ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) އަކީ ދުނިޔޭގެ ނިސްބަތުން ނަސްލު އުފެއްދުމުގެ އުމުރުގެ ގާތްގަނޑަކަށް %10 އަންހެނުންނަށް ޖެހޭ އާންމު އެންޑޮކްރައިން ޑިސްއޯޑަރެކެވެ. މި ބަލި ފެތުރިގެން ދިޔަ ނަމަވެސް، ގިނަ ބަޔަކަށް އޭގެ ނަތީޖާތަކާއި، އަވަހަށް ޑައިގްނޯސްކޮށް މެނޭޖްކުރުމުގެ މުހިންމުކަން ނޭނގެއެވެ.
ޕީސީއޯއެސްގެ ސިފައަކީ ހޯމޯންތަކުގެ އިމްބެލެންސް ނުވުމާއި، މައްސަރު ކަންތައް ގަވާއިދާ ހިލާފުވުމާއި، ބިސްގަނޑުގައި ކުދިކުދި އެތައް ސިސްޓްތަކެއް ހުރުމެވެ. އަލާމާތްތައް ތަފާތު ނަމަވެސް ގިނަ ފަހަރަށް ބަރުދަން އިތުރުވުމާއި، އިސްތަށިގަނޑު މާބޮޑަށް ފޭބުމާއި، ދަރިމައިވުމުގެ މައްސަލަތައް ހިމެނެއެވެ. ޕީސީއޯއެސް ޖެހުމަށް މެދުވެރިވާ ސީދާ ސަބަބު އަދި ސާފެއް ނުވި ނަމަވެސް މިއީ ޖެނެޓިކް އަދި ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކެއް ހިމެނޭ ކަމެއް ކަމަށް ބެލެވެ އެވެ.
ޕީސީއޯއެސް އަވަހަށް ދެނެގަނެ މެނޭޖްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ޕީސީއޯއެސް އަށް ފަރުވާ ނުދީފިނަމަ ޓައިޕް 2 ހަކުރުބަލި، ކާޑިއޯ ވެސްކިއުލަރ ޑިޒީޒް، އަދި އެންޑޯމެޓްރިއަލް ކެންސަރު ފަދަ ސިއްހީ ގޮތުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެދާނެ އެވެ. މީގެ އިތުރުން މި ހާލަތުގެ ސަބަބުން ނަފްސާނީ ސިއްހަތަށް ވަރަށް ބޮޑަށް އަސަރުކޮށް، ހާސްކަމާއި، ޑިޕްރެޝަން އަދި އަމިއްލަ ނަފްސަށް އިޙްތިރާމް ކުޑަވުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ.
ޕީސީއޯއެސްއާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީ އަވަހަށް އިންޓަރވެންޝަން އަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަލާމާތްތައް ފެންނަ އަންހެނުންނަށް އެކަށީގެންވާ ޑައިގްނޯސިސް އާއި ފަރުވާ ހޯދުމަށް ޑޮކްޓަރުގެ ލަފާ ހޯދަން ޖެހެ އެވެ. ދުޅަހެޔޮ ކާނާ ކެއުމާއި ގަވާއިދުން ކަސްރަތު ކުރުން ފަދަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމަކީ އަލާމާތްތައް މެނޭޖް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހޯރމޯން ތެރަޕީ އާއި މެޓްފޯމިން ފަދަ ބޭސްތައް ހިމެނޭ ގޮތަށް މެޑިކަލް ފަރުވާތަކަކީ ވެސް މި ހާލަތު މެނޭޖްކުރުމުގައި ފައިދާހުރި ފަރުވާތަކެކެވެ.
ޕީސީއޯއެސް ދެނެގަތުމަކީ އަންހެނުންނަށް ސިއްހަތުގެ ކޮންޓްރޯލް ހޯދައި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދިގު މުއްދަތަކަށް ކުރިމަތިވާ އުދަނގޫތަކުން ރައްކާތެރިވުމަށް ބާރުއަޅާ ކަމެކެވެ. ހޭލުންތެރިކަމާއި ތައުލީމަކީ އަސަރުކުރާ މީހުންނަށް އެހީތެރިވުމާއި އަންހެނުންގެ ސިއްހަތަށް ޕްރޮއެކްޓިވް ގޮތެއް އުފެއްދުމަށް މުހިންމު ކަމެކެވެ.








