މިދިޔަ ހަފްތާގައި ތެހެރާނުގައި ހަމާސްގެ އިސް ވެރިޔާ އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލި މައްސަލައިގައި ހަނގުރާމައެއް ނުކުރުމަށް އީރާނުން އިޝާރާތްކޮށްފިއެވެ.
ހަބަރުތައް ބުނާގޮތުގައި އީރާނުން ބަދަލު ހިފުމުގެ ގޮތުން އިސްރާއީލާ އެކު ހަނގުރާމައެއްކޮށް ސަރަހައްދީ ބޮޑު ހަމަނުޖެހުމެއް ހިންގާކަށް ބޭނުން ނުވާ ކަމަށާއި ނަމަވެސް އިސްރާއީލުގެ ފަރާތުން ބަދަލު ހިފާނެ ކަމަށެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަނާނީ ހޯމަ ދުވަހު ވިދާޅުވީ ސަރަޙައްދުގެ ހަމަޖެހުމާއި ސަލާމަތީ ކަންކަން ވަރުގަދަ ކުރެވޭނީ ހަމަލާ ދިން މީހާއަށް އަދަބުދީ އިސްރާއީލާއި އެގައުމުގެ އުދުވާންތަކާއި ދެކޮޅަށް ފިޔަވަޅު އަޅައިގެންނެވެ.
ބައިނަލްއަޤްވާމީ ޤާނޫނުގެ އިމުގެ ތެރެއިން އީރާނަށް ބަދަލު ހިފުމުގެ ހައްގަށް ބާރުއަޅުއްވަމުން ކަނާނީ ސާފުކޮށްދެއްވީ އީރާނުން ޓެންޝަންތައް އިތުރަށް ބޮޑުކުރަން މަސައްކަތް ނުކުރާ ކަމަށެވެ.
ޝަހީދު ކޮށްލުމާއި ގުޅިގެން އީރާނުން ވަނީ އެ ހާދިސާއާއި އީރާނުން ދޭ ރައްދުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުއްލި ބައްދަލުވުމެއް ބާއްވަން ގޮވާލާފަ އެވެ. އެގޮތުން ތެހެރާނުގައި ތިބި ސަފީރުންނާއި މިޝަންތަކުގެ އިސްވެރިން ހާޒިރުކޮށް މަޝްވަރާ ކޮށްފައި ވެއެވެ.



