Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަޅު ގޯތިތައް ސަރުކާރަށް ނެގުމުގެ ސިޔާސަތެއް!

ފަޅު ގޯތިތައް ސަރުކާރަށް ނެގުމުގެ ސިޔާސަތެއް!

އުސްތާޛް މުޙައްމަދު ޢަލީ
758 ދުވަސް ކުރިން - 8 އޯގަސްޓް 2024 18:49
ގޯތި ދޫކުރިގޮތަށް ފަޅަށް ހުންނަތާ 35 އަހަރު. ވަށާފާރެއް ނެތް. ފޮޓޯ އަހްމަދު ޝަކީބް
ގޯތި ދޫކުރިގޮތަށް ފަޅަށް ހުންނަތާ 35 އަހަރު. ވަށާފާރެއް ނެތް. ފޮޓޯ އަހްމަދު ޝަކީބް
ޚުލާސާ

ވިހި ތިރީސް ސާޅީސް އަހަރު ވަންދެން އެއްވެސް މީހަކު ދިރިނޫޅޭ އަދި ވަށާ ފާރުވެސް ނުރާނާ ހުރި ގޯތިތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަހުއްޓެވެ. މިގޮތަށް ހުހަށް ބިންތައް ހުރުމަކީ ގޯތި ނުލިބިގެން އުޅޭ މީހުންގެ ހައްގެއް ގެއްލިގެން ދިޔުމެވެ. ބިމާއިބެހޭ ޤާނޫނުގެ މަޤްޞަދުވެސް ޙާޞިލެއް ނުވެއެވެ. މިފަދަ ތަންތަން ދައުލަތަށް ނެގެން ޖެހޭނެއެވެ.

ވެމްކޯގެ ބްރާންޗެއް ކުޅުދުއްފުށީގައި ހުޅުވަން ދިޔަ ދަތުރުގައި އަޅުގަނޑަށް އެރަށުން ފެނުނީ ފަޅަށް ހުރި ހުސް ގޯތިތަކެވެ. ވަށާ ފާރުވެސް ނުރާނައެވެ. 

ބަންޑާރަ ގޯއްޗެއް ދޫކުރި ފަހުން 15 އަރުވެފައި ، ވަށާފާރު ރާނާ ފައިނުވާ ނުވަތަ އިމާރާތެއް ނުކޮށް ނުވަތަ އިމާރާތުގެ މަސައްކަތެއް ކުރަމުން ނުގެންދާ ފަޅަށް ހުންނަ ބަންޑާރަ ގޯތިތައް ވަކިކުރުން ، ނުވަތަ ގޯތީގެ ބޮޑުމިނަށް ބަލައި ދައުލަތަށް އަގެއް ދެއްކުމަށް މިހާރު ޢަމަލުކުރަމުންދާ ބިމާބެހޭ ޤާނޫނުން މަނައެއް ނުކުރެއެވެ. ބަންޑާރަ ގޯތި ދޫކުރަނީ ދިރިއުޅުމަށެވެ.

Advertisement

Advertisement 1

މިއީ މިހާތަނަށް ރާއްޖޭގައި ކޮށްފައިވާކަމަކަށް ނުވި ނަމަވެސް ގެދޮރު ދަތިކަން ތަހައްމަލުކުރާ ބޯހިޔާވަހިކަމެއް ނެތް ވަރަށް ގިނަ މީހުންގެ ފަރާތުން އިވޭ ޝަކުވާއެކެވެ. މިއީ ނުކުރާންވީ ޝަކުވާއެއް ނޫނެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ގެވަޅު ނުލިބުމުގެ ޝަކުވާ އަކީ ގިނަ ޝަކުވާއެކެވެ. ޙާއްޞަކޮށް އާބާދީ ބޮޑެތި ރަށްރަށުގައި 100 ފޫޓު ގެ ބޮޑެތި ބަންޑާރަ ގޯތިތައް ފަޅަށް ދޫކޮށްލާފަައި ވާކަން ފާހަގަކުރެވިފައިވެއެވެ. އޭގެ ތެރޭގައި އެންމެ ކުޑަމިނުން ވަށާފާރު ރާނާފައި ނުވާ ގޯތިތައް ވެސް ފުދޭވަރަކަށް ގިނައެވެ.

