ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު އަލުން ބައްޓަން ކޮށްލި މުހިންމު ނިންމުމަކަށް މިއަދަކީ 1 އަހަރު ފުރޭ ދުވަހެވެ. އެމްޑީޕީގެ އަނިޔާވެރި ވެރިކަމުގައި މޫނަށް ޕެޕަރ ސްޕްރޭ އާއި ބުރަކަށްޓަށް ލަޓިބުރިތަކުން ދިން އަނިޔާތަކަށް ބެލުމެއްނެތި ޕީއެންސީ/ޕީޕީއެމުން ހުއްޓުމެއްނެތި މުޒާހަރާކޮށް ރައީސް ޔާމީނު ޖަލުން މިނިވަން ކުރުމަށް އޭރު މަސައްކަތް ކުރީ އެމަނިކުފާނަކީ ފަސްބައި ސާފު މީހެއް ކަމަށް އެމަނިކުފާނު ވިދާޅުވާތީވެ، އެމަނިކުފާނު މިނިވަން ކުރުމަށެވެ. އަނެއްކާވެސް ތަޚުތުގައި އެމަނިކުފާނު ވެޑުވުމަށެވެ.
އޭރުގެ އަބްދުއްރަހީމް އަބްދުﷲ އާއި އޭރުގެ މުހައްމަދު ހުސައިން ލަތީފު އާއި އޭރުގެ ޑރ. މުޙައްމަދު މުޢިއްޒުއާއި މިހެން ގޮސް ލިސްޓުގައި އެތައް ބޭފުޅުންނާއި ބޭކަނބަލުންނަކާއި ގައުމު ދެކެ ލޯބިވާ އެތައް ހާސް ރައްޔިތުންގެ ބިޔަ ލަޝްކަރެއް އޮތެވެ. މި އެންމެން އޭރު ބޯމަތީގައި އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ގޮތަށް ރައީސް ޔާމީން ޖަލުން ދޫކޮށްލުމަށް ގަދައަޅައި މަސައްކަތް ކުރި ނަމަވެސް، ޕާޓީގެ ކުރިމަގަށް ހިޔަނި އެޅި، ޔާމީން ޖަލުން ނެރެވޭނެ ގޮތެއް ނުވިއެވެ. ޔާމީން ޖަލުގައި ހުންނަން ޖެހުމުގެ ހަގީގަތާ ކުރިމަތިލާން ޖެހުމުން ޕީޕީއެމް އޮތީ ހުރަސްމަގެއްގެ ތެރޭގަ އެވެ.
މިހިސާބުން ޕީޕީއެމް/ޕީއެންސީން ނިންމީ ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބަލިކޮށްލަން ރައީސް ޔާމީނުގެ ބަދަލުގައި ކެންޑިޑޭޓެއް ނެރުމަށެވެ. ޖަލުގައި ހުންނެވި ޔާމީނު އޭރު ވިދާޅުވީ އެމަނިކުފާނަށް ވެރިކަމަށް އާދެވެން އޮތް ދޮރު ބަންދުވެފައިވާތީ އެހެން އެއްވެސް ކެނޑިޑޭޓަކު ޕީޕީއެމް/ޕީއެންސީން ނުނެރެ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.
ނަމަވެސް ރައީސް ޔާމީނު ޖަލުން ނެރެން ޖެހޭތީވެ ކޮންމެއަކަސް، މަގުމަތީގެ ހަރަކާތްތަކުގައި ވަރުބަލިކަމެއްނެތި އުޅުނު މީހުން ނިންމީ ޑރ. މުއިއްޒު އިންތިހާބަށް ނެރެ އެމްޑީޕީ ބަލިކޮށްލުމަށްފަހު ޔާމީން ޖަލުން މިނިވަން ކުރެއްވުމަށެވެ. އަނިޔާވެރި ވެރިކަމެއްގެ ދިދައިގެ ދަށުން މި ގައުމު ސަލާމަތްކޮށް، އިންޑިއާގެ މިލިޓަރީ ބޭހެއް ދިވެހި ފަސްގަނޑުގައި ގާއިމް ކުރުމަށް އެމްޑީޕީން ހަދަން އުޅުނު މަކަރުވެރި ޑީލް ހުއްޓުވައި މި ގައުމު ސަލާމަތުގެ އައްސޭރިފަށަށް ގެންގޮސްދިނުމަށެވެ. މި ނިންމުމަކީ ޚިޔާލުތަފާތުވުން ބޮޑު ނިންމުމެއް ނަމަވެސް، އެއީ ކޮންމެހެން ލާޒިމް ކަމެއްކަން ގަބޫލުކޮށް މުއިއްޒުގެ ކެންޑިޑެސީން ޕާޓީގެ އަސާސް ގަލްވާނައިޒްކޮށް އެމްޑީޕީއާ ދެކޮޅަށް އެއްބައިވަންތަ ފްރަންޓެއް ހުށަހެޅި އެވެ.
