އިސްރާއީލާއި ދެކޮޅަށް ތުރުކީން އައިސީޖޭއަށް ރަސްމީކޮށް ވަދެއްޖެއެވެ.
އިސްރާއީލާއި ދެކޮޅަށް ނަސްލު ނައްތާލުމުގެ ކުށުގައި ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ވައްދާފައިވާ މައްސަލައަށް ތުރުކީވިލާތުން ރަސްމީކޮށް ބައިވެރި ވެއްޖެކަން މިހާރު ވަނީ އިޢުލާންވެސް ކޮށްފައެވެ.
ތުރުކީން އެންމެ ފުރަތަމަ މި މައްސަލައާ ގުޅޭނެކަން އިއުލާންކުރީ މެއި މަހު އެވެ. ނަމަވެސް، ގާނޫނީ ގޮތުން ކުރިމަތިވާ ދަތިތަކާއި ކުރިއަށް އޮތްތަނުގައި ކުރިމަތިވެދާނެ ނަތީޖާތަކުގެ ސަބަބުން އެ މައްސަލައިގައި ބައިވެރިވުމާމެދު ގޮތެއް ނިންމަން ދެމަހަށްވުރެ ގިނަ ދުވަސް ނެގިއެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާން ވަނީ ސޯޝަލް މީޑިއާގައި އިސްރާއީލުގެ އަމަލުތަކަށް ފާޑުވިދާޅުވެ، ބައިނަލްއަޤްވާމީ މުޖުތަމަޢުން ޢަމަލުކުރަންޖެހޭނީ ނަސްލު ނައްތާލުން ހުއްޓުވައި އިސްރާއީލާއި އެގައުމުގެ ސަޕޯޓަރުންނަށް ޕްރެޝަރު ކުރުމަށް ކަމަށް ވިދާޅުވިއެވެ.
ތުރުކީގެ ތަދައްޚުލުވުން ބިނާވެފައިވަނީ އައިސީޖޭގެ ގަވާއިދުގެ 63 ވަނަ މާއްދާގެ މައްޗަށެވެ. އެއީ ނަސްލު ނައްތާލުން ހުއްޓުވުމަށާއި އަދަބު ދިނުމާއިގުޅޭ މާއްދާއެވެ.
މި މައްސަލައިގައި ނިކަރާގޫއާ، ކޮލަމްބިއާ، ލީބިޔާ، މެކްސިކޯ، ފަލަސްތީން، އަދި ސްޕެއިން ފަދަ ގައުމުތަކުން ވެސް ވަނީ ތަދައްޚުލްވެފަ އެވެ.
ތުރުކީން ބުނާ ގޮތުގައި އައިސީޖޭގައި އެންމެ ފުޅާކޮށް ވަކާލާތު ކުރާނީ ތުރުކީންނެވެ. ތުރުކީގެ މައި އިދިކޮޅު ޕާޓީ ސީއެޗްޕީން ވަނީ ގާނޫނީ ގޮތުން ކުރިމަތިވެދާނެ މި ގޮންޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދެކުނު އެފްރިކާއިން އޮކްޓޯބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ދައުވާ ހުށަހެޅުމާއި، އިސްރާއީލުން ޖަވާބުދާރީވުމަށް ޖުލައި 28، 2025 ގެ ނިޔަލަށް ކޯޓުން ކަނޑައަޅާފައިވާއިރު، ތުރުކީގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި މުޅި ގާނޫނީ މަރުހަލާއަށް ހަތަރު އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ނަގާފާނެ އެވެ.
ތުރުކީން އުންމީދުކުރާ ގޮތުގައި އެގައުމުގެ މި ނިންމުމުުގެ ސަބަބުން ޣައްޒާގެ މިހާރުގެ ހާލަތަށް ހައްލެއް ލިބިގެންދާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި މިފަދަ މުސީބާތްތައް ހައްލުކުރުމަށް ދުނިޔޭގެ ގާނޫނީ ނިޒާމު ހަރުދަނާވެގެންދާނެ ކަމަށެވެ.