އެހެންކަމުން މިގޮތަށް ހުންނަ ގޯތިތަކުގައި އިމާރާތެއް ނުކޮށް ހުންނަ ސަބަބުތައް ދެނެގަނެ މަޤުބޫލު ސަބަބަބެއް ނެތި އަޅާނުލާ ވާ ކޮށްފައި ހުންނަ ބަންޑާރަ ގޯތި ތައް ވަކިކޮށް ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ޖެހިފައިވާ ބޭނުންތެރި ފަރާތްތަކަށް ހަމަޖެއްސިދާނެއެވެ. އެއީ ޤާނޫނަށް ބަދަލެއް ނުގެނައި ނަމަވެސް މިހާރު ހުރި ޤާނޫނުތަކުން ވެސް ކުރެވޭނެކަމެކެވެ. ހަމައެކަނި ކުރަންޖެހޭނެ ކަމަކީ ވަށާ ފާރު ރާނާފައި ވާނަމަ ނުވަތަ އަގެއް ކަނޑައެޅިދާނެ ފަދަ ރުއްގަސް ހުރި ނަމަ ޝަރްޢީ އަގުކޮމެޓީއަކުން އަގުކޮށް ޝަރީޢަތުން ކަނޑައަޅާ އަގެއް ބަދަލު ގޮތުގައި ދިނުމެވެ. ބިމަކީ ބަންޑާރަ ބިންކަމަށް ވާތީ ބިމަށް އަގު ކުރުމެއް ނޯންނާނެއެވެ. މިކަން މިގޮތަށް ކުރަންޖެހޭ ސަބަބަކީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް އިސްކަންދޭ ތަރުތީބުން ބިންހަމަޖެއްސުމެވެ.

ބިން ވަކިކުރުމުގެ ކުރިން ގޯތީގެ ވަށާފާރު ރޭނުމަށާއި ދިރިއުޅެން ފެށުމަށް މުއްދަތެއް ދެވިދާނެއެވެ. އެމުއްދަތު ހަމަވީއިރު އެގޯތީގައި ދިރިއުޅެން ނުފަށާނަމަ އެކަމަށްޓަކާ ކުރި މަސައްކަތަކަށް ނުވަތަ ކުރަމުންދާ މަސައްކަތަށް ބަލައި އެކަމަށް ރިޢާޔަތްކޮށް ވަކިނުކުރުމަށް ނިންމިދާނެއެވެ. ދެންނެވުނު ފަދަ ބަންޑާރަ ގޯތިތައް ވަކިކުރުމުގެ ކުރިން މިހާރު ޢަމަލު ކުރަމުންދާ ބިމާބެހޭ ޤާނޫނަށް އިތުރު އިޞްލާހެއް ގެނައުމަށް ފެންނަނަމަ ގެނެވިދާނެއެވެ. މިކަންކުރެވޭނީ މިކަންކުރުމުގެ މުހިއްމުކަކަމާއި ނުކުރުމުން ނުކުންނަ މައްސަލަތަކާއި ދަތިތައް ކަމާބެހޭ އިދާރާތަކުގެ ވެރިންނަށް ވިސްނިގެންނެވެ. މުޅި ރަށުގެ ރައްޔިތުންގެ މަޞްލަހަތު އިސްކުރެވިގެންނެވެ. ބަންޑާރަ ގޯތި ދޫކުރާއިރު 5 އަހަރު ތެރޭގައި ދިރިއުޅެން ފެށުމަކީ ޝަރުޠެކެވެ. ގޯތި ދޫކުރެވެނީ ދިރިއުޅުމަށެވެ. ދިރިއުޅޭނެ ތަނެއް ނެތިގެން ގޯއްޗެއް ހޯދުމަށް އެދި ކުރިމަތި ލުމުން ނެވެ.

