މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ރިޕޯޓްކުރާ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ސަރުކާރަށް ދައްކަންޖެހޭ 15.4 ބިލިއަން ރުފިޔާ ނުދައްކާ އެބަހުއްޓެވެ. މީގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ 7.7 ބިލިއަން ރުފިޔާ އާއި އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި 7.6 ބިލިއަންރުފިޔާ ހިމެނެ އެވެ. އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ ރިސޯޓު ކުލީގެ ގޮތުގައެވެ. މީރާއިން އާންމުކުރި ހިސާބުތަކުގައި ވާގޮތުން ރިސޯޓު އޯނަރުން ކުލީގެ ގޮތުގައި ދައުލަތަށް ނުދައްކާ ހުރި 6.9 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އަދި ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ އާއި ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި 1.6 ބިލިއަން ރުފިޔާގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި 1.1 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މަދު އަދަދެއް ނޫނެވެ.
މި ދައްކަންޖެހޭ ފައިސާ އަނބުރާ ހޯދުމަކީ ރާއްޖޭގެ އިގްތިސާދީ ސިއްހަތާއި ތަރައްގީއަށް ވަރަށް މުހިންމު ކަމެކެވެ.

ސްޓްރެޓެޖީސް ފޯރ ރިކަވަރީ
މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ހާއްސަ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ މި ފައިސާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާ އޭރުން ދައުލަތުގެ ދަރަނިވެސް ދެއްކޭނެއެވެ. އެހެންކަމުން މިއީ ކޮންމެހެންވެސް ހޯދަންޖެހޭ ފައިސާއެވެ.
މި ނުދައްކާ ހުރި އަދަދުތައް އަނބުރާ ހޯދުމަށް ދިވެހި ސަރުކާރަށް ތިރީގައިވާ ސްޓްރެޓެޖީތަކަށް ވިސްނާލެވޭނެއެވެ.
ތަންފީޒުކުރުމުގެ ފިޔަވަޅުތައް ހަރުދަނާކުރުން: ޓެކްސްއާއި ކުލީގެ ވާޖިބުތަކަށް އަމަލުކުރާކަން ކަށަވަރުކުރުމަށްޓަކައި ތަންފީޒުކުރުމުގެ އިތުރު ހަރުކަށި ފިޔަވަޅުތައް އެޅިދާނެއެވެ. މީގެ ތެރޭގައި ގިނަގިނައިން އޮޑިޓް ކުރުމާއި ގަވާއިދަށް އަމަލު ނުކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުން ހިމެނެ އެވެ.
އިންސެންޓިވް ޕްރޮގްރާމްސް: ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ހަމަޖައްސައިދޭ ފަރާތްތަކަށް ޖޫރިމަނާ ނުވަތަ އިންޓަރެސްޓް ކުޑަކޮށްދޭ މައާފު ދިނުމުގެ ޕްރޮގްރާމްތައް ތައާރަފްކުރެވިދާނެއެވެ.
ގާނޫނީ ފިޔަވަޅު: ދައުލަތަށް ނުދައްކާ “ބަގުޑި ބައްދައިގެން އުޅޭ” ފައިސާ ހޯދުމަށް ޑިފޯލްޓަރުންނާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެއެވެ. ރައީސް ވިދާޅުވީ ކޯޓަށް ގޮސްގެންވެސް މި ފައިސާ ހޯދާނެ ކަމަށެވެ. އެހެންކަމުން، މިއީ އެސެޓްތައް އަތުލައިގަތުމުގެ އިންޒާރަކަށް ފުދެއެވެ.
ޕޭމަންޓް ޕްލޭންސް: ބޮޑެތި އަދަދުތަކުން ދައްކަން އުނދަގޫވާ ފަރާތްތަކަށް ފްލެކްސިބަލް ޕޭމަންޓް ޕްލޭންތައް ހުށަހެޅޭނެއެވެ. ވަކި މުއްދަތެއްގެ ތެރޭގައި އިންސްޓޯލްމަންޓުން ވެސް ފައިސާ ދެއްކޭނެއެވެ.
ނުދައްކާ ފައިސާގެ ގެއްލުންތައް
ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި މި ދައްކަންޖެހޭ ފައިސާ ނުލިބި ހުރުމަކީ ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމެކެވެ:
އާންމު ހިދުމަތްތައް މަދުވުން: ފައިސާ ނެތުމުގެ ސަބަބުން ސިއްހީ ފަރުވާ، ތައުލީމާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ފަދަ ކޮންމެހެން ބޭނުންވާ އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގާބިލްކަމަށް ސީދާ އަސަރު އެބަ ކުރެއެވެ.
އިޤްތިޞާދީ ނުތަނަވަސްކަން: ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން އިޤްތިޞާދީ ނުތަނަވަސްކަން އުފެދި، ބަޖެޓް ޑެފިސިޓް އުފެދި، ލޯނު ނެގުން އިތުރުވެ، ޤައުމީ ދަރަނި މިއޮތީ އިންތިހާއަށް އިތުރުވެފައެވެ.
