ހުޅުމާލޭގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ، ހަތް މީހަކަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.އެމްޑީއެމްއޭ އިން ބުނެފައި ވަނީ އިއްޔެ ހަވީރު ހިނގި އަލިފާނުގެ އެ ހާދިސާގައި ހިޔާގެ 11 ވަނަ ޓަވަރުގެ 11 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުގެ އެއް ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެފައި ކަމަށެވެ.އެހެންވެ، އެ ތަނުގައި ދިރިއުޅޭ ހަތް މީހުންގެ އާއިލާ އަށް އެ އޮތޯރިޓީން ވަނީ މިހާރު ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެެ.އެމްޑީއެމްއޭގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ އެ މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފައި ވަނީ އަލިފާނުގެ ހާދިސާ އަށް ފަހު، އެތަނުގައި ކަރަންޓުގެ މައްސަލައެއް ވެސް އުޅޭތީ ކަމަށެވެ. މިއަދު އެތަނުގެ އެސެސްމަންޓް ހަދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.އެކަމަކު އަލިފާނުގެ ހާދިސާ މެދުވެރި ގޮތެއް ސާފެއް ނުވެ އެވެ. 
އެންޑީއެމްއޭ އިން އާންމުކުރި އެތަނުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ގޮދަޑީގައި އަލިފާން ހިފައި އެ ވެސް އޮތީ ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަދި ދުމުގެ ސަބަބުން ސީލިންގައި ދެލި ހިފާފައި އޮތްއިރު ކޮޓަރީގައި ހުރި އަލަމާރިއަށް ވެސް އަލިފާނުގެ އަސަރުކޮށް ހުރީ ކަޅުވެފަ އެވެ.