ދިރިއުޅުމަށް ދޫކުރި ގޯތީގައި ދިރިއުޅެވޭނެ ގޮތެއް ހެދުމަށް އެއްވެސް މަސައްކަތެއް ނުކޮށް ވާ ކޮށްފައި ، މަގުމަތިންދާ މީހުން ކަރުގޮހޮރާއި ކުނި އުކަން އޮންނަ ފަޅު ގޯއްޗެއްގެ ގޮތުގައި 20 ،30 ،40 އަހަރު ބޭއްވުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. އެކަމުގެ ސަބަބުން ގޯތި ތަކުގައި އަސްލު ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ އެތައް ބައެއްގެ ހައްގުތައް ނިގުޅައިގަނެވެނީއެވެ.

ކުޅުދުއްފުށިން އެންމެ ފަހުން ފުލެތްތައް ދިންއިރު އެރަށުގައި އުޅޭ ހިޖުރަވެރިންނަށް 40 ޕަސަންޓު ފުލެޓު ދިނެވެ. ނަމަވެސް އޭގެތެރެއިން ގިނަ ފުލެޓުތައް އެމީހުން ތިބެނީ ކުޅުދުއްފުށީ މީހުންނަށް ކުއްޔަށް ދީފައެވެ. އެހެންކަމުން މިއީ ޤާނޫނުގެ އަސްލު މަޤްޞަދު ޙާޞިލްވާ ކަމެއް ނޫންކަން ފާހަގަ ކުރެވެއެވެ.

އެހެންކަމުން އިސްވެ ބުނެވުނު ފަދަ ދޫކުރިފަހުން ޒަމާންތަކެއްވެފައިވާ ދިރިއުޅުމަށް މަސައްކަތެއް ކޮށްފައި ނުވާ ބަންޑާރަ ގޯތިތައް ވަކިކުރުން ނުވަތަ އެފަދަ ގޯތިތަކުން ޖޫރިމަނާ ފައިސާއެއް ނަގާގޮތަކަށް ހަމަޖައްސަނިކޮށް ރަށްރަށުން ފަޅު ގޯތިތައް ހުސްވެ ގޯއްޗަށް ބޭނުންޖެހިފައިވާ މީހުންގެ ޝަކުވާތަކަށް ނިމުން އަތުވެދާނެއެވެ. ގޯތި ވަކިކުރުމަށް ފަހު ގޯތި ދޭއިރު 2000 އަކަފޫޓެއްގެ ގޯއްޗެއް ވަކިކޮށްފި ނަމަ އެގޯތި ދެމީހަކަށް ދޫކުރެވިދާނެއެވެ. އަލުން ގޯތި ދޫކުރާއިރު ވަކިކުރެވުނު ފަރާތުގެ ޢާއިލާގެ މީހުންނަށް އިސްކަން ދޭ އުޞޫލެއް ވެސް ކަނޑައެޅިދާނެއެވެ. އަދި ދިރިއުޅުމަށް ދޫކުރާ ގޯއްޗެއްގައި ދިރިއުޅޭނެ ތަން ނުބާއްވައި ގޯތި އެއްކޮށް ގުދަން ހެދުމަށް ނުވަތަ އެނޫން ވެސް ސިނާޢީ މަސައްކަތެއް ކުރުމަށް ކުއްޔަށް ނުދެވޭނެ ޝަރުތެއް ބިމާބެހޭ ޤާނޫނަށް އިތުރުކުރުން ބުއްދިވެރިއެވެ. އެހެންނޫންނަމަ ބިން ދޫކުރި އަސްލު މަޤްޞަދު ޙާޞިލެއް ނުވާނެއެވެ.

Advertisement
Advertisement

ގުޅޭ ޚަބަރުތައް

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%