ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރަކަށް ޑރ.މުޙައްމަދު ޔޫނުސް އައްޔަން ކުރެއްވުމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ހަސީނާގެ އިސްތިއުފާއަށްފަހު އިންތިޤާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ މަޤާމަށް ދުނިޔޭގެ ނޮބެލް އިނާމު ލިބިވަޑައިގެންނެވި ޔޫނުސް އައްޔަން ކުރެއްވުމުން ރައީސް މުއިއްޒު ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. ރައީސް މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހިރާއްޖެއާއި ބަންގްލަދޭޝްގެ ދިގުދެމިގެންދާ އެކުވެރިކަމާއި ގާތް ގުޅުމަށް އަލިއަޅުވާލައްވައި، އެމަނިކުފާނގެ ލީޑަރޝިޕްގެ ދަށުން ބަންގްލަދޭޝްގެ ރައްޔިތުންނަށް ޞުލްޙައާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

"ފަގީރުންނަށް ބޭންކަރު"ގެ ނަމުންވެސް މަޝްހޫރުވެފައިވާ ޑރ. ޔޫނުސް އަކީ ކުދި ލޯނުތަކުގެ ތެރެއިން ފަގީރުން ބާރުވެރި ކުރުވުމަށް އޭނާ ގެންގުޅުއްވި އާ އުސޫލުން ބަންގްލަދޭޝް އާއި އެގައުމުން ބޭރުގައި ވެސް އެތައް މިލިއަން ބައެއްގެ ދިރިއުޅުން ބަދަލު ކުރެއްވި ބޭފުޅެކެވެ. އިޖުތިމާޢީ ވިޔަފާރީގައި ޑރ.ޔޫނުސްގެ ލީޑަޝިޕާއި ފަޤީރުކަން ނައްތާލުމަށް މަސައްކަތް ކުރެއްވުމުން ބައިނަލްއަޤްވާމީ ގޮތުން އެކަން ފާހަގަކޮށް ، ޑރ.މުޙައްމަދު ޔޫނުސްއަށް 2006 ވަނަ އަހަރު ސުލްޙައިގެ ނޮބެލް އިނާމު އެރުވިއެވެ.