އާމަންޑް "މޮންޑޯ" ޑޫޕްލާންޓިސް މިފަހަރު ޕެރިސް 2024 އޮލިމްޕިކް ގޭމްސްގައި މީހުންގެ ހިތްތައް ދަމައިގަތީ އޭނާގެ ތަފާތު ޕާފޯމަންސަކުންނެވެ. އުމުރުން 24 އަހަރުގެ ސްވިޑެން-އެމެރިކާ ޕޯލް ވޯލްޓަރު މިފަހަރު ހެދި ތާރީހަކީ 6.23 މީޓަރު އުސްމިނަށް ފުންމާލައިގެން އޭނާގެ އަމިއްލަ ދުނިޔޭގެ ރެކޯޑް މުގުރާލުމެވެ.
މޮންޑޯ އަކީ ފުރާވަރުގެ ދުވަސްވަރުން ފެށިގެން ޕޯލް ވޯލްޓިންގެ ތަރިއެކެވެ. މިހާތަނަށް ކުޅުނު އެންމެ މޮޅު ޕޯލް ވޯލްޓަރަކީ އޭނާ ކަމުގައި މިފަހަރު މިވަނީ ސާބިތު ކޮށްދީފައެވެ.
މޮންޑޯގެ ކާމިޔާބީ އަކީ އޭނާގެ ބުރަ މަސައްކަތާއި މޮޅު ހުނަރެވެ. އޭނާ އުފަންވީ ވެސް އެތުލީޓުންގެ އާއިލާއަކަށެވެ. ބައްޕައަކީ ޕޯލް ވޯލްޓަރެކެވެ. މަންމައަކީ ހެޕްޓަތްލީޓެއް އަދި ވޮލީބޯޅަ ކުޅުންތެރިއެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެމީހުންގެ އެއްބާރުލުމާއެކު މޮންޑޯ ވަނީ ވަރަށް ބުރަ ބުރަ އެކްސަސައިޒްތަކާއެކު ޕޯލް ވޯލްޓް ކުޅެން ފަށާފައެވެ. މިއީ މިއަދު އޭނާއަކީ ޗެމްޕިއަނަކަށް ވުމުގެ އަސްލު ސަބަބެވެ.
ފާހަގަ ކޮށްލަން ޖެހޭ މުހިއްމު އަނެއް ކަމަކީ މޮންޑޯ ދުނިޔޭގެ ޖޫނިއާ ރެކޯޑެއް ހެދީ އޭނާގެ އުމުރުން އެންމެ 18 އަހަރުގައެވެ. އޭގެ ފަހުން އޭނާ ދިޔައީ ރެކޯޑްތައް މުގުރަމުންނެވެ. 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ވަނީ 6.22 މީޓަރުގެ ސީނިއާ ވޯލްޑް ރެކޯޑެއް ގާއިމްކޮށްފަ އެވެ. އެއަށްފަހު މިފަހަރު ޕެރިސް އޮލިމްޕިކްސްގައި އޭނާ މިވަނީ އެންމެން ހައިރާން ކޮށްލާފައެވެ.

މިފަހަރުގެ އޮލިމްޕިކްގައި އޭނާ ފުންމާލުމުގެ ކުރިން ވެސް ހާއްސަ ކަމެއް ފެންނަން އުޅޭހެން ބަލަންތިބި މީހުންނަށް ހީވިއެވެ. ކަން ވީވެސް އެހެންނެވެ. ވަރަށް ރަނގަޅަށް ފޯކަސް ކޮށްގެން ހުރެ ހަމަޖެހިލައިގެން ދުވެފައި ގޮސް ސްޕީޑާއި ޓެކްނިކާއި އެކު އަތަށް ބާރު ލާފައި ޕޯލް ޖެއްސި ގޮތަށް ވައިގެތެރެއަށް އޭނާ މައްޗަށް އަރައިގެން ދިޔައީ އާދަޔާ ހިލާފު ހަލުވި މިނެއްގައެވެ.
މޮންޑޯ އެހާ މައްޗަށް ފުންމާލިއިރު އޭނާއަށް ހަޅޭ ލެވުނީ ރެކޯޑު މުގުރާލުމިުގެ އިހުސާސް ޔަގީން ކުރެވުމުން ކަހަލައެވެ. އެއާއިއެކު ސްޓޭޑިއަމްގައި ތިބި އެންމެނަށް އުފަލުން ހަޅޭލެވުނުއިރު އެއީ އަޖައިބުކުރަނިވި މަންޒަރެކެވެ. އޭނާގެ ވާދަވެރިން ހިމެނޭ ގޮތަށް އެންމެން ވެސް އެ ފެނުނު ކަންތައްތަކަށް ތައުރީފު ކުރި އެވެ.

ޕެރިސް 2024 އޮލިމްޕިކްސްގައި މޮންޑޯ ޑޫޕްލާންޓިސް ރެކޯޑް މުގުރާލި ޕާފޯމެންސަކީ އޭނާ ލެޖެންޑަކަށް ވުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތުލީޓުންނަށް ވެސް އިންސްޕަޔަރ ކުރި ކަމެކެވެ.



