާނުގައި އެހާ މަތިވެރި މަޤާމެއް ލިބިފައިވާ އެއްޗަކަށްވުމާއެކު، އެއީ އަގު ނުކުރެވޭފަދަ އެއްޗެއްކަމުގައި ދެކެވެއެވެ. އެހެންކަމުން، އެ ޒައިތޫނީގެ ތެޔޮ ވިއްކުމެއް ނޯވެއެވެ. އޭގެ ބަދަލުގައި، އެ ތެޔޮ އަބަދުވެސް ހަދިޔާކުރެވެނީ،ގިނައިން ބައިތުލް މަޤްދިސްގައި ދިރިއުޅޭ ފަޤީރު ޢާއިލާތަކަށެވެ.

ނަބިއްޔާ ﷺ ޒައިތޫނު ތެޔޮ ބޭނުންކުރެއްވީ ކިހިނެއް؟

އިބްނުލް ޤައްޔިމްގެ ނަބަވީ ސިއްޙަތާ ބެހޭ ފޮތުގައި ޒައިތޫނިއާއި އޭގެ ތެޔޮ ބޭނުންކުރުމަށް ބާރުއަޅުއްވާފައިވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ޒައިތޫނު ތެޔޮ ކައި، އަދި އެ ތިޔަބައިމީހުންގެ ބޯއިސްތަށްޓަށާއި ހަމުގައި ލާށެވެ. ފަހެ، އެއީ ބަރަކާތްތެރި ގަހަކުން އަންނަ އެއްޗެކެވެ." (އައްތިރްމިޛީ 1775)

ޒައިތޫނުގެ ކާނާގެ ފައިދާތަކާ ބެހޭގޮތުން އަހަރެމެން ކުރިން ވާހަކަދައްކާފައިވާނެއެވެ. ހަމައެގޮތަށް ޒައިތޫނި ތެލުގައި ފައިދާތަކެއްވެސް ވެއެވެ. ޒައިތޫނި ތެޔޮ ބޮލުގައި ލާން ބޭނުން ކުރުމުން އިސްތަށިގަނޑު ވަރުގަދަވެ، ބޮލުގައި ހަންފޮޅުންފަދަ ކަންކަމުން ރައްކާތެރިކޮށްދެއެވެ. ސަބަބަކީ ޒައިތޫނު ތެލުގައި އޮމެ-ގާ 3 އަދި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ހިމެނޭތީއެވެ.

މިހުރިހާ ސަބަބުތަކަށްޓަކައި އަހަރަމެންގެ ދުވަހުގެ ދިރިއުޅުމުގައި ޒައިތޫން ބޭނުންކުރުމަކީ ވަރަށްވެސް ބުއްދިވެރިކަމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%