ޔާމީންގެ އެންގެވުމަށް އިންތިހާބު ބޮއިކޮޓް ކުރަން ޕީޕީއެމް/ޕީއެންސީން އެދުވަހު އިޚްތިޔާރުކުރިނަމަ، ސިޔާސީ މައިދާނުގައި އެމްޑީޕީ ވެރިކަން ކުރަމުން ދިޔައީސް އެވެ. ޔާމީންވެސް ހުންނަވާނީ ޖަލުގައެވެ. އެހެންކަމުން އެމަނިކުފާނުގެ ބަސްފުޅާއި ދެކޮޅަށް ޕާޓީން ޑރ. މުއިއްޒު ނެރުމަށް ނިންމުމުން ސިޔާސީ މާހައުލު ބަދަލުވެގެން ދިޔައެވެ. ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ކުރި ހޯއްދެވުމުން އެމްޑީޕީ ތަޚުތުން ވައްޓާލުމުގެ އިތުރުން އެންމެ ފަހުން ޔާމީން ޖަލުން ދޫކޮށްލުމަށް މަގުފަހިވެގެން ދިޔައެވެ. މިއަދަކީ މިދެންނެވި ހަގީގީ ނިންމުމަށް 1 އަހަރުވީ ތާރީހީ ދުވަހެވެ.
މި ތާރީޚީ ދުވަހަކީ ހަނދާންކޮށްދިނުމުގެ ދުވަހެކެވެ. ބޮޑެތި ހުރަސްތަކެއް ހުރި ނަމަވެސް ސިޔާސީ ކެތްތެރިކަމާއި ސްޓްރެޓެޖިކް ދުރުވިސްނުމުގެ މިސާލެކެވެ. އެދުވަހުގެ ނިންމުމަކީ ހަމައެކަނި އިންތިޚާބެއް ކާމިޔާބު ކުރި ނިންމުމެއް ނޫނެވެ. އެއީ ހަރަކާތެއް ދިރުވައި، ގައުމުގެ މިސްރާބު އަލުން ކަނޑައެޅި ނިންމުން ނިންމި ދުވަހެވެ.
އެއް އަހަރު ފަހުން މި އިޚްތިޔާރުގެ ފައިދާ ސާފުވެގެންދެއެވެ. ރައީސް ޔާމީން މިނިވަންވެވަޑައިގެން، ރައީސް މުއިއްޒުގެ ލީޑަރޝިޕްގެ ދަށުން ޕީޕީއެމް/ޕީއެންސީން ގެންދަވަނީ ދިވެހިރާއްޖެ އާ މުސްތަގުބަލަކާ ދިމާލަށް ގެންދަމުންނެވެ. ޔާމީން ޖަލަށްލި ނަމަވެސް ކެންޑިޑޭޓަކު ނެރެން ނިންމުމަކީ ހަމައެކަނި ސިޔާސީ އުކުޅެއް ނޫނެވެ. އެއީ ރައްޔިތުންގެ އަޑު އިވި، އެމީހުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި އަހަރީ ދުވަހާ މެދު ދިވެހިރާއްޖެއިން ވިސްނާލާއިރު، މި މުހިންމު ނިންމުމެއް ނެތި، މިއަދު ޤައުމަށް ކުރިމަތިލާން ޖެހޭނީ ވަރަށް ތަފާތު ހަޤީޤަތެކެވެ. މިތަނުގައި ލިބޭ ފިލާވަޅަކީ، މުސީބާތްތަކާ ކުރިމަތިލާއިރު، ސްޓްރެޓެޖިކް އަދި ކެރިގެން ކުރާ އަމަލުތަކުގެ ސަބަބުން ބަދަލު ގެނައުމުގެ ނަތީޖާތަކެއް ލިބިދާނެ ކަމެވެ. އެއްބައިވަންތަކަމުގައި ދެމިއޮންނަން އެއްބަޔަކު ބޭނުން ނުވި ކަމުގައި ވިޔަސް، މިއަދު ޔާމީނަށް އެމަނިކުފާނުގެ ގޭގައި އަނބިކަނަބަލުންނާއި އާއިލާއާއެކު މީރު ކެއުން ކައިގެން ގުދުރަތީ ސާފު ވައި ހޯއްދަވައިގެން އޭސީ ކޮޓަރީގައި އަރާމު އެނދުގައި ނިދިކުރެއްވެނީ 2023 ވަނަ އަހަރުގެ އޮގަސްޓު 7 ވަނަ ދުވަހު ނިންމެވި ނިންމެވުމުގެ ސަބަބުނެވެ. އާދެ! ރައީސް ޔާމީނު ގައުމުގެ ބައިތުލްމާތު ލޫޓުވައިގެންނޭ ބުނެ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ކުރުމުން ކަމަށްބުނެ ޖަލުގައި ބަންދުކޮށްފައި ހުރުމުުން އެމަނިކުފާނަށް ރިޔާސީ ޓިކެޓް ގެއްލުނީތީވެ ޕްރޮގްރެސިވް ކޯލިޝަނުން އެމްޑީޕީއަށް ތަބަކަކަށް ލާފައި ވެރިކަން ހަވާލުކުރުމަށް އެދުވަހު ޔާމީން ވިދާޅުވި ވިދާޅުވުމަށް "ނޫނެކޭ" ބުނި ދުވަހަށް މިއަދު 1 އަހަރު ފުރުނީއެވެ. ރާއްޖެއަށް ކުރިމަތިލާން ޖެހުނު ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންދިޔަ ދުވަސްތައް އެއްފަރާތްކުރެވި އަލިކަމާއި އުފާފާގަތިކަމަށް މިއަދު 1 އަހަރުވީ، އެދުވަހު އެ ނިންމުން ނިންމުމުގެ ސަބަބުނެނެވެ. ނަތީޖާ ވަރަށްވެސް ފޮންޏެވެ. ޔާމީނާއި ދެކޮޅު އެނިންމުމުގެ ސަބަބުން މިއަދު ރާއްޖެ މިދަނީ އާ މުސްތަގްބަލަކާއި ދިމާލަށެވެ.