އިތުބާރު ގެއްލުން: ގަވާއިދުތަކަށް އަމަލު ނުކުރުމާއި ތަންފީޒު ނުކުރެވުމަކީ ސަރުކާރަށް އިގްތިސާދު ފައިދާހުރި ގޮތެއްގައި ބެލެހެއްޓުމުގެ ގާބިލްކަމަށް އާންމުންގެ އިތުބާރު ގެއްލިގެންދާ ކަމެކެވެ.
އިންފްލޭޝަނަރީ ޕްރެޝަރސް: ބަޖެޓްގެ ދަތިކަން ފޫބެއްދުމަށް ސަރުކާރުން ވަނީ (ފައިސާ ޗާޕު ނުކޮށް) މަރުކަޒީ ބޭންކުން ލޯނު ނަގާފައެވެ. މިކަމުގެ ސަބަބުން އިންފްލޭޝަން އުފެދި، ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ބަދަލު އައިސްފައިވާ ކަމަކީ ހަގީގަތެވެ.
ޤާނޫނުގެ ވެރިކަން ފުނޑުފުނޑުވުން: ޓެކްސްއާއި ކުލީގެ ޤާނޫނުތައް އެއްގޮތަކަށްވެސް ތަންފީޒު ނުކުރުމަކީ ޤާނޫނުގެ ވެރިކަން ގެއްލި، ތަބާނުވުމަށް ހިތްވަރު ލިބިގެންދާނެ ކަމެކެވެ.
15.4 ބިލިއަން ރުފިޔާ ރިކަވަރ ކުރަން ޖެހޭ!
އިޖުތިމާޢީ ހެޔޮ ދުޅަހެޔޮކަމާއި އިޤްތިޞާދީ ކުރިއެރުމަށް ކޮންމެހެން ބޭނުންވާ އާންމު ޚިދުމަތްތައް ދެމެހެއްޓުމާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެކަށީގެންވާ ފައިސާ ބޭނުންވެއެވެ.
ހުރިހާ ފަރާތްތަކުންވެސް އެމީހުންގެ އަދުލުވެރި ހިއްސާ ދައްކާކަން ކަށަވަރުކުރުމަކީ، ޞިއްޙަތު ރަނގަޅު އިޤްތިޞާދީ މާޙައުލަކަށް އެހީތެރިވެދީ، އެތެރޭގެ އިންވެސްޓްމަންޓާއި ބޭރުގެ އިންވެސްޓްމަންޓް ޝައުޤުވެރިވާ ކަމެކެވެ.
އާމްދަނީ އިތުރުކުރުމުގެ ތެރެއިން ބަޖެޓް ޑެފިސިޓް ކުޑަކުރުމަކީ ގައުމީ ދަރަނީގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ ކަމެއް ކަމެއް ކަމަށް ވާއިރު، މިއީ އިގްތިސާދީ މުސްތަގުބަލެއް ބިނާކުރުމަށް ކޮންމެހެންވެސް ހޯދަންޖެހޭ ފައިސާއެވެ.
ލިބެންޖެހޭ ހުރިހާ އާމްދަނީއެއް އެއްކުރުމަކީ މާލީ ޒިންމާ ވަރުގަދަވެ، ޤައުމުގެ މާލިއްޔަތު ބެލެހެއްޓުމުގައި ސަރުކާރުގެ އިތުބާރު ވަރުގަދަވެގެންދާ ކަމެކެވެ.
ކޮމްޕްލައިންސް ކަށަވަރުކޮށް ޓެކްސް ނިޒާމުގައި އިންސާފުވެރިކަން އިތުރުކޮށްދީ މި ނިޒާމުގައި ހުރިހާ ފަރާތްތަކުންވެސް އެމީހުންގެ އަދުލުވެރި ހިއްސާ ގައުމީ ޚަޒާނާއަށް ޖަމާކުރެވެން އެބަ ޖެހެއެވެ. ވަކި މީހަކަށް ވަކި ގޮތެއް އޮވެގެން ނުވާނެއެވެ.
އެހެންކަމުން މި ފައިސާ ހޯދަން ޢަމަލުކުރަންވީ ވަގުތު މިއޮތީ ޖެހިފައެވެ. ސަރުކާރުން އެދަނީ ފިޔަވަޅު އަޅަމުންނެވެ. ފައިސާ ނުދައްކާ ތިބި މީހުންގެ ލިސްޓު ވެސް އާންމު ކޮށްފިއެވެ. ގައިމު އަބުރު ރައްކާތެރިކުރަންވެސް ލަދެއް ހުރިއްޔާ ފައިސާ ދައްކަންވީއެވެ. މި ފައިސާ ހޯދުމަށްޓަކައި ހޯލްޑް ނުކުރެވެންވީ ޕާސްޕޯޓެއް މިކަމުގައި އޮވެގެން ނުވާނެއެވެ. އަތުލަފި ކޮށްގެންވެސް މިފައިސާ ހޯދެން އެބަ ޖެހެއެވެ. އިޤްތިޞާދަށާއި އަދި ޤައުމުގެ ރައްޔިތުންގެ ފައިދާއަށެވެ.



